ތިއަ ލޮބުވެތި މައިންބަފައިންނަކީ ގެއަށް ގެނެވުނު ދަރިފުޅުގެވެސް މައިންބަފައިން ކަމުގަ ވެއްޖެނަމަ އަމިއްލަ ދަރިންނަށްވުރެވެސް ލޯބިވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 12ސ
ތިއަ ލޮބުވެތި މައިންބަފައިންނަކީ ގެއަށް ގެނެވުނު ދަރިފުޅުގެވެސް މައިންބަފައިން ކަމުގަ ވެއްޖެނަމަ އަމިއްލަ ދަރިންނަށްވުރެވެސް ލޯބިވާނެ! އިން ޝާ ﷲ

އިކްލީލާ

 

ދަރިން ޒަވާޖީ ޙަޔާތެއް ފަށަނީ ނުހަނު ފޮނި އުންމީދާއި އެކުގައެވެ. ދެމަފިރިން އެކުގައި ދިރިއުޅެން އެތައް ހުވަފެންތަކެއް އެކުދިންވެސް ދެކޭނެ އެވެ. 

އެކުދިންގެ ޒަވާޖީ ހަޔާތް ފުނޑު ފުނޑު ކޮއްލާނެ ފަރާތަކަށް ތިޔަ މައިން ބަފައިން ނުވާށެވެ. އެކުދިން ބިކަ ކޮއްލާނެ ފަރާތަކަށް ތިޔަ މައިންބަފައިން ނުވާށެވެ. 

ދަނބި ދަރިންގެ ފަރާތުން ހިތްހަމަ ނުޖެހޭ ކަމެއް ފެންނަ ހިނދު އަމިއްލަ ދަރިއެއް ފަދައިން ނަސޭހަތް ދީ ހަދާށެވެ. އަމިއްލަ ދަރިންގެ ފަރާތުން ފެންނަ ހިތްނޭދެވޭ ކަންތައްތަކަށް ނަސޭހަތްތެރިވެ ހަދާ ފަދައިން ދަނބި ދަރިފުޅާ ދޭތެރޭ ވެސް ހިތާށެވެ. 

އިންސާނާގެ ހިތަކީ ލޯތްބާއި އަޅާލުން ލިބޭ ފަރާތަކަށް ދާދި ފަސޭހައިން ލެނބޭ އެއްޗެކެވެ. ތިބާގެ ތިޔަ ދަނބި ދަރިފުޅަކީ ވެސް ކޮންމެވެސް ބަޔަކު ވަރަށް ލޯބިން ބޮޑު ކޮއްފައި ހުންނާނެ ދަރިއެކެވެ. އަމިއްލަ މައިން ބަފައިންނާއި އާއިލާ ދޫކޮށް ތިބާގެ ދަރިފުޅާއި ކައިވެނި ކޮއްގެން އެ އައީ ތިބާގެ ދަރިފުޅުގެ މުޅި ދިރިއުޅުންކަމުގައިވެގެންނެވެ. 

ދުވަސްކޮޅަކުން އެ ދަރިފުޅުގެ ދަރިންގެ މަންމައެވެ ނުވަތަ ބައްޕައެވެ. ތިބާގެ މާމަ ކާފަ ދަރިންގެ މައިންބަފައިންނެވެ. 

ދަރިން ޒަވާޖީ ޙަޔާތެއް ފެށުމަށްފަހު އެކުދިން އުފަލުގައި ހަޔާތް ވޭތުކުރާނެ ސަބަބެއްކަމުގައި ތިޔަ މައިންބަފައިން ވާށެވެ. ދިރިއުޅުމުގައި އެކުދިންވެސް ދެމަފިރިން ދޭތެރޭ ކުދި ކުދި މައްސަލަ ޖެހޭނެއެވެ. ދަރިން އެ މައްސަލަތައް ހިއްސާކުރާ ކޮންމެ ފަހަރަކު ވަރިވުމަށް ނުވަތަ ވަރިކުރުމަށް ނަސޭހަތްތެރި ނުވާށެވެ. ވަރި ވެގެން ދެމަފިރިން ވަކި ވެއްޖެނަމަ ބިކަވެގެންދާނީ ތިޔަ މައިންބަފައިންގެ ދެލޮލުގެ ކޮއިފަދަ މާމަ ކާފަ ދަރިންގެ ހަޔާތެވެ. 

ތިބާގެ ދަރިން ހިއްސާ ކުރާވާހަކަތައް އަޑުއަހައި އެކުދިންނަށް ކެތްތެރިވާން ބުނެދޭށެވެ. އަޅުކަމުގައި އިތުރަށް ހީވާގި ވެ ﷲ ހަޟްރަތުން މަދަދަށް އެދި ދެންނެވުމަށް ބުނެދޭށެވެ. ހިތާމައެއް ކުރިމަތި ވާނީ އެކަމުން އަރައިގަނެވޭނެ މަގާއި ވެސް އެކުގައެވެ. އެކަލާނގެއާ ވަކީލު ކުރުމަށްވެސް ބުނެދޭށެވެ. 

ކައިވެނީގެ ގޮށް މޮހެލަންވާނީ ދިރިއުޅެވޭނެ އެއްވެސް ސަބަބެއް ނުފެންނަ ހިސާބުންނެވެ.

ވަރިއަކީ ހުއްދަ ކުރެއްވި ކަންތައްތަކުގެ ތެރެއިން ﷲ ސުބުހާނަހޫ ވަތައާލާ އެންމެ ނުރުއްސަވާ އެއްކަންތަކެވެ. އެކަން ދަރިންނަށް ރަނގަޅަށް ބުނެދޭށެވެ. 

"އަހުރެންގެ އަމިއްލަ ދަރިންނަށްވުރެ އެސޮރުގެ އަނބިމީހާ މާރަނގަޅު، މާހެޔޮކޮށް ހިތާ!" މިއީވެސް ހަމަ އިވޭ އަޑުތަކެވެ. ތިއަ ލޮބުވެތި މައިންބަފައިންނަކީ ތިއަބައިމީހުންގެ ގާތަށް ގެއަށް ގެނެވުނު ދަރިފުޅުގެވެސް މަންމައާ ބައްޕަ ކަމުގައި ވެއްޖެނަމަ އަމިއްލަ ދަރިންނަށްވުރެވެސް ލޯބިވާކަން އެއީ ހަމަ ވަރަށް ގިނައިން ފެންނަމުން އަންނަ ކަމެކެވެ. އިން ޝާ ﷲ

މިއަދު އޮންލައިން