ފަތިސް ނަމާދަށް ހޭލުމަށް ކުރެވިދާނެ ބައެއް ކަންކަން-

ކިޔުމަށް ހޭދަވާނީ 3މ 56ސ
ފަތިސް ނަމާދަށް ހޭލުމަށް ކުރެވިދާނެ ބައެއް ކަންކަން-

ޢާއިޝަތު ރަފާޙް ޢަލީ

 

ފަތިސް ނަމާދަކީ ﷲ ތަޢާލާ މުސްލިމުންގެ މައްޗަށް، ފަރްޟުކުރައްވާފައިވާ ފަސް ނަމާދުގެ ތެރެއިން ދުވަހުގެ ފުރަތަމަ ނަމާދެވެ. ފަތިސް ނަމާދަށް ރައްކާތެރިވުމުގެ މުހިއްމުކަމާއި ބެހޭގޮތުން ﷲ ތަޢާލާ ކީރިތި ޤުރްއާނުގެ އިސްރާ ސޫރަތުގެ 78 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. 

أَقِمِ الصَّلَاةَ لِدُلُوكِ الشَّمْسِ إِلَىٰ غَسَقِ اللَّيْلِ وَقُرْآنَ الْفَجْرِ ۖ إِنَّ قُرْآنَ الْفَجْرِ كَانَ مَشْهُودًا ﴿٧٨﴾‏

މާނައީ: "އިރު މެދުން ފިލުމުން، ރޭގަނޑުގެ އަނދިރިކަމާ ހަމަޔަށް، ކަލޭގެފާނު ނަމާދު قائم ކުރައްވާށެވެ! (އެބަހީ: މެންދުރު ނަމާދާއި، عصر ނަމާދާއި، مغرب ނަމާދާއި، عشاء ނަމާދު قائم ކުރައްވާށެވެ!) އަދި ފަތިސްނަމާދު ކުރައްވާށެވެ! ހަމަކަށަވަރުން، ފަތިސްނަމާދަކީ، (ރޭގަނޑުގެ ملائكة ންނާއި ދުވާލުގެ ملائكة ންގެ ފަރާތްޕުޅުން) ހެކިލިބިގެންވާ ނަމާދެއް ކަމުގައިވިއެވެ. (78)" 

ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ.

مَن صَلَّى الصُّبْحَ فَهو في ذِمَّةِ اللهِ، فلا يَطْلُبَنَّكُمُ اللَّهُ مِن ذِمَّتِهِ بشَيءٍ، فيُدْرِكَهُ، فَيَكُبَّهُ في نَارِ جَهَنَّمَ.

މާނައީ: "ފަތިސްނަމާދު ކޮށްފި މީހާވަނީ ﷲ ގެ ރައްކާތެރިކަމުގެ ދަށުގަ އެވެ. ފަހެ، ހަމަކަށަވަރުން ﷲ ލައްވާފައިވާ ރައްކާތެރިކަން ނިގުޅައި އިހުމާލުވެއްޖެ މީހާ ނަރަކައިގެ ތެރެއަށް އެއްލާލައްވާނެތެވެ." 

الدرر السنية - الموسوعة الحديثية - شروح الأحاديث (dorar.net) 

މިއީ ދެ ރަކްޢަތުން އެކުލެވިގެންވާ ނަމާދެކެވެ. އަދި މި ނަމާދުގެ ވަގުތަކީ ފަޖުރުގެ އަލިކަން ފާޅުވީއްސުރެ އިރުއަރައްޖެއުމަށް ދާންދެނެވެ.

ފަތިސް ނަމާދުގެ ކުރިން ފަތިސް ނަމާދުގެ ސުންނަތް ދެ ރަކްޢަތް ކުރަން ގަދައަލައި މަސައްކަތްކުރަންވާނެއެވެ. އެގޮތުން މި ލިޔުމުގައި މިބަޔާން ކޮށްލަނީ ފަތިސް ނަމާދަށް ހޭލުމަށް އެހީވެދޭނެ ކަންކަމުގެ މައްޗަށެވެ. 

·       ފަތިސް ނަމާދުގެ މުހިއްމުކަމާއި އޭގެ ޘަވާބު ދެނެގަނެ، އެ ނަމާދު ދޫކޮށްލުމުން ލިބޭނެ ގެއްލުން ދެނެގަތުން

·       ފާފަކުރުމުން ދުރުހެލިވުން

·       އިޚްލާޞްތެރިކަމާއެކު ﷲ ތަޢާލާގެ ޙަޟްރަތަށް ރުޖޫޢަވެ، ދުޢާކޮށް ﷲ ތަޢާލާއަށް ވަކީލުކޮށް އަޅުކަން ކުރުމާއި ފާފަތައް ދޫކޮށްލުމުގެ ޝައުޤުވެރިކަން އަޅާއަށް ދެއްވުން އެދި ދުޢާ ކުރުން

·       ފަތިސް ނަމާދަށް ހޭލެވޭނެފަދަ ސާފު ރިންގެއްގެ އެލާމް ގަޑިއެއް ބޭނުންކުރުން

·       އަވަހަށް ނިދުން

·       ފަތިސް ނަމާދު ކުރަން ދެމެހެއްޓުމަށް އެހީތެރިވެދޭ އެއް ވަސީލަތް، ފޯނުކޯލް ނުވަތަ ޓެކްސްޓް މެސެޖް މެދުވެރިކޮށް، ނުވަތަ އެކުގައި މިސްކިތަށް ގޮސް ވަގުތު ފަތިސް ނަމާދުގެ ވަގުތު ހަނދާންކޮށްދޭ ޞާލިޙު އެކުވެރިއެއް ގެންގުޅުން

·       ނިދާ ވަގުތު ގާތްވުމުން ބަނޑު ފުރާ ނުކެއުމަށް ސަމާލުކަން ދިނުން، އެހެނީ އެކަމުގެ ސަބަބުން ފަތިސް ނަމާދަށް ހޭލަން އުނދަގޫވެގެން ދާނެތީއެވެ.

 

މިއަދު އޮންލައިން