އަޅުގަނޑުގެ އެކުވެރިންގެ ތެރެއިން އެކަކު އޭނާގެ ޢުމުރުން ބޮޑުބައެއް ހޭދަކުރީ އަޅުކަމާއި ދުރުގައެވެ. އެހެންވެ ގިނަ ބައެއްގެ ފާޑުކިޔުން އޭނާއަށް އަމާޒުވިއެވެ. ނަމަވެސް މިހާރު އޭނާއަކީ ވަރަށް ތަޤްވާވެރި އަންހެނެކެވެ. ނަމަވެސް މީހުން ކިޔައިފާނެ އެއްޗަކަށް ލަދުން ޢީދު ނަމާދަށްވެސް ނުދެއެވެ. އަންނަ ރޯދަމަހު ތަރާވީޙް ނަމާދަށް ދާންވެސް ލަދުގަތުމަކީ އެކަށީގެންވާ ކަމެކެވެ.
އެހެންކަމުން އޭނާއަށް ވިސްނައިދޭން ދޭނެ ނަޞޭޙަތެއް ބުނެދެއްވަފާނަންތޯ؟
ސުވާލުގެ ޖަވާބުގައި ބުނަން އޮތީ ތިރީގައިވާ ލިޔުން އެކުވެރިޔާއަށް ވިސްނައިދޭށެވެ! ހުރިހާ އެކުވެރިން ވެގެން ހިތްވަރުދޭށެވެ.
އުމުރުގެ ގިނަ ދުވަސްތަކެއްގައި ފާފަކުރެވޭފަހުން، މިސްކިތްތަކާއި ދުރުގައި، ނުވަތަ ގޭގައިވެސް ނަމާދުކުރުމާއި ދުރުގައި އަހަރުތަކެއް ފާއިތުވާފަހުން އެކަން އިޙްޞާޞްކުރެވި ﷲ ތަޢާލާގެ މަގަށް ރުޖޫޢަވާން ބޭނުންވުމުން ބައެއް މީހުން އެބަ ލަދުވެތިވެއެވެ. އެހެން މީހުން ދައްކާނެ ވާހަކަތަކަށް އެބަ ލަދުގަނެއެވެ.
އާދޭސްކޮށްފައި ބުނަމެވެ! އެއްވެސް މީހަކު ކިޔައިފާނެ އެއްވެސް އެއްޗަކަށް ނުވިސްނާށެވެ! ހިނައި ޠޯހިރުވެ ވުޟޫކޮށްގެން އަވަހަށް ނަމާދުކުރަންފަށާށެވެ! އަދި ފިރިހެނަކުނަމަ މިސްކިތުގެ އެންމެ ކުރީ ސަފުން ޖާގަ ހޯދާށެވެ! ކުރީ ސަފުގެ ޖާގަ ޚާއްޞަވެގެންވަނީ ވަކި މީހަކަށް ނޫނެވެ. ކުރިންސުރެ މިސްކިތަށް އަރައި އުޅޭ މީހުންނަކަށްވެސް ނޫނެވެ. އެނަމާދަކަށް އެންމެކުރިން ދިއަ މީހަކަށެވެ. އަންހެނަކު ނަމަ ވަގުތު ޖެހުމުން ފުރަތަމަ ކަމަކަށް ނަމާދުކުރުން ހަދާށެވެ!
ޢަމަލުތައް އިޞްލާޙްކުރުމުގެ ވިސްނުން ތިބާއަށް ދެއްވެވިކަމަށްޓަކައި ﷲ ތަޢަލާއަށް ޝުކުރުވެރިވާށެވެ! އެއީ ލެއްވެވި އެންމެ ބޮޑު ރަޙްމަތް ކަމުގައި ދެކޭށެވެ! ތިބާއަށް މަގު އޮޅި ނަރަކައާއި ދިމާއަށް ދެވެމުން ދަނިކޮށް އެހާލަތުން ސަލާމަތްވުމުގެ ވިސްނުން ދެއްވެވުމަށްވުރެ ވަކިން ބޮޑު ނިޢްމަތަކީ ކޮބައިހެއްޔެވެ؟
ހަމައެއާއިއެކު ދީނީ ޢިލްމުވެރިންނާއި، ތަޤްވާވެރިންނާއިއެކު ވަގުތު ހޭދަކުރުން ގިނަކުރާށެވެ! ދަރުސްތައް އަޑުއެހުން ގިނަކުރާށެވެ! މިސްކިތުގައި، އަޅުކަމުގައި ވަގުތު ހޭދަކުރުން ގިނަކުރާށެވެ! އެކަންކަމުގެ ސަބަބުން ތިބާގެ ސާބިތުކަން އިތުރުވެގެންދާނެއެވެ! އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން