ދިރިއުޅުމުގެ އެއްވެސް ކަމެއް، ޚާއްޞަކޮށް ކައިވެނި ރޫޅާލުން ފަދަ ކަންކަން ނަފްސް އެދޭ ގޮތަށް ނިންމައިފިނަމަ ފަހުން ކުރަންޖެހޭ ހިތާމަ މާބޮޑުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 39ސ
ދިރިއުޅުމުގެ އެއްވެސް ކަމެއް، ޚާއްޞަކޮށް ކައިވެނި ރޫޅާލުން ފަދަ ކަންކަން ނަފްސް އެދޭ ގޮތަށް ނިންމައިފިނަމަ ފަހުން ކުރަންޖެހޭ ހިތާމަ މާބޮޑުވާނެ!

ކޮންމެ ކަމަކަށް ގޮތް ނިންމިނަމަވެސް ގޮތް ނިންމުމުގެ ކުރިން ވިސްނައިލާށެވެ! މިކަމުގެ ސަބަބުން ތިމާގެ ދިރިއުޅުމަށް ކުރާނީ ފައިދާހެއްޔެވެ؟ ނުވަތަ ލިބޭނީ ގެއްލުން ހެއްޔެވެ؟

ކިތަންމެ ގިނަ ފަހަރަކު ކިތަންމެ ގިނަ އިރެއްވަންދެން ވިސްނަން ޖެހުނަސް ވިސްނާށެވެ! ގޮތެއް ޔަޤީންވަންދެން ވިސްނާށެވެ. ޔަޤީންކަން ލިބުމުން ނޫނީ ގޮތެއް ނުނިންމާށެވެ! 

ވިސްނަން ޖެހޭނީ އަމިއްލަ ނަފްސާއިމެދުގައެއް ނޫނެވެ. ދިރިއުޅުމާއިމެދުގައެވެ. އަމިއްލަ ނަފްސާއި ދިރިއުޅުމަކީ ތަފާތު ދެ އެއްޗެކެވެ. އެހެނީ އަމިއްލަ ނަފްސަށް އުފާ ލިބޭނެ ގޮތަށް ނިންމާ ކަންކަމުގެ ސަބަބުން މުޅި ދިރިއުޅުން ބިލާހަކަށްވެގެން އެބަދެއެވެ. ވީމާ ދިރިއުޅުމުގެ އެއްވެސް ކަމެއް، ޚާއްޞަކޮށް ކައިވެނި ރޫޅާލުން ފަދަ ކަންކަން ނަފްސް އެދޭ ގޮތަށް ނިންމައިފިނަމަ ފަހުން ކުރަންޖެހޭ ހިތާމަ މާބޮޑުވާނެއެވެ. 

ކައިވެނި ރޫޅާލުމަށްފަހު ހިތާމަކުރަންޖެހޭކަން އެއީ މިކަމުގެ އެންމެ ސާފު އެއް ދަލީލެވެ. ކައިވެނި ރޫޅައިލަނީ އަމިއްލަ ނަފްސަށް އުފާހޯދަންކަމަށްވެދާނެއެވެ. ނަމަވެސް އެކަމުގެ ސަބަބުން ދިރިއުޅުމަށް ފޫނުބެއްދޭވަރުގެ ބޮޑެތި ގެއްލުންތައް ލިބެނީ މަދަކުން ނޫނެވެ. މިކަންކަމަކީ އެންމެންވެސް ކުރަމުން އަންނަ ތަޖުރިބާއެކެވެ.  

ކައިވެނި ރޫޅާލަން ޖެހުނު ނަމަވެސް ވަރަށް ފުންކޮށް ވިސްނާށެވެ. އެކަމުގެ ސަބަބުން ތިމާގެ ދިރިއުޅުމަށް ކުރާނީ ފައިޑާކަން ނުވަތަ ލިބޭނީ ގެއްލުންކަން ވަރަށް ބޮޑަށް ޔަޤީންކުރާށެވެ. އެއިގެ ފަހުން ނޫނީ ގޮތް ނުނިންމާށެވެ. 

ދިރިއުޅުމުގެ ކަންކަން ނިންމަންވާނީ ނަފްސް އެދޭގޮތަކަށް ނޫނެވެ. ނަފްސް ކޮންމެ ފަދަ ކަމަކަށްވެސް އެދިފާނެއެވެ. ވީމާ ދިރިއުޅުމުގެ ކޮންމެ ކަމެއް ނިންމި ނަމަވެސް ބުއްދިން ރަނގަޅަށް ވިސްނާށެވެ. އެއަށްފަހު ބުއްދީގެ ނިންމުމަކީ ހަމައެންމެ ރަނގަޅު ނިންމުންކަން ހިތުން ޔަޤީންކުރާށެވެ. އެއަށްފަހުގައި ނޫނީ ޢަމަލީ ފިޔަވަޅު ނުއަޅާށެވެ. 

ދިރިއުޅުން ކާމިޔާބު ކުރެވޭނީ އެއިރުންނެވެ. އިން ޝާ ﷲ 

- އަލަފް

މިއަދު އޮންލައިން