ﷲ ތަޢާލާ ތިމާ ދޫކޮށްލައްވަވައިފިކަމަށް ބުނެފިނަމަ އެބުނެވެނީ ވަރަށް ބޮޑު ދޮގެކެވެ. ﷲ ތަޢާލާ އާއި އަޅުވައި އެފަދަ ދޮގުބަސްތައް ބުނަން ހެޔޮނުވާނެއެވެ. މިބުނި ބަހުގެ ދަލީލަކީ އަހުރެމެން އެއްވެސް މީހަކު ﷲ ތަޢާލާ އާއި ކުއްތަންވާން މަސައްކަތްކޮށްފިނަމަ އެއަށްވުރެ މާބޮށް ﷲ ތަޢާލާ އެމީހަކާއި ކުއްތަންވެވޮޑިގަންނަވައެވެ.
ﷲ ތަޢާލާ އާއި ކުއްތަންވުމަށް މީހަކު ހިނގާނަމަ ﷲ ދަޢާލާ އެމީހަކާއި ދިމާއަށް ދުވެވޮޑިގަންނަވައެވެ. މިކަމުގައި ހަމައެކަކުވެސް އިސްތިސްނާއެއް ނުކުރައްވަވަތެވެ.
މިފަދަ ހުރިހާ ކަންކަމަކުންވެސް އަންގައިދެނީ ﷲ ތަޢާލާ އަހުރެމެން އެންމެ ދެކެވެސް ލޯބިވެވޮޑިގަންނަވާ މިންވަރެވެ. ﷲ ތަޢާލާ އެންމެހައި މީސްތަކުން ދެކެ ލޯބިވެވޮޑިގަންނަވައެވެ. ﷲ ތަޢާލާ އަހުރެމެން އެންމެން ދެކެ ލޯބިވެވޮޑިގެންނެވި ނަމަވެސް ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ލިބޭނީ އެމީހަކު އެކަމަށް އެދިގެން މަސައްކަތްކުރުމުންނެވެ.
"ތިމަންނާ އުފެއްދެވީ ﷲ ތަޢާލާއޭ! ﷲ ތަޢާލާ ތިމަންނާދެކެ ލޯބިވެވޮޑިގަންނަވައޭ" ބުނެފައި ދެއަތް އުރާލައިގެން ހުރުމެއް ނެތެވެ. މުޅި ޤުރްއާނަށް ބެލިނަމަވެސް އެނގިގެންދާނީ ހަމަމިކަމެވެ. އަދި ޙަދީޘްފުޅުތަކުންވެސް އެނގިގެންދާނީ ހަމަ މިކަމެވެ.
ﷲ ތަޢާލާ އެންމެހައި އިންސާނުންދެކެ ނުހަނު ބޮޑަށް ލޯބިވެވޮޑިގެންވެއެވެ. އެމީހަކު އެކަމަށް އެދުނު މިންވަރަކަށް އެކަން ދެއްވަވައެވެ. އެކަމުގެ ދަލީލަކީ ﷲ ތަޢާލާގެ ޙަޟްރަތުން މަތިވެރި ދަރަޖަ ލިބުމުގައި ތަޤްވާވެރިކަމުން މެނުވީ އެއްވެސް މީހަކަށް ތަފާތު ނުކުރައްވަވާކަމެވެ. ސުވަރުގޭގެ މަތީ ދަރަޖަތައް ދެއްވެވުމުގައިވެސް އޮތީ އެމީހެއްގެ މަސައްކަތުން މައްޗަށް އަރަންކެރުނު މިންވަރެކެވެ.
އެކަމުގައި ނަސްލަކުން، ދުނިޔޭގައި އެމީހެއްގެ ތަނަވަސްކަން ބޮޑުވުމަކުން އަދި އަދި އަދާކުރި މަޤާމުގެ ސަބަބަކުން ލިބޭ ކުރިއެރުމެއް ނެތެވެ. ހުރިހާ ކަމެއް ގުޅިފައިވަނީ އެމީހަކު ދުނިޔޭގައި ހުރެގެން ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަން މަސައްކަތްކުރި މިންވަރަކާއިއެވެ.
ވީމާ ﷲ ތަޢާލާ ތިމާ ބާކީކޮށްލައްވަވައިފިއޭ، ދޫކޮށް ލައްވަވައިފިއޭ ބުނެ ވާހަކަދެއްކުމުގެ ޙައްޤު ހަމައެކަކަށްވެސް ލިބިގެނެއް ނުވެއެވެ. އެފަދަ ބަހެއް ބުނާނަމަ އެކުރެވެނީ ފާފައެކެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން