ދުނިޔޭގެ އެންމެ ދަތި އުނދަގޫ ބިމުގަ ޙަރަމްފުޅު ލެއްވެވީ ކީއްވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 45ސ
ދުނިޔޭގެ އެންމެ ދަތި އުނދަގޫ ބިމުގަ ޙަރަމްފުޅު ލެއްވެވީ ކީއްވެ؟

ﷲ ތަޢާލާ ރުހިވޮޑިގަންނަވާ އަޅެއްގެ ގޮތުގައި މަޙްޝަރު ކުރެވުމަށް އެދޭނަމަ އުފުލަންޖެހޭނެ ތަކްލީފްތަކެއް ހުންނާނެއެވެ. އެއީ ކުރަން ލުއިފަސޭހަކަމެއް ނޫނެވެ. އެއީ އިންސާނުންނަށް ވަރަށް ބުރަކަމެކެވެ. ޚާއްޞަކޮށް މިފަދަ ދުވަސްވަރެއްގައެވެ. 

އެކަން ބަޔާންކުރައްވަމުން ޢިލްމުވެރިއަކު ވިދާޅުވެފައިއެވެ. ﷲ ތަޢާލާގެ މަގުގައި ދަތުރުކުރުމަކީ ކުރަން ފަށޭހަކަމެއް ނޫނެވެ. އެއީ ދަތި އަދި  އުދަގޫވެސް ކަމެކެވެ. އެކަމުގެ މިޘާލަކީ މުސްލިމުންގެ ޤިބްލަހުރިތަނެވެ. މައްކާގެ ޙަރަމްފުޅު ހުރިތަނެވެ. 

އެތަނަށްދާން މިއަދު ކިތަންމެ ފަސޭހަވެފައި އޮތް ނަމަވެސް ކުރިން އެތަނަކީ ދަތުރުކޮށްފައިދާން ދުނިޔޭގައި އޮތް އެންމެ ދަތި އުނދަގޫތަނެވެ. ސހަރާގެ ހަނަފަސް، ހޫނުގަދަ ބިމެވެ. ވަށައިގެން ހުރީ ބޮޑެތި ފަރުބަދަތަކެވެ. ބޮޑެތި އަޑިގުޑަންތަކެވެ. 

ޙައްޖު ފަރުޟު ކުރައްވަވައި އެތަނަކަށްދާން އެހައި ދަތި އުނދަގޫތަނެއްގައި ޙަރަމްފުޅު ލެއްވެވީ ކީއްވެގެންކަމާއިމެދު ވިސްނައިލަމާހިނގާށެވެ. ﷲ ތަޢާލާ ބޭނުންފުޅުވެ ވޮޑިގެންނެވިނަމަ މީސްތަކުންނަށް އެއްވެސް ތަކްލީފެއް އުފުލަން ނުޖެހި ދެވޭނެ ފަދަ ތަނެއްގައި ޙަރަމްފުޅު ލެއްވެވީހެވެ. ނުލެއްވެވީ ސަބަބެއް އޮތުމުންނެވެ. 

އެކަމުގެ ސަބަބެއްކަމަށް އަހުރެންނަށް ވިސްނެނީ ﷲ ތަޢާލާ ރުހިވޮޑިގަންނަވާ އަޅެއްގެ ގޮތުގައި ދުނިޔޭގައި އުޅެން އުފުލަންޖެހޭނެ ތަކްލީފްތައް މީސްތަކުންނަށް ދެއްކެވުމެވެ. އެހުރިހާ ބުރަތަކެއް އުފުލައިގެން ވެސް ޙައްޖުވުމުން ކުރާ ފައިދާ އެހައިމެ ބޮޑެވެ. އެމީހެއްގެ ހުރިހާ ފާފަތަކެއް ފުއްސަވައި ދެއްވަވަނީއެވެ. 

ދެން ބަލައިލަންވީ ބުރަ އުފުލައިގެން ﷲ ތަޢާލާގެ މަގުގައި ދުނިޔޭގައި އުޅެފިނަމަ ދެއްވަވާނެ ރަޙްމަތަށެވެ. އެއީ ސުވަރުގެއެވެ. އެމީހަކު ހިތަށް އަރުވައިލި ކޮންމެ އެއްޗެއް ވަޤުތުން ލިބޭ، އަދި ހިތަށް އަރުވައިލި ކޮންމެ ކަމެއް ވަޤުތުން ޙާޞިލްކުރެވޭނެ ސުވަރުގެއެވެ. 

ވީމާ ދުނިޔޭގައި އުޅެން ލިބޭ މަދު ދުވަސްކޮޅު ކިތަންމެ ބޮޑެތި ތަކްލީފްތަކެއް އުފުލަންޖެހުނަސް ހާސްވެ ކަންބޮޑުނުވާށެވެ. އެކަމަށް ޤިޔާމަތް ދުވަހު ދެއްވަވާ ޖަޒާ، ސުވަރުގެ ދެއްވެވުމުން ދުނިޔޭގައި އުޅެން ތިބާއަށް ޖެހުނު ނިކަމެތި ޙާލުގެ މަތިން ހަނދުމަވެސް ނުހުންނާނެއެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން