ކައިވެނިތައް މިހާ ފަސޭހައިން ރޫޅެމުން މިދަނީ ޝައިޠޯނާ ދައްކާ މީހުންނާ ކައިވެނިކުރެވޭތީ! އެކަމުގެ ސަބަބު އެނގޭތަ؟: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
ކައިވެނިތައް މިހާ ފަސޭހައިން ރޫޅެމުން މިދަނީ ޝައިޠޯނާ ދައްކާ މީހުންނާ ކައިވެނިކުރެވޭތީ! އެކަމުގެ ސަބަބު އެނގޭތަ؟: މުފްތީ މެންކް

މިހާރަކަށް އައިސް ގިނަ ބައަކު ކައިވެނިކުރަނީ ކައިވެނި ކުރެވެނީ ކާކާކަން ނުއެނގިތިބެގެނެއް ނޫނެވެ. ވަރަށް ރަނގަޅަށް އެނގިތިބެގެންނެވެ. އެކުގައި އެތައް ދުވަހެއްވަންދެން އުޅެފައި ކައިވެނިކުރާއިރު އެކަކު އަނެކަކަށް ނުއެނގިއެއް ނުހުންނާނެއެވެ.

އެކަމަކުވެސް ކައިވެނިކުރާތާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި އޭނާ އާއި ކައިވެނިކުރެވުނީތީ ހިތާމަކުރަން އޮންނަނީ ޖެހިފައެވެ. ކައިވެނިމިކުރެވުނީ ރަނގަޅު މީހަކާއި ނޫންކަން އެނގިފައެވެ. އަދި މިވެނި އެވެނި މީހަކާއި ކައިވެނިކުރެވުނު ނަމަ މާރަނގަޅުވީސްކަންވެސް އޮންނަނީ ވިސްނިފައެވެ. ހަމައެއާއިއެކު އެމީހުންނާއި ކައިވެނިނުކުރެވުނީތީ ހިތާމަކުރަންވެސް އޮންނަނީ ޖެހިފައެވެ. 

މިހެން މިވަނީ ކީއްވެގެންކަން ވިސްނޭހެއްޔެވެ؟ ރަނގަޅަށް އަޑުއަހާށެވެ! މިވާގޮތަކީ ތިބާއަށް ކުރެވޭ ފާފަތަކުގެ ސަބަބުން ތިބާ ކައިވެނިކުރަން އެންމެ ރަނގަޅު މީހާ ﷲ ތަޢާލާ ނުދެއްކެވީއެވެ. އެއީ ތިބާ ޢަމަލުކުރަމުން އައީ ޝައިޠޯނާ ބުނާގޮތަށްކަމަށްވުމުންނެވެ.

އެހެންވެ ތިބާއަށް ކައިވެނިކުރެވެނީވެސް ޝައިޠޯނާ ދެއްކި މީހާއާއިއެވެ. ޝައިޠޯނާ ދައްކާނީ އެމީހަކާއި ކައިވެނިކުރުމުން އެންމެ އަވަހަށް ކައިވެނި ރޫޅޭނެ މީހާއެވެ. 

މިދެއްކީ ކުޑަކަމެއްގެ ވާހަކައެއް ނޫނެވެ. އެންމެ ބޮޑު ކަންތަކުގެ ވާހަކައެވެ. އެހެނީ މީހެއްގެ ދިރިއުޅުމުގައި އެންމެ މުހިންމު ކަމަކީ ކައިވެންޏެވެ. ޒަވާޖީ ޙަޔާތެވެ. ވީމާ ޒަވާޖީ ޙަޔާތް ފޭލްވެއްޖެނަމަ އެމީހާގެ ދިރިއުޅުމުން ބޮޑުބައެއް ފޭލްވެގެން ދާކަން އެއީ ޤަބޫލުކުރަންޖެހޭނެ ކަމެކެވެ. 

ތިމާ ފާފައެއް ނުކޮށްހުރެ ކުރާ ކައިވެނިވެސް ރޫޅިގެން ހިނގައިދާނެއެވެ. ނަމަވެސް ޔަޤީންކުރަންވީ ކަމަކީ އެއިރުން ތިމާއަށް މިހުރެވެނީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތުގައި ކަމާއި ކައިވެނި ރޫޅުނަސް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ތިމާއަށްވާނެކަމެވެ. އަދި ދެން ދެއްވަވާނީ މާރަނގަޅު ފިރިއެއް ކަމެވެ. މާއުފާވެރި ދިރިއުޅުމެއް ކަމެވެ. 

ވީމާ ބާއްޖަވެރި ދިރިއުޅުމަކަށް އެދޭނަމަ، ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބުމަށް އެދޭނަމަ، ފާފަކުރުމާއި ދުރުހެލިވާށެވެ! އަންހެނެއް ނަމަވެސް އަދި ފިރިހެނެއް ނަމަވެސްމެއެވެ. ޙަޔާތުގެ ކޮންމެ ކަމެއްގައިވެސް ކާމިޔާބާއި އުފާވެރިކަން ލިބުން އޮތީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބު ވަރަކުންނެވެ. 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން