ތިބާ ނިކަމެތިޙާލުގަ ހުރި ދުވަހު ތިބާގެ ޙާލު ހަމައެންމެ ފަހަރަކުވެސް އަހައިލީ ކިތައް އެކުވެރިން ހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 37ސ
ތިބާ ނިކަމެތިޙާލުގަ ހުރި ދުވަހު ތިބާގެ ޙާލު ހަމައެންމެ ފަހަރަކުވެސް އަހައިލީ ކިތައް އެކުވެރިން ހެއްޔެވެ؟

ތިބާ ހުރީ އެއްވެސް ވަޒީފާއެއް ނެތި ކަމަށްވެފައި ތިބާއަކީ ވަޒީފާއެއް ހޯދަން މަސައްކަތްކުރަމުން އަންނަ މީހަކު ކަމުގައިވާނަމަ ވަޒީފާއެއް ލިބިއްޖެތޯ ސުވާލުކުރާނީ މަދު މީހެކެވެ. ހަމަ ޙާލަކުން މީހެކެވެ. ނަމަވެސް ތިބާ އުޅެނީ ރަނގަޅު ވަޒީފާއެއްގައި ކަމަށްވާނަމަ ވަޒީފާގެ ކަންކަން ކުރިއަށްދާ ގޮތާއި ބެހޭ ގޮތުން ސުވާލުކުރާނެ މީހުން ވަރަށް ގިނަވާނެއެވެ. 

ހަމައެފަދައިން ތިބާ ދިރިއުޅެނީ ވަރަށް ދަތިޙާލުގައި ކަމަށްވާނަމަ ދިރިއުޅޭ ޙާލު އަހައިލާނެ މީހުން ވަރަށް މަދުވާނެއެވެ. ތިބާ އާއި އަނބިދަރިން ތިބީ ކައިގެންތޯ ބަލައިލާނެ މީހުންވެސް ވަރަށް މަދުވާނެއެވެ. ނަމަވެސް ތިބާ ތަނަވަސްކަމުގައި އުޅޭނަމަ އެކިއެކި ސުވާލުތައް ކުރާނެ މީހުން ވަރަށް ގިނަވާނެއެވެ.

މިޙަޤީޤަތްތަކުން އެނގިގެން މިދަނީ ކޮންކަމެއް ހެއްޔެވެ؟ އެންމެންގެ ހުރިހާ ސަމާލުކަމެއްވެސް ގުޅިފައިވަނީ ފައިސާ އާއި ތަނަވަސްކަމާއިކަން ނޫންހެއްޔެވެ؟ އަހުރެމެން ވިސްނަންވީ މިކަމަށެވެ. 

ކޮންމެ ޙާލަތެއްގައި ތިބާ ހުރިނަމަވެސް ތިބާގެ ހުރިހާ ކަންކަން އެންމެ ގާތުން ބައްލަވައިވޮޑިގެންވާ ފަރާތެއްވެއެވެ. އެއީ ﷲ ތަޢާލާއެވެ. ދަތިޙާލުގައި ހުރިނަމަވެސް އަދި ތަނަވަސްކަމުގައި ހުރިނަމަވެސްމެއެވެ. ދަތިޙާލު ކުރިމަތިކުރައްވަވަނީ ރަޙްމަތަކަށެވެ. ތަންވަސްކަން ދެއްވަވަނީ އިމްތިޙާން ކުރެއްވެވުމަށެވެ.

އަހުރެމެންގެ ތެރެއިން މިކަންކަމަށް ވިސްނައިލެވެނީ ވަރަށް މަދުމީހަކަށެވެ. އެންމެ ބޮޑަށް އިސްކަންދޭންޖެހޭނީ ﷲ ތަޢާލާގެ އެންގެވުންކަމާއިމެދު ވިސްނައެއް ނުލެވެއެވެ. ބަންގީގެ އަޑެއް ނުއިވެއެވެ. ގިނަވަޤުތުތައް ހޭދަކުރެވެނީ އާޚިރަތަށް ފައިދާ ނުކުރާނެ ކަންކަން ކުރުމުގައެވެ. ތަނަވަސްކަން ހުރިނަމަ އެތަނަވަސްކަމުގެ ވަށައިގެން އެނބުރޭ އެކުވެރިންނާއިއެކުގައެވެ. 

އާޚިރަތަށް ތައްޔާރުވާން ބޭނުން މީހާ ހޭލުންތެރިވާށެވެ. ދުނިޔެއިން ފެންނަމުންމިދާ ކަންކަމުން ޢިބްރަތް ޙާޞިލްކުރާށެވެ! އެންމެ ނިކަމެތިޙާލުގައި ވީދުވަހު ތިބާ ކުރި ދުޢާ ޢިޖާބަކުރައްވަވައި ޙާލަތު ބަދަލުކޮށްދެއްވެވި ﷲ ތަޢާލާއަށް އިސްކަންދޭށެވެ. ފަށަމުން މިބަޔާންކު ދެ ކަންތަކަށް ބެލިނަމަވެސް ޢިބްރަތަކަށް ފުދޭނެއެވެ. އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން