އަޅުގަނޑުމެންގެ ތިބެނީ 3 ބެއިންނެވެ. މަންމައަށް އެއްދުވަހަކު ބުނެވުނު ބަހަކާއި ގުޅިގެން ބޭބެ މަންމަ އަށް އެހީއެއް ނުވާތާ އެތައް ދުވަހެއް ވެއްޖެއެވެ. އެހެންވީމާ ބޭބެއަށް ވިސްނައިދޭން ބޭނުންކުރާނެ ހެޔޮ ބަސްކޮޅެއް ނުވަތަ ނަޞޭޙަތެއް ލިބިދާނެތޯ؟
ތިރީގައިވާ ލިޔުމުން ކިޔުންތެރިޔާއަށް ފައިޑާކުރާނެ ކަމަށް އުންމީދުކުރަމެވެ.
ޙަދީޘްފުޅުން އެނގެން އޮތީ ﷲ ތަޢާލާގެ ރުހިވޮޑިގަތުމާއި ލޯބިވެވޮޑިގަތުން ލިބެން އޮތީ މައިން ބަފައިންގެ ރުހުމާއި ލޯބިލިބިގެންކަމެވެ. އަދި އެމީހަކަށް މައިންމަފައިންގެ ހިތްހަމަނުޖެހުމާއި ނަފްރަތު އޮތްނަމަ އެމީހަކަށް ﷲ ތަޢާލާ ރުހިވޮޑިގެން ނުވާނެ ކަމެވެ.
ވީމާ ތިމާއަށް ކުރެވުނު ކުށަކުން މައިންބަފައިން ހިތްހަމަނުޖެހި ތިބިނަމަ އަވަހަށް ގޮސް މާފަށް އެދެންވާނެއެވެ. އެމީހުންގެ ހިތްހަމަޖައްސައިދީ ރުހުން ހޯދަންވާނެއެވެ.
ޔaމަނުގެ މީހަކު ރަސޫލް ﷺ ގެ އަރިއަހަށް އައިސް އޭނާގެ މައިން ބަފައިން ދެރަވެ ރޯން ތިއްބައިވެސް އޭނާ އައީ ރަސޫލް ﷺ ގެ އަރިއަހުގައި ހުރުމަށާއި އަދި ހަނގުރާމަތަކުގައި ބައިވެރިވެ ޖިހާދުކުރުމަށް ކަމަސް ދެންނެވުމުން ޙަދީޘްފުޅު ކުރެއްވެވި ބަސްފުޅު ހަނދުމަކުރާށެވެ!
"ﷲ ތަޢާލާގެ ރުހިވޮޑިގަތުން ބޭނުންނަމަ އެނބުރި މައިންބަފައިންގެ ގާތަށްދާށެވެ! އެމީހުންނަށް ހިތްދަތިކަން ދިން ފަދައިން އެމީހުންނަށް އުފާވެރިކަންދީ ހިނިތުންކުރުވާށެވެ!"
މިޙަދީޘްފުޅުން އެނގިގެން މިދަނީ މައިންބަފައިން ހިތުގައި ޖައްސައިގެން ﷲ ތަޢާލާގެ ރުހިވޮޑިގަތުން ނުލިބޭނެ ކަމެވެ. ސުވަރުގެ ލިބުން ވަނީ މައިންބަފައިންނަށް ހެޔޮކޮށްހިތައި އުފާވެރިކަންމަތީގައި ބައިތިއްބައިގެންކަމެވެ.
އިތުރު ޙަދީޘްފުޅެއްގައިވަނީ ސުވަރުގެ ވަނުމަށް އޮތް އެންމެ ފަސޭހަމަގަކީ މައިންބަފައިންނަށް ހެޔޮކޮށްހިތައި އެމީހުންގެ ރުހުން ލިބުންކަމެވެ. މަޝްހޫރު ޞަޙާބީ ޢަބަދުﷲ އިބްން ޒުބައިރުގެ ބައްޕާފުޅު އަވަހާރަވުމުން ކީރިތި ކުރައްވަމުން ވިދާޅުވީ ތިމަންކަލޭގެފާނު މި ކީރިތި ކުރައްވަނީ ބައްޕާފުޅު އަވަހާރަވެގެން ނޫން ކަމަށާއި ސުވަރުގެ ވަޑައިގަތުމަށް އޮތް އެންމެ ފަސޭހަ މަގު ބަންދުވުމުން ކަމަށެވެ.
ވީމާ މައިންބަފައިންގެ ހިތް ހަމަޖައްސައިދީ އުފާކޮށްދޭން ލިބޭ އެންމެ ފުރުޞަތެއްވެސް ދޫކޮށްނުލާށެވެ! ކޮންމެ ވަގުތަކުވެސް އެ ފުރުޞަތު ގެއްލިދާނެއެވެ!
--އިސްލާމީ ތިލަފަތުގެ