ފާފައެއް ކުރެވުމުން ތައުބާނުވެ ހުރުމަކީ ބިރުބޮޑުކަމަކަށްވާ 2 ސަބަބު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 10ސ
ފާފައެއް ކުރެވުމުން ތައުބާނުވެ ހުރުމަކީ ބިރުބޮޑުކަމަކަށްވާ 2 ސަބަބު-

އެންމެހައި އިންސާނުން އުފެއްދެވީ ﷲ ތަޢާލާއެވެ. އެމީހުންނަށް އެންމެ ފައިދާހުރިކަންކަމާއި ގެއްލުންހުރި ކަންކަމަށް ވިސްނައި ދެނެގަތުމުގެ ކުޅަދާނަކަން ﷲ ތަޢާލާ ވަނީ އިންސާނުންނަށް ދެއްވަވައިފައެވެ. ގެއްލުންހުރި ކަންކަމަކީ ފާފަތައް ކަމުގައި ލެއްވެވީ ކޮންމެ ކަމަކުން ނުކުންނާނެ ނަތީޖާ އެންމެ މޮޅަށް ދެނެވޮޑިގެންވާ ﷲ ތަޢާލާއެވެ. 

ﷲ ތަޢާލާ ކަމެއް ނަހީކުރެއްވެވުމުން އެއީ ﷲާފައެއްކަމަށް ޤަބޫލުކުރެވޭނީ މުސްލިމުންނަށެވެ. އެހެންވެ އަހުރެންގެ މިސުވާލު އަމާޒުމިކުރަނީ އީމާންނުވެ ތިބި މީހުންނަށެވެ. ނިކަން ޖަވާބު ދީބަލާށެވެ! 

މީހެއްގެ އަންހެން ދަރިއަކާއި ކަލޭ ހިތާވީއެވެ. ލޯބިވީއެވެ. ފައިސާ ދީފައި ހަށިގަނެގެންވެސް ފާޙިޝް ޢަމަލުތައްކުރަނީއެވެ. ކަލެއަކީ މުސްލިމަކަށް ނުވާތީ އެއީ ފާފަކުރުން ކަމަކަށް ކަލޭ ޤަބޫލެއް ނުކުރެއެވެ. އަހުރެންގެ ސުވާލަކީ ކަލެއަކީ ކޮންމެ ދީނެއްގެ މީހެއް ކަމަށްވީނަމަވެސް އަދި އެއްވެސް ދީނެއް ޤަބޫލުނުކުރާ މީހަކު ނަމަވެސް ކަލޭގެ އަންހެންދަރިފުޅުގެ ބޭނުން އެގޮތަށް މީހަކު ކުރަން ކަލޭ ރުހޭނަން ހެއްޔެވެ؟

ކަލެއަކީ ދަރިފުޅުދެކެ ލޯބިވާ، އަދި އިންސާނިއްޔަތުކަމަށް ލޯބިކުރާ މީހަކު ނަމަ އެކަމަކަށް  ނުރުހޭނެއެވެ. އަހުރެން ސާރވޭއެއް ކުރީމެވެ. ގޭގައި ނިކަމެތި އަންހެންކުދިން ބައިތިއްބައިގެން އެކުދިންގެ ހަށިވިއްކާ އެތައް ގެއަކަށް ދިއައިމެވެ. 98 އިންސައްތަ ގެތަކުގައި އެމީހުންގެ އަމިއްލަ ދަރިންލައްވައި އެކަމެއް ނުކުރުވައެވެ. އެކަމުންވެސް އެނގެނީ އެއީ ކުރުން ރަނގަޅު ކަމެއް ނޫންކަން އެމީހުންނަށް ޤަބޫލުކުރެވޭކަމެވެ. 

ދެން ބަލައިލަންވީ ވައްކަން ކުރުމަށެވެ. ކަލޭހަމަ ވައްކަންކުރަނީއެވެ. ޙަރާމް ޙަލާލެއް ނުބަލައި ފައިށާ ހޯދަމުން ގެންދަނީއެވެ. ސުވާލަކީ އެންމެ ކުޑަމިނުން ކަލޭ ވަގަށްނަގާފައި ހުރި ފައިސާ ކަލޭގެ ވޮލެޓުގައި ހުއްޓައި މީހަކު ކަލޭގެ ވޮލެޓުން އެފައިސާ ވަގަށް ނަގަން ކަލޭ ރުހޭނެ ހެއްޔެވެ؟ ސުވާލަކީ އެހެންކަމަށްވާއިރު މީހުން ބުރަ މަސައްކަތުން ހޯދާ ފައިސާ ތިއަ ވަގަށް ނަގަނީ އެއީ ކުރަން ނުބައިކަމެއްކަން ނުއެނގޭތީހެއްޔެވެ؟ 

މީސްތަކުން މިއަދު ފާފަތައް ކުރަމުން އެގެންދަނީ އެއީ ނުބައި ކަންކަން ނުއެނގޭތީއެއް ނޫނެވެ. ޝައިޠޯނާގެ ބަހަށް ހެއްލެވިގެންނެވެ. ފަސޭހައިން އުފާވެރިކަން ލިބިގަންނަންވެގެންނެވެ. މަސައްކަތްކުރުމަކާއި ނުލައި ތަނަވަސްކަމުގައި ދިރިއުޅެން ބޭނުންވާތީއެވެ. 

މުސްލިމުންނަށް ފާފައެއް ކުރެވުމުން ތައުބާނުވެ ތިބުމަކީ ބިރުބޮޑުކަމެކެވެ. އެއީ އޭނާގެ ބުއްދިން އެއީ ނުބައި ކަމެއްކަން އެގުމުގެ އިތުރުން އެއީ ﷲ ތަޢާލާ ނަހީކުރައްވަވާފައިވާ ކަމެއްކަންވެސް އެނގިހުރެ ފާފަކުރާތީއެވެ. ހަމައެފަދައިން މުސްލިމުންނަށް އޮތް އުފަލަކީ ފާފައެއް ކުރެވުމުން ތައުބާވެއްޖެނަމަ އެމީހެއްގެ ފާފަ ފުއްސަވައި ދެއްވަވާނެތީއެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން