ވިސްނައިގެން ކިޔާތި! ދެމަފިރިންގެ ގުޅުން ދަމަހައްޓަން ބޭނުންވާ އުފާވެރިކަން "އިމްޕޯޓް" ކުރާނަމަ ދެދުނިޔެވެސް ގެއްލޭނީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 31ސ
ވިސްނައިގެން ކިޔާތި! ދެމަފިރިންގެ ގުޅުން ދަމަހައްޓަން ބޭނުންވާ އުފާވެރިކަން "އިމްޕޯޓް" ކުރާނަމަ ދެދުނިޔެވެސް ގެއްލޭނީ!

މިއީ ދައްކަން ކުޑަކޮށް ލަދުވެތިވެސް ވާހަކައެކެވެ. ނަމަވެސް ނުދައްކައި ވާންނެތް ވާހަކައެކެވެ. ކާފިރުން އެކަންޏެއް ނޫނެވެ. ގިނަ ޢަދަދެއްގެ މުސްލިމުންނަށްވެސް ވިސްނާނުލައި ތިބެ ކުރޭ ކަންކަމުން އެމީހާގެ ވިސްނުމަށާއި ޞިއްޙަތަށް ބޮޑެތި ގެއްލުންތަކެއް ލިބެމުން އަންނާތީއެވެ. 

ކޮންމެ ކަމެއްގައިވެސް ކުރިއަށް ދާން ބޭނުންމިވެވެނީ މާބާރަށެވެ! ﷲ ތަޢާލާ ތިމާއަށް ދެއްވެވި ކުޅަދާނަކަމަށްވުރެވެސް މާބާރަށެވެ. އުފާވެރިކަން ބޭނުންވަނީ މާބޮޑަށް އިތުރަށެވެ. ދެން މިޖެހެނީ އުފާވެރިކަން ބޭރުން އިމްޕޯޓްކުރާށެވެ. 

އިމްޕޯޓްކުރަން ކުރެވޭ ކަންކަމުގެ ތެރޭގައި ދެމަފިރިން އެއްދާންކުރާއިރު އިތުރު ހަކަތަ ހޯދަން ބޭސްކެއުން، ބަނގުރަލާއި މަސްތުވާތަކެތި ބޭނުންކުރުން ފަދަ އެތައް ކަމެއް އެބަ ކުރެވެއެވެ. ފުރަތަމަ ބޭނުންކުރަންފެށެނީ ދޭތެރެ ދުރުކޮށެވެ. ނަމަވެސް ދުވަސްކޮޅަކުން އެއެއްޗެއްސާއި ނުލައި ނުއުޅެވޭވަރު އެބަވެއެވެ. 

ޙަޤީޤަތުގައި މިއީ ވަރަށް ހިތާމަހުރި ކަމެކެވެ. އެއްކޮޅުގައި އެކަމުން ލިބޭ މާލީ ގެއްލުންތަކެވެ. އަނެއްކޮޅުގައި އެކަންކަން ކުރުމުގެ ޞިއްހަތަށް ލިބޭ ބޮޑެތި ގެއްލުންތަކެވެ. ދެކަމުގެ ތެރޭގައި ދެމަފިރިން ތާށިވެ މުޅި ދިރިއުޅުން ހަލާކުވެގެންދަނީއެވެ. 

މިއީ ވަރަށް ހިތާމަހުރި ކަމެކެވެ. މިޙާލަތުގައި ހަލާކުވެގެންދަނީ ދުނިޔޭގެ ދިރިއުޅުން އެކަންޏެއް ނޫނެވެ. އާޚިރަތްވެސް ގެއްލިގެންދަނީއެވެ. ދެން ނިކަން ބުނެބަލާށެވެ. އިތުރަށް އުފާހޯދަން އުޅެގެން ލިބޭނީ ފައިދާހެއްޔެވެ؟ ނުވަތަ ދެ ދުނިޔެއިންގެއްލިގެންދާނީ ހެއްޔެވެ؟

އެކުވެރިންނޭވެ! އެމީހާގެ ކިބައިގައި ފަރުވާ ހޯދަންޖެހޭ ކަމެއް ހުރިކަން ފާހަގަކުރެވިއްޖެނަމަ ޑޮކްޓަރުންގެ ލަފާހޯދާށެވެ. އެކަމަކަށް ފަރުވާހޯދުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް އެއިގެ ބަދަލުގައި އުފާވެރިކަން ގަދަކަމުން އިމްޕޯޓްކުރަން މަސައްކަތް ނުކުރާށެވެ! އެއިރުން ކުރިމަތިވާނެ މައްސަލަތަކުން މިކިޔައިދެވުނީ ވަރަށް ކުޑަކުޑަ މިންވަރެކެވެ. ވިސްނައި ފިކުރުކޮށްލަން މިވަރުވެސް ފުދޭނެއެވެ. އިން ޝާ ﷲ 

- އަލަފް 

މިއަދު އޮންލައިން