އޯގާތެރިކަމާއިއެކު ލޯބިން ކާންދިނުމުން ކުއްޖާގެ ހަށިގަނޑަށް ކުރާ ފައިދާ އިތުރުވާކަން ދިރާސާތަކުން ހާމަވެއްޖެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 46ސ
އޯގާތެރިކަމާއިއެކު ލޯބިން ކާންދިނުމުން ކުއްޖާގެ ހަށިގަނޑަށް ކުރާ ފައިދާ އިތުރުވާކަން ދިރާސާތަކުން ހާމަވެއްޖެ!

އަހަރެމެންގެ ތެރެއިން ބައެއް މައިން ދަރިންނަށް ކާންދެނީ ވަރަށް އޯގާތެރިކަމާއިއެކުގައެވެ. އެކުދިންގެ ހިތްހަމަޖައްސައިދެމުންނެވެ. ގައިގައި ފިރުމަމުންނެވެ. އަނެއްބައި މައިން ކާންދެނީ އަނގައަށް ލައްވައި ގަދަކަމުންނެވެ. ކާންދީ އަވަހަށް ނިންމައިލުމުގެ ބޭނުމުގައެވެ. 

އަދި ލަހުން ކުއްޖާ ކާތީ ރުޅި އައިސް އެއްޗެތިގޮވަމުންވެސް ކާންދެއެވެ. އަނެއްބައި މައިން އެކި އުކުޅުތައް ބޭނުންކޮށްގެން އަވަހަށް ކާން ދަރިން ޝައުޤުވެރިކުރުވަން މަސައްކަތްކުރެއެވެ. 

މިހާރުވެސް ކުރިއަށް ގެންދެވޭ ދިރާސާއަކުން އެނގޭ ގޮތުގައި އޯގާތެރިކަމާއިއެކު ދަރިންނަށް ކާންދިނުމަކީ އެކަމުން ދަރިންނަށް ވަރަށް ފައިދާކުރާ ކަމެކެވެ. އޯގާތެރިކަމާއިއެކު ކާންދިނުމުން ކާތަކެތިން ކުއްޖާގެ ޞިއްޙަތަށް ކުރާ ފައިދާ ބޮޑުވެގެންދެއެވެ.

ދާދިފަހުން މުސަޅުތަކަކަށް ކާންދީގެން ކުރި ދިރާސާއަކުންވެސް ގުޅުންހުރި ކަންކަން ވަނީ ފެނިފައެވެ. ވީމާ މިއީ ޙަޤީޤަތެއް އޮތްކަމެއްކަމާއިމެދު މިހާރު މިވަނީ ޔަޤީންކަން ލިބިފައެވެ. 

ސައިންސްވެރިންނަށް މިހާރުވެސް މިކަން ވަނީ ޔަޤީންކުރެވިފައެވެ. ދިރާސާ ކުރިއަށް ގެންދަނީ މިގޮތަށް މިކަންވުމަށް މެދުވެރިވާ ސަބަބެވެ. ހަށިގަނޑުގެ ތެރެއަށް ކާއެއްޗެތި ދިއުމުން މިފަދަ ތަފާތު ބޮޑު ބަދަލެއް އަންނަ ސަބަބަކާއިމެދުގައެވެ. 

އަހުރެންނަކީ މުސްލިމަކަށްވުމުން މިކަމުގައި އަހުރެން ކަންބޮޑެއް ނުވަމެވެ. އެއީ ކިތަންމެ ފައިޑާހުރި އެއްޗެއް ކެއި ނަމަވެސް އެއިން ފައިދާކުރާނީ ﷲ ތަޢާލާ މިންވަރުކުރެއްވެވި ވަރަކަށް ކަމަށްވާތީއެވެ. އަދި ކިތަންމެ ފައިދާ ކުޑައެއްޗެއް ކެއި ނަމަވެސް މެއެވެ. 

ﷲ ތަޢާލާ އަހުރެމެންނަށް އަންގަވާފައިވަނީ ކުޑަކުދިންނަށް، ދަރިންނަށް ރަޙުމްކުރުމަށެވެ. ވީމާ ދަރިންނަށް ކާންދޭއިރުވެސް އަދި ކޮންމެ ކަމެއްކޮށްދޭއިރުވެސް ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ކަންކަން ކުރާނަމަ ހުރިހާ ގޮތަކުންވެސް ދަރިންނަށް ކުރާނެ ފައިދާ ބޮޑުވެގެންދާނެކަމަށް އަހުރެން ޤަބޫލުކުރަމެވެ. 

އަހުރެން މިވާހަކަ މިބަޔާންކުރީ ކުޑަކުދިންނަށް ކާންދިނުމުގައި މިކަންކަމަށް ސަމާލުވުމަށް ބުނުމަށެވެ. ކުޑަކުދިންނަށް އެކަންޏެއް ނޫނެވެ. މުސްކުޅިވުމުގެ ސަބަބުން ނުވަތަ ބަލިޙާލެއްގައިވުމުގެ ސަބަބުން އަނގައަށް ލަވައިގެން ކާންދޭނަމަ އޯގާތެރިކަމާއިއެކު ކާންދޭށެވެ. އެކަމުން ކުރާނެ ފައިދާ ހުރިހާ ގޮތަކުންވެސް ބޮޑުވާނެއެވެ. އިން ޝާ ﷲ 

- އަލަފް

މިއަދު އޮންލައިން