އަނބިމީހާ ލައްވައި ވަޒީފާއަދާކުރުވައި ފައިސާ ހޯދުވަމުން ގޭގަ ބައިންދާފަ އިންނަ އަންތބެއްގެ ކިބައިން ލިބެންޖެހޭނެ ވަރަށް ޚިދުމަތަށް އެދުނަސް އެކަން ކާމިޔާބެއް ނުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 6ސ
އަނބިމީހާ ލައްވައި ވަޒީފާއަދާކުރުވައި ފައިސާ ހޯދުވަމުން ގޭގަ ބައިންދާފަ އިންނަ އަންތބެއްގެ ކިބައިން ލިބެންޖެހޭނެ ވަރަށް ޚިދުމަތަށް އެދުނަސް އެކަން ކާމިޔާބެއް ނުވާނެ!

ވަރިގިނަވެގެންއުޅޭ މައްސަލައަށް ބަލަމާ ހިނގާށެވެ! ގިނަ ބައަކު އެކަމުގެ ވާހަކަދައްކައެވެ. ކަންބޮޑުވުން ފައުޅުކުރެއެވެ. ނަމަވެސް ޙަޤީޤީ މައްސަލައަށް ބަލައިލެވެނީ ވަރަށް މަދުމީހަކަށެވެ. ފަހަރެއްގައި އަހުރެންނަށް މިވިސްނެނީ އެންމެ ރަނގަޅަށް ނޫންކަމަށްވެސް ވެދާނެއެވެ. ނަމަވެސް އަހުރެންގެ ވިސްނުން ހާމަކޮށްލާނަމެވެ. އަޑުއަހާ މީހުން (ކިޔާމީހުން) އިންށާފުކޮށްލާށެވެ! 

ދިރިއުޅުމުގެ ޙާލަތު ބަދަލުވެއްޖެއެވެ. ފިރިހެނުން އެކަނި މަސައްކަތްކުރި ދުވަސް މާޒީވެއްޖެއެވެ. އަންހެނުން މަސައްކަތަށް ނެރެފިއެވެ. ނުވަތަ ނުކުމެއްޖެއެވެ. ކޮންމެ ގޮތެއްވީނަމަވެސް ވަޒީފާ އަދާކުރާ އަންހެނުން ދަނީ ދުވަހެއް ދުވަހަކަށް ގިނަވަމުންނެވެ.

ދެން މިވާގޮތަކީ އަންހެނުން ވަޒީފާއަދާނުކޮށް ގޭގައި ތިބިއިރު ފިރިންނަށް ޚިދުމަތްކުރިން ޚިދުމަތްކުރަން މިއަދުވެސް އެދެވެނީއެވެ. އެއީ ކިހިނަކުންވާނެ ކަމެއް ހެއްޔެވެ؟ އަންހެނުންނަކީވެސް އިންސާނުންނެވެ. ވަޒީފާ އަދާކުރީމާ ފިރިހެނުންނަށްވުރެ މާބޮޑަށްވެސް ވަރުބަލިވާނެ ނޫންހެއްޔެވެ؟ އަރާމުކުރަންވެސް ބޭނުްނވާނެ ނޫންހެއްޔެވެ؟ 

ވަޒީފާ އަދާނުކޮށް ގޭގައި އިންނަނަމަ ގޭތެރޭގެ މަސައްކަތް ކިތަންމެ ބުރަނަމަވެސް އިންތިޒާމުކޮށްގެން މަސައްކަތްކުރާނަމަ ފިރިމީހާގެ ބޭނުންތައް ވަގުތުން ވަގުތަށް ފުރިހަމަކޮށްދެވިދާނެއެވެ. ނަމަވެސް ވަޒީފާ އަދާކުރާނަމަ އެކަންކަމަށް ހުރަސްތަކެއް ހުންނާނެއެވެ. އެކަން ޤަބޫލުނުކޮށް ޝަކުވާކުރަން ވެއްޖެނަމަ ދެމީހުންގެ ގުޅުމަށް މައްސަލަ ނުޖެހިއެއް ނުދާނެއެވެ. 

މިކަންކަމަށް ވިސްނަނީ މަދު އަދަދެއްގެ ފިރިހެނުންނެވެ. އެހެންވެ އަނބިންނާއި ޝަކުވާކުރެވެނީއެވެ. އަހުރެން ބުނާނީ ފިރިމީހާ އައިސް ގެއަށް ވަންނަތަކުން ފިނި ޖޫސްތަށްޓެއް ނުވަތަ ކޮފީތަށްޓެއް އަނބިމީހާ ދިއްކޮށްލުމުން އުފާވާފަދައިން ކުރިން ގެއަށް ޢާދެވުނީ ފިރިމީހާކަމަށްވާނަމަ އަނބިމީހާ ގެއަށް އައުމުން އަނބިމީހާއަށްވެސް އެތަށި ދިއްކޮށްލަން އެބަޖެހެއެވެ. 

މިހެން ބުނީމާ ދީނުގައި އަނބިންނަށް އޮތް ދައުރުގެ ވާހަކަ ދެއްކުމަކުން އެއްވެސް ކަމެއް ޙައްލެއް ނުވާނެއެވެ. މިހެން މިބުނަނީ އަނބިމީހާ ވަޒީފާއަށް ނެރޭތީއެވެ. އަނބިމީހާ ލައްވައި މަސައްކަތްކުރުވައިގެން ފައިސާ ހޯދަން ބޭނުންވާތީއެވެ. ދީނުގައި އޮތް ގޮތުގެ ވާހަކަ ދައްކަން ޖެހޭނީ ދީނުގައި އޮތްގޮތަށް ކަންކަން ކުރުމަށްފަހުގައެވެ. 

ވަޒީފާ އަދާކުރުވައިގެން ފައިސާ ހޯދަންވެސް ބޭނުންވެފައި އަދި ފިރިމީހާއަށް ކޮށްދޭން ޖެހޭ ހުރިހާ ކަންކަން އެންމެ ފުރިހަމައަށް ކޮށްދޭންވެސް ބޭނުންވުމަކީ އިންޞާފަކަށްވާނީ ކިހިނަކުން ހެއްޔެވެ؟   

އަހުރެން ދެކޭ ގޮތުގައި މިކަންކަމަށް ދެމަފިރިންވެސް ފުންކޮށް ވިސްނައިފިނަމަ ދެމެދުގައި މައްސަލަޖެހުން މަދުވެ އުފަކުގައި ދިރިއުޅެވޭނެއެވެ! އިން ޝާ ﷲ

 

- އަލަފް

މިއަދު އޮންލައިން