އެންމެ މާތް ދުވަހު، އެންމެ މަތިވެރި ވަޤުތު، އެންމެ މަތިވެރި ބިމުގައި މަރުވުމަކީވެސް ޙައްޤުނޫން މީހުންނަށް ﷲ ގެ ރުހިވޮޑިގަތުން ލިބޭކަމެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 31ސ
އެންމެ މާތް ދުވަހު، އެންމެ މަތިވެރި ވަޤުތު، އެންމެ މަތިވެރި ބިމުގައި މަރުވުމަކީވެސް ޙައްޤުނޫން މީހުންނަށް ﷲ ގެ ރުހިވޮޑިގަތުން ލިބޭކަމެއް ނޫން!

ބުނަންހެއްޔެވެ؟ ކިތަންމެ މާތް މައްސަރަކު، ކިތަންމެ މާތް ދުވަހަކު، ކިތަންމެ މާތް ވަޤުތަކު. ކިތަންމެ މާތް ސާޢަތަކު، ކިތަންމެ މާތް ބިމެއްގައި މަރުވި ނަމަވެސް ﷲ ތަޢަލާ ރުހިވޮޑި ނުގަންނަވާ އަޅެއްގެ ގޮތުގައި މަރުވެއްޖެނަމަ އެމީހަކަށް ސަލާމަތްކަމެއް ނެތެވެ. 

އަދި ކިއެއްތަ؟ ކޮންމެ މަހަކު ކޮންމެ ދުވަހަކު، ކޮންމެ ވަޤުތަކު، ކޮންމެ ތަނެއްގައި މަރުވިނަމަވެސް ﷲ ތަޢަލާ ރުހިވޮޑިގަންނަވާ އަޅެއްގެ ގޮތުގައި މަރުވެވިއްޖެނަމަ އެއޮތީ ކާމިޔާބުކުރެވިފައެވެ. 

މީސްތަކުންނޭވެ! ދުނިޔޭގައި ހޭދަކޮށްލަން މިލިބޭ ކުޑަކުޑަ ވަޤުތުކޮޅަކީ ވީހައިގިނަ ހެޔޮކަންކޮށް އެހެޔޮ ކަންތައްތައް ހިފައިގެން ﷲ ތަޢާލާގެ ޙަޟްރަތަށް ދާން ތައްޔާރުވުމަށް ލިބޭ ވަޤުތުކޮޅެކެވެ. އެކަން ނުކުރެވި ހުސްއަތާ ދާންޖެހިއްޖެނަމަ ކުރިން މިބުނި ފަދައިން އެމީހަކު މަރުވިތަނަކާއި ވަޤުތުގެ ވާހަކަދެއްކުމެއްވެސް ނެތެވެ.

އެކަމަކުވެސް މީހަކު މަރުވުމުން އަހުރެމެން އަމިއްލައަށް އެމަރުވިމީހާ އާއިމެދު ގޮތް ނިންމައިގެން ނުވާނެއެވެ. އެކަން ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ. 

މިހެން ބުނަން މިޖެހުނީ ދުނިޔޭގައި ވަރަށް ނުބައިކޮށް އުޅުނު މީހަކު ރަނގަޅު ދުވަހެއްގައި މަރުވެއްޖެނަމަ އެމީހަކަށް ސުވަރުގެ ދެވުނީކަމަށްވެސް ބައެއް މީހުން އެބަ ނިންމައެވެ. ނުވަތަ މީހަކު މަރުވާ ޙާލަތަކުން އެއީ ނުބައި މަރަކުން މަރުވި މީހަކު ކަމުގައި އެބަ ނިންމައެވެ. 

މީހަކު މަރުވުމުން އެމީހަކާއިމެދު އަހުރެމެން ގޮތް ނިންމުމެއް ނެތެވެ. މަރުވުމުން އެމީހަކަށް އެދެވެނީ ﷲ ތަޢާލާގެ ޙަޟްރަތަށެވެ. އެތަނުގައި ކަންކަން ހިނގާށނީ ކިހިނެއްކަމާއިމެދު ވިސްނަންވެސް މަސައްކަތްނުކުރާށެވެ! އެހެންކަމުން ކޮންމެ މީހަކަށްވެސް އޮތީ ވީހައި ރަނގަޅު މީހެއްގެ ގޮތުގައި ދުނިޔޭގައި އުޅެން މަސައްކަތްކުރުމެވެ. ތަޤްވާވެރިކަން އިތުރުކުރަން މަސައްކަތްކުރުމެވެ. އެކަންކަން ކުރުމަށްފަހު ދެން އޮތް ބައި ﷲ ތަޢާލާއަށް ވަކީލްކުރާށެވެ!

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން