ކިތަންމެ ލޯބިން ދިރިއުޅޭ ދެމަފިރިއެއްގެ މެދުގައިވެސް ކޮންމެވެސް ވަރެއްގެ މައްސަލަތަކެއް ޖެހޭނެ އެވެ. ހިތްހަމަނުޖެހޭ ކަންކަންވެސް މެދުވެރިވާނެއެވެ. އެގޮތުން އަޅުގަނޑުމެން ދެމަފިރިންގެ މެދުގައިވެސް ކުނި ޖެހެއެވެ. ކުނި ޖެހުމުން ޙައްލުކުރަން ބޭނުންކުރަނީ ކުޑަކުޑަ އުކުޅެކެވެ.
މިޘާލަކަށް ފާތުން އަޅުގަނޑާއިމެދު ހިތްހަމަނުޖެހިފައި ހުރި ދުވަހެއްކަމަށް ޝައްކުވީނަމަވެސް އޮފީސް ނިންމާފައި ގެއަށްދަނީ ފާތުންއަށް އެންމެ މީރުވާނެ ކޮންމެވެސް ކާއެއްޗެއް ނުވަތަ އެނޫންވެސް އެފަދަ ހަދިޔާއެއް ހިފައިގެންނެވެ. ގެއަށް ގޮސް ބައްދަލުކުރަނީ ތަންކޮޅަށް ބޮޑަށް ހިނިތުންވެގެން ހުރެއެވެ. ހިނިތުންވެގެންހުރެ ހަދިޔާ ދިއްކޮށްލާ ހިސާބުން ޖެހިފައި އޮތް ކުޑަކުޑަ މައްސަލައިގެ ޝަކުވާ ކެނޑިގެންދެއެވެ.
ފާތުންވެސް އަޅުގަނޑާއިމެދު ކަންކަން ކުރަނީ ހަމަ އެފަދަ ގޮތަކަށެވެ. އަޅުގަނޑު ހިތްހަމަނުޖެހިފައިހުރިކަން އެނގިއްޖެނަމަ ކޮންމެ ގޮތަކުން އެދުވަހަކު އަޅުގަނޑަށް ވަރަށް މީރު ކާއެއްޗެއް ކައްކާނެއެވެ.
މިކުޑަކުޑަކަމުގެ ސަބަބުން ދެމީހުންގެ މައްސަލަތައް ހައްލުވެ، ހިތްހަމަނުޖެހުންތައް ފިލައި ލޯބި އިތުރުވާ ސަބަބާއިމެދު ވަރަށް ބޮޑަށް ވިސްނައިފީމެވެ. ނަމަވެސް އިނގިލި ދިއްކޮށްފައި ސަބަބު ބުނެދޭކަށް އަދިވެސް ނުއެނގެއެވެ. ނަމަވެސް އަޅުގަނޑުގެ އަމިއްލަ ވިސްނުމުން ވިސްނޭގޮތްވެސް ބުނެލާނަމެވެ.
ދެމަފިރިންގެ މެދުގައި ޚިޔާނާތްތެރިވުމާއި ބޭވަފާތެރިވުމާއި އަނިޔާވެރިނުވުމާއި އެކަކު އަނެކަކަށް ނުބައިބަސްތައް ބުނުން ފަދަ ބޮޑެތި މައްސަލަތައް ނެތްނަމަ ދެން ޖެހޭ ކުދިކުދި މައްސަލަތައް ޖެހެނީ އެކަކު އަނެކަކަށް އިތުރަށް ލޯތްބާއި އަޅައިލުން އަދިވެސް އިތުރަށް ބޭނުންވާތީއެވެ. ދެމަފިރިންގެ މެދުގައި ލޯތްބާއި އަޅައިލުން ހަމަ ކުރިއެކޭ އެއްގޮތަށް އެބަ އޮތްކަން އަންގައިލުމުން ހުރިހާ މައްސަލަތަކެއް ޙައްލުކުރެވިގެންދަނީއެވެ.
މިއީ އަޅުގަނޑުގެ ވިސްނުމެވެ. އުންމީދުކުރަނީ ތިއަބޭފުޅުންވެސް އަޅުގަނޑު މިބުނި ކަންކަމަށް ވިސްނަވާނެ ކަމަށެވެ. އަދި ވިސްނުންފުޅު ހާމަވެސް ކުރައްވާނެކަމަށެވެ.
މިއެކުވެރިޔާ މިބުނާ ވާހަކަތަކަށް މިއަދުނޫހުގެ ކިޔުންތެރިންގެ ޚިޔާލަކީ ކޮބައިތޯއެވެ؟
- އަލަފް