ދެމަފިރިންގެ ވިޔަސް އަމިއްލަ ގޭތެރެއިން ވިޔަސް މުޖުތަމަޢުންވިޔަސް ދެބަސްވުން އެކުގައި ފިލުވައިލެވޭނެ މަގު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 5ސ
ދެމަފިރިންގެ ވިޔަސް އަމިއްލަ ގޭތެރެއިން ވިޔަސް މުޖުތަމަޢުންވިޔަސް ދެބަސްވުން އެކުގައި ފިލުވައިލެވޭނެ މަގު-

މުސްލިމުން އެކަކު އަނެކަކަށް ގުޅުވައިލަދޭ ވަސީލަތަކީ މިޒާޖުގެ ގޮތުން އެއްގޮތްވުމާއި ބޭރުފުށުގެ ސިފައާއި ކާންބޭނުންވާ ތަކެތި އެއްގޮތްވުމާއި މިފަދަ ކަންކަން ކަމަށް ބަލައިގެންނުވާނެއެވެ. މިކަމުގެ މައްޗަށް ކުޑަކޮށް ނަމަވެސް ވިސްނައިލަމާހިނގާށެވެ! 

ރަނގަޅަށް ވިސްނައިފިނަމަ އެނގިގެންދާނެ އެވެ. މުސްލިމުން އެކަކު އަނެކަކާއި ގުޅުވައިލަދެނީ އީމާންކަމެވެ. ﷲ ތަޢާލާ އަށް ކިޔަމަންތެރިވުމުންނެވެ. ސުންނަތަށް ލޯބިކުރުމުންނެވެ. ކީރިތި ޤުރްއާނަށް ޢަމަލުކުރުމުންނެވެ. 

ﷲ ތަޢާލާ ކަންކަން އިންތިޒާމު ކުރައްވަވާފައިވަނީ ކޮންމެ ދުވަހަކު އެތައްފަހަރަކު މިބުނި ކަންކަން ސިކުނޑިއަށް ވަންނާނެ ގޮތަށެވެ. ވިސްނޭނެ ގޮތަށެވެ. އެހެނީ ކޮންމެ ދުވަހަކު އަހުރެމެން ފަރުޟު 5 ނަމާދު އެބަކުރަމުއެވެ. ކޮންމެ ނަމާދަކަށް ހަދައިލެވޭ ސަފުތައް އަންގައިދެނީ މިބުނި ކަންކަމެވެ. އަދި ކީއްހެއްޔެވެ؟ ބަންގިއަށް ޢިޖާބަދީ ނަމާދުކުރުންވެސް އަންގައިދެނީ ހަމަ މިބަޔާންކުރި ކަންކަމެވެ. 

މިކަންކަން މިހައި ހާމަކަން ބޮޑު ގޮތުގައި އެނގެން ހުރިނަމަވެސް މީސްތަކުން މިއަދު އެގެންދަނީ ބަދަލުތައް ގެންނަމުންނެވެ. މުސްލިމުން އެކަކު އަނެކަކަށް ގުޅުވައިލަދޭ ވަސީލަތަކީ މިޒާޖުގެ ގޮތުން އެއްގޮތްވުމާއި ބޭރުފުށުގެ ސިފައާއި ކާންބޭނުންވާ ތަކެތި އެއްގޮތްވުމާއި މިފަދަ ކަންކަން ކަމަށް ބަލައިގެންނުވާނެކަމަށް ފަށަމުން ބުނި ނަމަވެސް މިއަދު ގިނަ ބައަކު ޤަބޫލުކުރަނީ މުސްލިމުން ގުޅުވާލަދެނީ އެކަންކަން ކަމަށެވެ. 

އަހުރެންބުނީތީވެސް އެވިސްނުން ދޫކޮށްލާށެވެ! އަހުރެމެން މުސްލިމުން ގުޅުވައިލަދޭ އެއްޗަކީ ﷲ ތަޢާލާ އާއި ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތާއި ޤުރްއާން ކަމުގައި ނިކަން ހަދައިބަލާށެވެ! އަހުރެމެން ބަލިކުރެވޭނެ ބައަކު ނުތިބޭނެއެވެ. އަދި ކީއްހެއްޔެވެ؟ މުޖުތަމަޢުތަކަށް ނުބަލައި އަމިއްލަ ގޭތެރޭގައިވެސް މިބުނި ފަދައިން ނިކަން ޢަމަލުކޮށްބަލާށެވެ! ހުރިހާ ދެބަސްވުންތަކެއް ފިލައިގެންދާނެއެވެ. 

ނިކަން ބުނެބަލާށެވެ! އަހުރެމެން ގުޅުވައިލަދޭ އެއްޗަކީ ﷲ ތަޢާލާ އާއި ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތާއި ޤުރްއާން ކަމުގައި ހަދައިފިނަމަ ދެބަސްވާން އޮންނާނީ ކޮންކަމެއްހެއްޔެވެ؟ ދެބަސްވެގެން ނުވާނެ ކަމަށާއި ދެބަސްވުމަކީވެސް ކުށެއް ކަމަށް އަމިއްލައަށް ކަނޑައަޅާނެ ނޫންހެއްޔެވެ؟ 

ނިކަން ބުނެބަލާށެވެ! ދެމަފިރިން ގުޅިގެން ތިބީ މިބުނި ފަދައިން، ﷲ ތަޢާލާ އާއި ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތާއި ޤުރްއާނަށްޓަކައި ކަމުގައި ހަދައިފިނަމަ ޙައްލުނުކުރެވޭނީ ކޮން މައްސަލައެއް ހެއްޔެވެ؟ ހުރިހާ މައްސަލަތަކެއްދާނީ އަމިއްލައަށްވެސް ޙަލުވަމުން ނޫންހެއްޔެވެ؟ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން