އަނބިމީހާގެ ހިތުގަ އިސްލާމް ދީނަށް ލޯބި އިތުރުކުރުވަން ބޭނުންނަމަ ޢަމަލުކުރަން އެންމެ ރަނގަޅު ގޮތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 49ސ
އަނބިމީހާގެ ހިތުގަ އިސްލާމް ދީނަށް ލޯބި އިތުރުކުރުވަން ބޭނުންނަމަ ޢަމަލުކުރަން އެންމެ ރަނގަޅު ގޮތް-

ކޮންމެ ފިރިއަކަސްވެސް ލިބޭނެ އެންމެ ބޮޑު އެއް އުފަލަކީ އެމީހެއްގެ އަނބިމީހާއަކީ ހެޔޮލަފާ ތަޤްވާވެރިއަކުކަމުގައިވުންކަން އެއީ އެއްވެސް ޝައްކެއްވެސް އޮތް ކަމެއް ނޫނެވެ. އަނބިމީހާ އިޞްލާޙްކުރުމަކީ ފިރިމީހާގެ މައްޗަށް އޮތް ވަރަށް ބޮޑު ވާޖިބެކެވެ. އެހެނަސް އެކަން ޙާޞިލްކުރެވޭނީ ބުއްދީގެ ބޭނުންކޮށްގެންނެވެ. މަޖުބޫރަކުން ނޫނެވެ. 

އެމެރިކާފަދަ ބައެއް ޤައުމުތަކުގައި ދިރިއުޅުން ބަދަލުވެގެންދިއަ ގޮތުން ވަރަށް ރަނގަޅު މުސްލިމުން އުފެދިފައިވާއިރު އަނެއްބައި މުސްލިމުންނަކީ ހަމައެކަނި ނަމެއްގައި މުސްލިމުންނެވެ. އެމީހުންނަށް އިސްލާމް ދީނާއިބެހޭ ގޮތުން އެއްވެސް ކަމެއް ނުވެއެނގެއެވެ. މިކިޔައިދެނީ އެފަދަ ހާލުގައި ހުރި މުސްލިމަކު، ފުރިހަމަ މުސްލިމަކަށް ބަދަލު އޭނާގެ އަނބިމީހާ ވެސް ހެޔޮލަފާ މުސްލިމަކަށް ބަދަލުވިގޮތުގެ ވާހަކައެވެ. 

އޭނާ ދީނަކާއިމެދު ވިސްނަންފެށީވެސް ތަފާތު ކުށްތައް ކުރެވިގެން ޖަލަށް ގިނަގިނައިން ވަންނަން ޖެހެން ފެށުމުންނެވެ. އޭނާގެ ނަމަކަށް މުސްލިމް ނަމެއް ކިޔާތީ އޭނާ ފުރަތަމަ ބޭނުންވީ މުސްލިމަކަށްވެވޭނެ ގޮތްތައް ދަސްކުރާށެވެ! 

އޭނާ އިސްލާމް ދީނުގެ ކަންކަން ދަސްކުރިއެވެ. ނަމާދުކުރަންވެސް ދަސްކުރިއެވެ. އެއަށްފަހު މަޑުމަޑުން އުޅުން ބަދަލުކުރަންފެށިއެވެ. ނަމާދުކުރަންފެށިއެވެ. ތުނބުޅިކޮޅެއްވެސް ބަހައްޓައި އިސްލާމެއްކަން ސިފައިންވެސް ހާމަކުރަންފެށިއެވެ. މިސްކިތަށް ގޮސް ގިނަ ވަގުތު ހޭދަކުރަންފެށިއެވެ. 

ދުވަސްކޮޅެއްފަހުން އޭނާއަށް އޮތް އެންމެ މައްސަލައަކަށްވީ އަނބިމީހާއަކީ ކްރިސްޓިއަނެއްކަމެވެ. އެހެންވެ އަނބިމީހާއަށް އިސްލާމް ދީން ހުށަހަޅާނެ ގޮތަކާއިމެދު އޭނާ ދިއައީ ވިސްނަމުންނެވެ. މިސްކިތުގެ އިމާމާއި ބައްދަލުކޮށް މަޝްވަރާކުރުމުން އޭނާ ބުންޏެވެ.

"އެއްގޮތަކަށްވެސް އިހަށް އޭނާ އާއި ދީނުގެ ވާހަކަ ނުދައްކާށެވެ! ރަސޫލް އަނބިއަނބިކަނބަލުންނަށް ނަމޫނާ ދެއްކެވިގޮތަށް ޢަމަލުކުރާށެވެ! އަނބިމީހާއަށް ހެޔޮކޮށްހިތާށެވެ! ލޯބިދޭށެވެ! އުފާވެރިކަންދޭށެވެ! ހިނިތުންވުންވެސް ދޭށެވެ! ހިތްހަމަނުޖެހޭ ކަމެއްގައިވެސް ހަރުކަށި އެންމެ ބަހެއްވެސް ނުބުނާށެވެ! އެކުގައި ކައިބޮއިހަދާށެވެ! ރިވެތިބަހުރުވައިން މުޢާމަލާތުކުރާށެވެ! އަދި އަނބިމީހާގެ މައިންބަފައިންނާއިވެސް ރިވެތި ގޮތުގައި މުޢާމަލާތުކުރާށެވެ! އެމީހުންނަށްވެސް ހެޔޮކޮށް ހިތާށެވެ!"

އޭނާ އަނބިމީހާ ޢާއިމެދު އެގޮތަށް ޢަމަލުތައް ބަހައްޓަން ފެށިތާ ދުވަސްކޮޅެއްފަހުން އެއްރޭގެ މަޣްރިބް ނަމާދު ނިމިގެން ބަލައިލިއިރު ފަހަތުގައި އަނބިމީހާ މުސައްލައެއްގެ މަތީގައި އިނެވެ. ދޮޅިވެސް އަޅައިގެންނެވެ. ނަމާދުކުރީތޯ ސުވާލުކުރުމުން ބުނީ ނަމާދުކުރިކަމަށެވެ. 

އަނބިމީހާއަށް އެހައި ބޮޑު ބަދަލެއް އައި ސަބަބާއިމެދު ސުވާލުކުރުމުން ބުނީ ކަލޭފަދަ ފިރިއަކު އަހަރެމެންގެ މުޅި ޢާއިލާގައިވެސް ނެތްކަމަށެވެ. އޭނާގެ ބައްޕަވެސް ހިމަނައިގެން ކަމަށެވެ. މިގެ ނޫނީ ފުރިޖުގައި ރަލާއި ބިއަރާއި ވައިން ނުހުންނަ ގެއެއް ނެތްކަމަށެވެ. މަސްތުވެގެން ގޭތެރޭގައި ހަމަނުޖެހުން ނުހިންގާ ގެއެއްވެސް ނެތް ކަމަށެވެ. އަނބިންނަށް އަނިޔާ ނުކުރާ ގެއެއް ނެތްކަމަށެވެ. އެހެންވީމާ އިސްލާމް ދީނުގައި ހުރިމަތިވެރިކަން ޤަބޫލުކުރެވިގެން އިސްލާމްދީނަށް އަމިއްލައަށް ވަނީ ކަމަށެވެ. 

މީސްތަކުންނޭވެ! އަހަރެމެންގެ އަނބިންނަކީ މުސްލިމުންނެވެ. އެހެން ދީނެއްގެ ބައެއް ނޫނެވެ. ބޭނުން މިވަނީ އެމީހުންގެ ތަޤްވާވެރިކަން އިތުރުކުރުވަން ކަމަށްވާނަމަ އެ އިމާމް އެ ބުނެދިން ފަދައިން ޢަމަލުކުރާށެވެ. އަހަރެންގެ ނަޞޭޙަތަކީ ރަސޫލް ގެ ސިޔަރަތު ގިނަގިނައިން ކިޔައި އަނބިއަނބިކަނބަލުންނާއިމެދު ޢަމަލުފުޅުކުރެއްވެވި ގޮތް ދަސްކުރުމެވެ. އެސުންނަތުގައި ސާބިތުވުމެވެ. އެއިރުން ގަދައަމުރުން ކަންކަމަށް އަމުރުނުކުރިނަމަވެސް އަނބިންގެ ތަޤްވާވެރިކަން ދާނީ އިތުރުވަމުންނެވެ. އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

 

 

މިއަދު އޮންލައިން