ޚުޝޫޢަތްތެރިކަމާއެކު ނަމާދުކުރަން ބޭނުންނަމަ ދެމަފިރިން އެކަކު އަނެކަކަށް ބޭވަފާތެރިނުވާންޖެހޭ ސަބަބު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 55ސ
ޚުޝޫޢަތްތެރިކަމާއެކު ނަމާދުކުރަން ބޭނުންނަމަ ދެމަފިރިން އެކަކު އަނެކަކަށް ބޭވަފާތެރިނުވާންޖެހޭ ސަބަބު-

ތިއަބައިމީހުންގެ އަނބިންނަށް އަނިޔާވެރިނުވާށެވެ! ބުނެވިއްޖެނަމަ ދުވަހަކުވެސް އަނބިމީހާއަށް އެއްވެސް އަނިޔާއެއް ނުކުރާކަމަށް ބުނާ ފިރިން މަދެއް ނުވާނެއެވެ. ސުވާލަކީ އަނިޔާނުކުރާ ކަމަށް ތިއަ ބުނަނީ ލަޓިބުރިއަކުން ގައިގައި ނުތަޅާތީ ހެއްޔެވެ؟ އެހެންކަމަށްވާނަމަ ތިއަ ވިސްނެނީ ރަނގަޅަކަށް ނޫނެވެ. 

ޙަޤީޤީ އަނިޔާއަކީ ހިތުގައި ޖެއްސުވުމެވެ. ދުލުން ނުބައި ބަސްތައް ބުނުމެވެ. ބޭވަފާތެރިވުމެވެ. އަލައިލަންޖެހޭ ވަރަށް އަޅައިނުލުމެވެ. ސަމާލުކަންދޭންޖެހޭ ވަރަށް ސަމާލުކަން ނުދިނުމެވެ. ޢުމުރަށް ލޯބިވާން ވީވަޢުދު އުވާލުމެވެ. 

މިބުނި ފަދައިން ބައިވެރިޔާއަށް އަނިޔާވެރިވަނީ ހަމައެކަނި ފިރިމީހާކަމަކަށް ނުބުނެވޭނެއެވެ. އެކަންކަންކުރާ އަނބިންވެސް މަދެއް ނޫނެވެ. ﷲ ތަޢާލާ އެންގެވި މަގު ދޫކޮށް އެކި ޖަމާޢަތްތަކުން ބުނާ ގޮތަށް އަންހެނުންވެސް ދުވަހެއް ދުވަހަކަށް ގިނަވަމުންނެވެ. ނިޞްބަތުން ގިނައީ ފިރިހެނުންކަން ނުވަތަ އަންހެނުންކަން ދެނެގަންނަންވެސް މިއަދު މިވަނީ އުނދަގޫވެފައެވެ. 

އަހުރެން މިރޭ ބޮޑަށް ފާހަގަ މިކުރަނީ ދެމަފިރިންގެ މެދުގައި އޮންނަން ޖެހޭ ގުޅުން ރަނގަޅު ގޮތުގައި ނެތްނަމަ ޢާޚިރަތް ލިބިގަންނަން އުނދަގޫވާނެ މައްސަލައެވެ. ފުރަތަމަ ކަމަކަށް އަބަދު މައްސަލަތަކުގެ ތެރޭގައި އުޅެންޖެހޭނަމަ އަޅުކަންކުރަން ދޭންޖެހޭ ސަމާލުކަމެއް ނުދެވޭނެއެވެ. އަަބދުވެސް ސިކުނޑީގައި އެނބގުރޭނީ ދެމަފިރިންގެ މައްސަލަތައް ކަމުގައިވާތީއެވެ. 

އަދި ކީއްހެއްޔެވެ؟ މިފަދަ ޙާލުގައި ޚުޝޫޢަތްތެރިކަމާއިއެކު ނަމާދުކުރަންވެސް ވަރަށް އުނދަގޫވާނެއެވެ. ސަބަބަކީ ރަނގަޅު ގޮތުގައި ދިރިއުޅެން ބޭނުންވާނަމަ އެމީހަކަށް ކުރިމަތިވާނެ އެންމެ ބޮޑު ހިތްދަތިކަމަކީ ބައިވެރިޔާގެ ކިބައިން ކުރިމަތިވާ މައްސަލަތަކެވެ. 

އަދި އެއްވާހަކަ ބުނެލާނަމެވެ. އަނބިމީހާ ވިޔަސް ފިރިމީހާ ވިޔަސް ބައިވެރިޔާއަށް މަކަރުހަދާ މީހުންނަށް ޚުޝޫޢަތްތެރިކަމާއިއެކު ނަމާދުކުރަން ވަރަށް އުނދަގޫވާނެއެވެ. ސަބަބަކީ އޭނާގެ ވިސްނުމުގައި އަބަދުވެސް އެންމެ ބޮޑަށް ހުންނާނެ ކަމަކީ ބައިވެރިޔާއަށް އެދުވަހު މަކަރުހަދާނެ ގޮތެކެވެ. ބުނާނެ ދޮގުތަކެވެ. އަދި ހަދަމުންޑާ މަކަރުތައް ފަޟީޙަތްވެދާނެތީ އުފެދޭ  ކަންބޮޑުވުންތަކެވެ. 

މިކަންކަމަށް މީހުންގެ ކުރިމަތީގައި އެއްބަސްނުވިނަމަވެސް މިއީ ހަމަ ތެދު ހަޤީޤަތްކަމަށް އެމީހަކަށް ވަރަށް ރަނގަޅަށް ޤަބޫލުކުރެވޭނެއެވެ. ދެކޮޅެއް ނުހެދޭނެއެވެ. ތައުބާވެ ހެޔޮގޮތުގައި އުލެން ބޭނުންވާ މީހުންގެ ކިބައިން މިކަން ވަނީ ޔަޤީންކުރެވިފައެވެ. 

ވީމާ ބުނެލަން ބޭނުންވަނީ ޚުޝޫޢަތްތެރިކަމާއިއެކު ނަމާދުކުރަން ބޭނުންވާނަމަވެސް ދެމަފިރިން ދެމަފިރިންގެ ލޯބިން ދިރިއުޅޭށެވެ. އަނިޔާވެރިނުވާށެވެ! ބޭވަފާތެރިނުވާށެވެ! ފިކުރުތަކުން ސަލާމަތްވެ ސިކުނޑި ތާޒާކަންމަތީގައި އޮންނާނީ އެއިރުންނެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން