ފޯނުން ހުރިހާ ކަންކަން ކުރެވޭތީ މީހުންގެ ކަންނެތްކަން ވަނީ އިތުރު- ސަލާމަތްކަމަށް އެދި ކުރަންއޮތް ދުޢާއެއް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 57ސ
ފޯނުން ހުރިހާ ކަންކަން ކުރެވޭތީ މީހުންގެ ކަންނެތްކަން ވަނީ އިތުރު- ސަލާމަތްކަމަށް އެދި ކުރަންއޮތް ދުޢާއެއް-

ދުނިޔޭގެ ގިނަ ބައަކަށް މިއަދު ކުރިމަތިވެގެން އުޅޭ އެންމެ ބޮޑު އެއް މައްސަލައަކީ ކަންނެތްކަމެވެ. ޓެކްނޮލޮޖީގެ ގޮތުން އިތުރު ފަސޭހަތައް ލިބެމުން އަންނަވަރަކަށް ކަންނެތްވާ މީހުން ދަނީ ގިނަވަމުންނެވެ. 

މީގެ އަހަރުތަކެއް ކުރިއާއި އަޅައިބަލައިފިނަމަ އެއިރު އަތުން ކޮށްއުޅުނު ވަރަށް ގިނަ މަސައްކަތްތައް މިހާރު ކުރަނީ މެޝިންތަކުންނެވެ. އެއްވެސް ބުރަކަމެއް ނެތިއެވެ. ކަންކަން ކުރިއަރަމުން އައިސް ގެއަށް ބޭނުންވާ ބާޒާރުކޮށްލަން ބެލިނަމަވެސް ގެއިން ބޭރަށް ނުކުމެ ހިނގައިލަން ނުޖެހޭ މިންވަރަށް މިހާރު މިވަނީ ފަސޭހަވެފައެވެ. ފޯނުން އޯޑަރުކޮށްލުމުން ގެއަށް ގެނެސްދެއެވެ. 

ވީމާ އުޞޫލެއްގެ ގޮތުން ބަލައިފިނަމަ ވަރަށް ގިނަ ވަޤުތުތަކެއް ބާކީކުރެވިއްޖެއެވެ. ސުވާލަކީ އެވަޤުތުތަކުގެ ބޭނުން ހިފެނީ ތިމާއަށް ފައިދާކުރާނެ ހެޔޮގޮތުގައި ހެއްޔެވެ؟ ނޫންނަމަ ބޭކާރުކުރެވެނީޙެއްޔެވެ؟ އަހުރެންނަށް ބުރަވެވެނީ ބޭކާރުކުރެވޭ ކަމަށެވެ. 

ރަނގަޅަށް ވިސްނައިލާށެވެ! ކޮންމެ މުސްލިމަކު ކޮންމެ ދުވަހަކުވެސް ފުރަތަމަ އަދާކުރަންޖެހޭ ފަރުޟަކީ ފަތިސްނަމާދެވެ. އެންމެ ކުޑަމިނުން ފަތިސްނަމާދަށް ހޭނުލެވިގެން މިއުޅޭ ސަބަބަކީވެސް ހަމަ ކަންނެތްކަން ނޫންހެއްޔެވެ؟ އަހުރެންނާއި ބައްދަލުވި އެކަކުވެސް ފަތިސްނަމާދަށް ހޭލަން ބޭނުންނުވާ ކަމަކަށް ނުބުނެއެވެ. ބުނަނީ ނުހޭލެވެނީ ކަމަށެވެ. ނުހޭލެވޭތީ ދެރަވާ ކަމަށްވެސް ބުނެއެވެ. 

ދެން ނިކަންވިސްނައިލަބަލާށެވެ! މައިންބަފައިންގެ ހާލުބަލައިލެވޭހެއްޔެވެ؟ ކޮންމެ ދުވަހަކު ބަލައިނުލެވޭއިރު ހަފްތާއަކު އެއްފަހަރު ބަލައިލެވޭހެއްޔެވެ؟ ނޫންނަމަ މަހަކު އެއްފަހަހަރު ބަލައިލެވޭހެއްޔެވެ؟ 

މިހެން ގޮސް ދިގުކުރަން ލިސްޓް ކިޔާނެކަމެއް ނެތެވެ. އެމީހާ ﷲ ތަޢާލާއަށްޓަކައި އަދާކުރަންޖެހޭ ވާޖިބުތައް އަދާކުރުމުގައި މީސްތަކުންނަށް މިވަނީ ވަރަށް ބޮޑަށް ފަހަތަށް ޖެހެވިފައެވެ. ސަބަބަކީ ހަމަ ކަންނެތްކަމެވެ. 

އެހެންވެ ބުނެލަން ބޭނުންވަނީ ކަންނެތްކަމުން ސަލާމަތްކޮށްދެއްވެވުން އެދި ގިނަގިނައިން ދުޢާކުރާށެވެ! އަދި އެކަމަށް ގަދައަޅައި މަސައްކަތްވެސް ކުރާށެވެ! އަހުރެމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަވެސް ވަނީ އެކަމަށް އެދިވަޑައިގެން ވަރަށް ގިނަ ދުޢާފުޅުތައް ކުރައްވަވައިފައެވެ. 

މިއީވެސް ޙަދީޘްގައިވާ ދުޢާއެކެވެ. 

حَدَّثَنَا أَبُو مَعْمَرٍ، قَالَ‏: ‏ حَدَّثَنَا عَبْدُ الْوَارِثِ، قَالَ‏: ‏ حَدَّثَنَا عَبْدُ الْعَزِيزِ بْنُ صُهَيْبٍ، عَنْ أَنَسِ بْنِ مَالِكٍ قَالَ‏: ‏ كَانَ رَسُولُ اللهِ صلى الله عليه وسلم يَتَعَوَّذُ يَقُولُ‏: ‏ 

اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْكَسَلِ، وَأَعُوذُ بِكَ مِنَ الْجُبْنِ، وَأَعُوذُ بِكَ مِنَ الْهَرَمِ، وَأَعُوذُ بِكَ مِنَ الْبُخْلِ‏. 

Anas ibn Malik said, “The Messenger of Allah, may Allah bless him and grant him peace, used to seek refuge with Allah, saying, ‘O Allah, I seek refuge with you from laziness. I seek refuge with You from cowardice. I seek refuge with you from senility. I seek refuge with You from miserliness.'” 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން