ފިރިން ދަރިން ފެންވަރުވައި ރީތިކޮށް ކާން ނުދިނުމަކީ ލިބެންހުރި ގިނަ ޘަވާބުތަކެއް އަނބިންނަށް ދޫކޮށްލައި އަމިއްލައަށް ބާކީވެގަތުމެވެ!: ބިލާލަ އައްސަދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
ފިރިން ދަރިން ފެންވަރުވައި ރީތިކޮށް ކާން ނުދިނުމަކީ ލިބެންހުރި ގިނަ ޘަވާބުތަކެއް އަނބިންނަށް ދޫކޮށްލައި އަމިއްލައަށް ބާކީވެގަތުމެވެ!: ބިލާލަ އައްސަދު

ކުދިންގެ ބައްޕަވެސް ދަރިންގެ ކަންތައްތައް ކޮށްދޭނަމަ އެއީ ކުރެވޭ އަޅުކަމެއްކަމަސް ބުނާއަޑު އަހަމެވެ. އެއީ ތެދެއްތޯއެވެ؟

ކިޔުންތެރިޔާގެ ސުވާލުގެ ޖަވާބު ތިރީގައިވާ ލިޔުމުން ލިބިލައްވާނެކަމަށް އުންމީދުކުރަމެވެ.

ޒަވާޖީ ޙަޔާތް ﷲ ތަޢާލާ ލައްވަވާފައިވަނީ ހަމައެކަނި ދުނިޔެގައި އުފާކުރުމަކަށް ނޫނެވެ. ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ޒަވާޖީ ޙަޔާތް ކުރިއަށް ގެންދިއުމުން ސުވަރުގެވެސް ލިބޭނެ ގޮތަށެވެ. އެހެންކަމުން ޒަވާޖީ ޙަޔާތުގައި ކުރަންޖެހޭ މުހިންމު ކަންކަން ލައްވަވާފައިވަނީ އަޅުކަމުގެ ގޮތުގައެވެ.

މިސާލަކަށް އެކަކު އަނެކަކަށް ތެދުވެރިވެ ވަފާތަރިވުމާއި އެކަކު އަނެކަކަށް އަޅާލައި އޯގާތެރިވުމާއި އެންމެ ކުޑަމިނުން ހިނިތުންވުންވެސް ލައްވަވާފައިވަނީ އަޅުކަމުގެ ގޮތުގައެވެ. އަދި ކީއްހެއްޔެވެ؟ ތިބާގެ ދަރިން ފެންވަރުވައި ރީތިކުރުމާއި ދަރިންނަށް ކާންދިނުންވެސް ލައްވަވާފައިވަނީވެސް ހަމަ އަޅުކަމުގެ ގޮތުގައެވެ.

ގިނަ ފިރިހެނުންނަށް އަދިވެސް ޤަބޫލުކުރެވިފައި އޮންނަނީ ދަރިން ފެންވަރުވައި ރީތިކުރުމާއި ދަރިންނަށް ކާންދިނުން ފަދަ ކަންކަމަކީ އަނބިމީހާ ކުރަންޖެހޭ ކަންކަން ކަމަށެވެ. އެހެންވެ އެކަންކަން ދޫކޮށްލަނީ އަނބިމީހާއަށެވެ! އެކަމުގެ ނަތީޖާއަކަށްވެގެން މިދަނީ އެކަންކަން ކުރުމުން ﷲ ތަޢާލާ ތިމާއަށް ދެއްވަވަންހުރި ޘަވާބު ލިބި ނުގަނެ ދޫކޮށްލުމެވެ! ހުރިހާ ޘަވާބެއް އަނބިމީހާއަށް ލިބޭނެ މަގުފަހިކޮށްދީ ތިމާ ބާކީވުމެވެ.

އަދި ކީއްހެއްޔެވެ؟ ތިމާ އާއި ދަރިން ކާތަށި ދޮވެ ސާފުކޮށް، އަދި ކާންހެދުމަކީވެސް އަޅުކަމެކެވެ. ކެއްކުމަކީވެސް އަޅުކަމެކެވެ. ދެމަފިރިންވެސް އެކަކު އަނެކަކަށް ލުއިފަސޭހަކޮށްކޮށްދޭން ކުރާ ކޮންމެ އަމަލަކީވެސް ހަމަ އަޅުކަމެކެވެ. ވީމާ އަމިއްލަ ދިރިއުޅުމުގެ ތެރެއިން ޘަވާބު ލިބިގަނެވޭނެ އެތައް ބައިވަރު ކަންކަން މިހީ ފެންނާށެވެ!

ތިމާއަކީ ފިރިހެނަކަށްވީތީ ބޮޑާވެގެން ހުރުމުން އެމީހަކަށް ގެއްލިގެން އެދަނީ ތިމާއަށް ލިބެންހުރި އެތައް ބައިވަރު ޘަވާބުތަކެކެވެ! އަދި ކީއްހެޔެވެ؟ ދެމަފިރިން އެކަކު އަނެކަކު ދެކެ ލޯބިވުމާއި ހެޔޮކޮށް ހިތުމަކީ ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ލިބިގެންދާ ކަމެކެވެ.

--ބިލާލް އައްސަދުގެ ދަރުސަކުން

މިއަދު އޮންލައިން