ދަރިންގެ ބައްޕަ ދަރިންނަށް ސަމާލުކަން ނުދޭނަމަ ސަމާލުކަންދޭނެ ބައްޕައަކު ހޯދަން ދަރިން ދެކެ ލޯބިވާ މައިންނަށް މަޖުބޫރުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 57ސ
ދަރިންގެ ބައްޕަ ދަރިންނަށް ސަމާލުކަން ނުދޭނަމަ ސަމާލުކަންދޭނެ ބައްޕައަކު ހޯދަން ދަރިން ދެކެ ލޯބިވާ މައިންނަށް މަޖުބޫރުވާނެ!

ބައެއް ބައްޕައިންނަށް ވިސްނިފައި އޮންނަނީ ދަރިންނާއި އެއްގޭގައި ދިރިއުޅެވޭނަމަ އެނިމުނީކަމަށެވެ. ކާންބޯންދީ ޚަރަދުތައް ބަލަހައްޓާނަމަ އެނިމުނީކަމަށެވެ. އެއިރުން އަނބިމީހާ އާއި ދަރިން ތިބޭނީ އުފަލުން ކަމަށެވެ. ނަމަވެސް މިއީ ވަރަށް ބޮޑު ކުށްހީއެކެވެ.

ހެޔޮލަފާ މަންމައަކު ނަމަ އޭނާގެ އަމިއްލަ އިޙްޞާޞްތައް ހިފަހައްޓައިގެން ދަރިންނަށްޓަކައި ކެތްތެރިވެދާނެއެވެ. ނަމަވެސް ދަރިންނަށް ދޭންޖެހޭ ސަމާލުކަން ނުދޭނަމަ ކެތްތެރިއެއް ނުވެވޭނެއެވެ. އަދި ސަމާލުކަން ދިނުމަކީ ދަރިންނަށް ޚަރަދުކުރުމާއި އެއްގޭގައި ދިރިއުޅުން ކަމަކަށް ޤަބޫލެއްވެސް ނުކުރާނެއެވެ. 

ރަނގަޅު މައަކު ނަމަ އެންމެ ބޮޑު ސަމާލުކަމެއް ދޭނީ ދަރިންނަށެވެ. ދަރިން ތަރުބިއްޔަތުކުރުމަށެވެ. ދަރިންނަކީ ނަމާދުކުރާ ކުދިން ކަމުގައި ހެދުމަށެވެ. ވީމާ އެކަންކަން ޙާޞިލްކުރުމުގައި އެއްބާރުލުން ނުދޭ ބައްޕައިންނާއިއެކު ދިރިއުޅެން ފޫހިވާނެއެވެ. އެފޫހިކަން ބޮޑުވުމުން ދެވަނަ ގޮތެއް ހޯދަން ރަނގަޅު މަންމައިން ވިސްނާނެއެވެ. 

ކަންކަން ގޯހުން ގޯހަށް ދިއުމުން އަނބިން ކުށްވެރިނުކުރާށެވެ! ތިމާ އުފުލަންޖެހޭ ޒިންމާ އުފުލުނު މިންވަރަށް ވިސްނާށެވެ. ދަރިންދެކެ ލޯބިވާ މައިން ވިސްނާނީ ފިރިމީހާގެ އަނބިމީހާގެ ޙައިޞިއްޔަތަކުން ނޫނެވެ. ދަރިފުޅުގެ މަންމަގެ ޙައިޞިއްޔަތުންނެވެ. އެކަން ޤަބޫލުކުރަންވާނެއެވެ. 

މިވާހަކަ އަޅުގަނޑު މިބުނީ އަމިއްލަ ތަޖުރިބާއިންނެވެ. ތިބީ 2 ފިރިހެންދަރިންނެވެ. ދޮށީދަރިފުޅަށް 8 އަހަރުފުރުނުއިރުވެސް ދަރިފުޅު ގޮވައިގެން ވަރަށް މަދު ދުވަހަކު ނޫނީ ދަރިންގެ ބައްޕައަށް މިސްކިތަށް ދެވޭ ކަމަކަސް ނުހެދިއެވެ. އެހިސާބުން މިއީ ކަމުދާ ބނައްޕައެއް ނޫންކަން ޤަބޫލުކުރެވި ވަރަށް ގިނަ ފަހަރު ނަޞޭޙަތްދިނީމެވެ. 

ބައްޕައެއްގެ ދައުރު ރަނގަޅު ގޮތުގައި އަދާކޮށްދޭނެ ބައްޕައަކު ހޯދުނީ ދޮށީދަރިފުޅަށް 9 އަހަރުފުރުނުފަހުންނެވެ. ބަދަލު ގެނައުމުން ކުށްވެރިކުރީ އަޅުގަނޑެވެ. އެކަމަކަށް ކަންބޮޑެއް ނުވަމެވެ. ބެލީ ރަނގަޅު ގޮތުގައި ދަރިފުޅު ތަރުބިއްޔަތުކުރެވޭނެ ގޮތަކަށެވެ. އެމަޤްޞަދު ޙާޞިލުކުރެވުނެވެ. 2 ދަރިންނަކީ މިސްކިތަށް ގޮސް ނަމާދުކުރާ ކުދިންގެ ގޮތުގައި އެތިބީ ތަރުބިއްޔަތުކޮށްފައެވެ. 

މިވާހަކަކޮޅު މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާ މިކުރީ އަޅުގަނޑަށް ކުރިމަތިވި ޙާލަތު ކުރިމަތިވެފައި ތިބި މައިންނަށް ވިސްނައިދިނުމަށެވެ. ބުނެލަން ބޭނުންވަނީ ދަރިންގެ ބައްޕަކަމުގައިވީނަމަވެސް ދަރިން ތަރުބިއްޔަތުކުރުމުގެ ޒިންމާ ނުއުފުލާނަމަ އަޅަންޖެހޭ ފިޔަވަޅުތައް އަޅާށެވެ. ދަރިންނަށް ކޮށްދެވޭނެ އެންމެ ބޮޑު ހެޔޮކަމަކީ ދަރިންނަކީ ނަމާދުކުރާ ބައެއްގެ ގޮތުގައި ތަރުބިއްޔަތުކުރުމެވެ. 

- ވަޙީދާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން