ދަރިއަކަށް ދެވޭނެ އެންމެ އަގުބޮޑު ހަދިޔާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 59ސ
ދަރިއަކަށް ދެވޭނެ އެންމެ އަގުބޮޑު ހަދިޔާ!

މިހާރަކަށް އައިސް މައިންބަފައިންނާއި ބެލެނިވެރިން ގަދައަޅައި މަސައްކަތްކުރަނީ ލިބުނު އެންމެ އަގުބޮޑުހަދިޔާއެއް ދަރިންނަށް ދިނުމަށެވެ. އަތުގައި ފައިސާހުރިވަރަކުން ކިތަންމެ އަގުބޮޑު އެއްޗެއް ގަނެދޭންވެސް ޖެހިލުމެއް ނުވެއެވެ. 

ހިތާމައަކީ ދަރިންނަށް ދޭންވީ އެންމެ އަގުބޮޑު ހަދިޔާ ނުވެސް އެނގޭ ކަމެވެ. އެފަދަ މީހުން ވިސްނައިލުމަށް މިގެނެސްދެނީ ސޯޝަލް މީޑިއާއިން ފެނުނު ވަރަށް ޢިބްރަތްތެރި ކުރުވާހަކައެކެވެ. 

އެ ނަރަކައިގެ ދަރަކީ، މީހުންނާއި ހިލައެވެ- 

އިބުނު ޖައުޒީ رحمه الله ނަޤުލު ކުރައްވާފައިވެއެވެ. 

ވަރަށް ވެސް މުއްސަނދި ރަސްގެފާނެއް އުޅުއްވި އެވެ. ރަސްގެފާނުގެ ހުންނަނީ ހަމައެކަނި އެންމެ ދަރިއެކެވެ. އެއީ އަންހެން ކުއްޖެކެވެ. ރަސްގެފާނު އެ ދަރިފުޅު ދެކެ ވަރަށް ލޯބިވެއެވެ. އެހެންކަމުން ކުއްޖާ ބޭނުންވާހާ ކަމެއް ކޮށްދީ މުނިފޫހިފިލުވައިދޭނެ ހުރިހާ ކަމެއް ފޯރުކޮށްދެއެވެ. ވަރަށް ގިނަދުވަސްތަކަކަށް މިގޮތަށް ކަންތައް ވަމުން ދެއެވެ. 

ތަޤްވާވެރި އަޅުވެރިއެއް ރަސްގެފާނުގެ ގަނޑުވަރާއި ޖެހިގެން އުޅެމުން ދެއެވެ.

އެއްރެއަކު އަޅުވެރިޔާ ޤުރުއާން ކިޔަވަމުން ދިއައެވެ. ކިޔަވަމުން ގޮސް މި އާޔަތަށް އަޑު އުފުލައި ކިޔެވުން ބާރު ކޮށްލިއެވެ. 

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ قُوٓا۟ أَنفُسَكُمْ وَأَهْلِيكُمْ نَارًا وَقُودُهَا ٱلنَّاسُ وَٱلْحِجَارَةُ  ( التحريم ٦) 

"އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކާއި، ތިޔަބައިމީހުންގެ އަހުލުވެރިން، ނަރަކައިން ސަލާމަތްކުރާށެވެ! އެ ނަރަކައިގެ ދަރަކީ، މީހުންނާއި ހިލައެވެ." 

ރަސްގެފާނު ގެ ދަރިކަނބަލުންނަށް މި އާޔަތް އަޑުއިވުމާއިއެކު އޭނާގެ ނޯކިރީން ގާތުގައި ކިޔެވުން ހުއްޓުވާލުމަށް އެދުނެވެ. ނަމަވެސް އޭނާ ކިޔެވުމެއް ނުހުއްޓި އެވެ. އަޅުވެރިޔާ އެ އާޔަތް ތަކުރާރު ކުރަމުން ދިއަވަރަކަށް އަންހެން ކުއްޖާ ދިޔައީ ހުއްޓާލުމަށް އެދެމުންނެވެ. 

އެންމެ ފަހުން އެއަންހެން ކުއްޖާ އޭނާގެ ހެދުމުގެ ގިރުވާނުގައި ހިފައި ވީދައިލި އެވެ. 

ނޯކަރުންތައް މި ޚަބަރު ރަސްގެފާނަށް އެރުވިއެވެ. އެހިނދު ރަސްގެފާނު ވަޑައިގެންނެވިއިރު އަންހެން ކުއްޖާ އިނީ ރޯށެވެ. ގައިގާ ބައްދާލިއެވެ. އަދި ވީ ކިހިނެއްތޯ އާއި ރޯން މެދުވެރިވީ ކިހިނެއް ވެގެންތޯ އެއްސެވިއެވެ. 

އެހިނދު އަންހެން ކުއްޖާ ބުންޏެވެ. 

"ޤަންދީ ބުނަމެވެ. އޭ ބައްޕާއެވެ. ތެދަށް ބުނުންވާށެވެ. މީހުންނާއި ހިލަ، ދަރު ކަމުގައިވާ އަލިފާންގަނޑެއް ﷲ ޙަޟްރަތުގައި ވޭ  ހެއްޔެވެ؟" 

ރަސްގެފާނު ވިދާޅުވި އެވެ.

"އާއެކެވެ". 

ދެން އަންހެން ކުއްޖާ ބުންޏެވެ.

"ކުރިން ވިދާޅުނުވީ ކީއްވެގެންތޯއެވެ؟ ﷲ ގަންދީ ބުނަމެވެ. އަހަރެންގެ މަގާމަކީ ސުވަރުގެ ނޫނީ ނަރަކަކަން އެނގިއްޖެއުމަށް ދާންދެން މީރު ކާއެއްޗެއް ވެސް ނުކާނަމެވެ. އަދި އަރާމު އެނދެއްގައި ވެސް ނުނިދާނަމެވެ!" 

صفوة الصفوة ٤/٤٣٧-٤٣٨ 

@Heyla

މިއަދު އޮންލައިން