ބިރުވެތިވުން ހުއްޓެވެ! ﷲ ތަޢާލާ އާއި ގުޅުން ކަނޑާލައިގެން ހުންނަ މީހަކަށް ނުވާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 49ސ
ބިރުވެތިވުން ހުއްޓެވެ! ﷲ ތަޢާލާ އާއި ގުޅުން ކަނޑާލައިގެން ހުންނަ މީހަކަށް ނުވާށެވެ!

ރަނގަޅަށް ނޭވާވެސް ނުލެވިގެން އުޅޭ މީހެއްގެ ގާތުގައި ދުވުމުގެ ރޭހެއްގައި ބައިވެރިވެ ދުވަން ކިތަންމެ ވަރަކަށް ބުނިއްޔާ އޭނާއަށް ދުވެވޭނެ ހެއްޔެވެ؟ އެމީހެއްގެ ހަށިގަނޑުގައި އޮކްސިޖަން ނެތް މީހަކަށް ނޭވާލެވޭނެ ހެއްޔެވެ؟ 

ދެން ވިސްނައިލާށެވެ! އެމީހަކާއި ﷲ ތަޢާލާ އާއި ދެމެދުގައި އޮންނަންޖެހޭ ގުޅުން ނެތްނަމަ އެމީހަކަށް ދުނިޔެއިންވެސް އާޚިރަތުގައިވެސް ލިބޭނީ ކޮން އުފަލެއް ހެއްޔެވެ؟ އެގުޅުން އުފެދިގެން މިއަންނަނީ ނަމާދުންކަން އެއީ ކޮންމެ މުސްލިމަކުވެސް ޤަބޫލުކުރަންޖެހޭނެ ކަމެކެވެ. އެހެން މިބުނަނީ ކީރިތި ޤުރްއާނުން އެކަން ޔަޤީންކުރެވިގެންދާތީއެވެ. 

އެކުވެރިންނޭވެ! ނަމާދުތަކަށް ރައްކައުތެރިވާށެވެ! ތިމާއާއި ﷲ ތަޢާލާ އާއި ގުޅުވައިލަދޭ އެންމެ ބޮޑު ވަސީލަތަކީ ނަމާދެވެ. ނަމާދުގައި ކިޔާތަކެއްޗެވެ. އެތަކެތި ކިޔައި ﷲ ތަޢާލާއަށް ދަންނަވާ ދެންނެވުންތަކެވެ. އެދެންނެވުންތަކުގައި ހިމެނިގެންވަނީ ﷲ ތަޢާލާ މަތިވެރިކުރުމެވެ. ހަމްދްޘަނާ އާއި ތަޢްރީފްގެ ކަލިމަތެކެވެ. އެންމެހައި މަތިވެރިކަން ލިބިވޮޑިގެންވަނީ ﷲ ތަޢާލާކަން ބަޔާންކުރުމެވެ. އަދި އެންމެހައި ބާރުތައް ލިބިވޮޑިގެންވަނީ ﷲ ތަޢާލާއަށްކަމުގައި އިޢްތިރާފްވެ އިޤްރާރްވުމެވެ. 

ގިނަ ބއަކަށް މިއަދު މިވަނީ ނަމާދުގެ މުހިންމުކަން ވަރަށް ބޮޑަށް އޮޅިފައެވެ. ނުވަތަ ނަމާދާއިމެދު ޣާފިލުވެވިފައެވެ. އެކަމަކު ކޮންމެ މީހަކުވެސް ކޮންމެ ދުވަހަކުވެސް ﷲ ތަޢާލާގެ ޙަޟްރަތުން އެތައް ކަމަކަށް ބޭނުންވެއެވެ. އެތައް ކަމަކަށް އެދި ދުޢާކުރަންޖެހެއެވެ. އެެހންވެ ދުޢާވެސް ކުރެއެވެ. ﷲ ތަޢާލާގެ ދީލަތިވަންތަކަން ބޮޑުކަމުން ދުޢާ ޢިޖާބަވެސް ކުރައްވަވައެވެ. 

ތިމާ އާއި ﷲ ތަޢާލާ އާއި ދެމެދުގައި އޮންނަން ޖެހޭ ގުޅުން ފުރިހަމަ ގޮތުގައި ބާއްވަން އެދޭ މީހާ ފަރުޟް ނަމާދުތަކަށް ރައްކައުތެރިވާށެވެ. ސުންނަތް ނަމާދުތައް ކުރުން ގިނަކުރާށެވެ. ޛިކުރުކުރުމާއި ދުޢާކުރުން ގިނަކުރާށެވެ. 

އަހުރެމެން ނަމާދުތަކަށް އިހްމާލުވިޔަސް ޢުމުރު ހަމަވަންދެން ދުނިޔޭގައި ލަހައްޓެވެ. ރިޒުޤްވެސް ދެއްވަވަތެވެ. އެހެން ބޭނުންތައްވެސް ފުއްދަވައި ދެއްވަވަތެވެ. އެއީވެސް މީހާއަށް ވިސްނި ކިޔަމްނަތެރިވޭތޯ ކުރައްވަވާ އިމްތިޙާނެކެވެ. އެކަމަށް ނުވިސްނާހުއްޓައި މަރު އައިސް ބައްދަލުކޮށްފިނަމަ އެމީހަކު އެއޮތީ އިމްތިޙާނުން ފޭލްވެފައެވެ. ފާސްވުމަށް އެދޭނަމަ ކުރިންވެސް މިބުނި ފަދައިން ފުރިހަމަ ގޮތުގައި ނަމާދުތަކަށް ރައްކައުތެރިވާށެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން