އެންމެފަހު ވަގުތު މޮޅު އުކުޅަކުން ނަރަކައިން ސަލާމަތްވެ ސުވަރުގެ ހޯދަން ވިސްނުމަކީ މޮޔަކަމެއް! އެކަމެއް ނުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 46ސ
އެންމެފަހު ވަގުތު މޮޅު އުކުޅަކުން ނަރަކައިން ސަލާމަތްވެ ސުވަރުގެ ހޯދަން ވިސްނުމަކީ މޮޔަކަމެއް! އެކަމެއް ނުވާނެ!

އެކުވެރިއެއްގެ ގާތުގައި ނަމާދަށް ހިނގާށޭ ބުނެފިނަމަ ބުނާނީ ފަހުން ކޮށްލާނެ ކަމަށެވެ. ސުންނަތް ރޯދައެއް ހިފަން ބުނެފިނަމަ ބުނާނީ އުމުރުން ދުވަސްވެލުމުން ހުރިހާ ސުންނަތް ރޯދަތަކެއްވެސް ހިފާނެ ކަމަށެވެ. 

ވިސްނާށެވެ! ފެންގަނޑު ބޮޑުވެ މީސްތަކުން ފަތަން ފެށިހިނދު ނޫޙުގެފާނު އެޒުވާނާއަށް ވިދާޅުވިއެވެ. "ދަރިފުޅާއެވެ! މިނަވަށް އަރާށެވެ! ސަލާމަތްކަން ހޯދާށެވެ!" 

ޖަވާބުގައި އެ ޒުވާނާ ދެންނެވިއެވެ. "ނޫނެކެވެ! ނާރާނަމެވެ! އަހަރެން ފަތާފައި ގޮސް ފަރުބަދައަށް އަރާނީއެވެ!" މިއަދާއި ހަމައަށްވެސް އެ ޒުވާނާއަށް ވީގޮތެއް އެނގުނު އެއްވެސް މީހަކު ހުރިކަން އެނގިފައެއް ނެތެވެ. 

މިއަދު މީސްތަކުންނަށް ކުރިމަތިވެގެން މިއުޅޭ ކމަކީ ހަމަ މިފަދަ ކަމެކެވެ. ބޭނުންވަނީ އެމީހަކު ކުރަން ބޭނުންހައި ފާފަތަކެއްކޮށްފައި މަރުވާން ކައިރިވުމުން ޝަހާދަތް ކިޔާލައި ނޫނީ ޛިކުރުކޮށް ދުޢާއެއް ކޮށްލައިގެން ސުވަރުގެ ވަންނާށެވެ!   

އެހެނެއް އެކަން ޙާޞިލެއް ނުވާނެއެވެ. ޙަދީޘްފުޅުގައި އޮތީ އެމީހަކު ދުނިޔެ ދޫކުރާނީ، ދުނިޔެއިން ވަކިވެގެންދާނީ އެމީހަކު އެންމެ ފަހުން އުޅުނު ގޮތްމަތީގައި ކަމަށެވެ. ވީމާ ދުނިޔޭގައި ﷲ ތަޢާލާ ލެހެއްޓެވިހައި ދުވަހަކު ހިތުހުރިހައި ގޮތަކަށް އުޅެފައި، ﷲ ތަޢާލާ ނަހީކުރެއްވެވި ކަންކަންކުރުމަށްފަހު އެންމެ ފަހު ވަގުތު "ކޮޅުބަދަލުކޮށްލައިގެން" ނޫނީ މަކަރެއް ހަދާލައިގެން ސުވަރުގެ ލިބޭނެކަމަށް އުންމީދުކުރުންވެސް ވާނީ ކުރެވޭނެ އެންމެ ބޮޑު މޮޔަކަންތަކަށް ނޫންހެއްޔެވެ؟ 

މީސްތަކުންނޭވެ! އެންމެފަހުވަގުތާއިމެދު ބިރުވެތިވާށެވެ! ނޫޙުގެފާނުގެ ދަރިކަލުން ކަމަށް ޤަބޫލުފުޅުކުރައްވައިގެން ހުންނެވި އެ ޒުވާނާއަށް ނޫޙުގެފާނު ދެއްވެވި ދަޢުވަތުވެސް ޤަބޫލުނުކުރެވުނީ ނޫންހެއްޔެވެ؟ ސަލާމަތެއް ނުވެވުނު ނޫން ހެއްޔެވެ؟ 

ޢިބްރަތް ޙާޞިލުކުރާށެވެ! އެންމެ ފަހު ވަގުތުވެސް އިންސާނުންނަށް އޮޅުވައިލެވިދާނެއެވެ. ކްލަބް ބަދަލުކޮށް ޖަރޒީގެ ކުލަވެސް ބަދަލުކޮށްލެވިދާނެއެވެ. ނަމަވެސް ދުނިޔެއާއި އޮޅުލުމަށްފަހު ފަހުވަގުތު ކޮށްލެވޭ ކުޑަކުޑަކަމަކުން ނަރަކައިން މިންޖުވެވި ސުވަރުގެ ލިބިދާނެކަމަށް ދެކޭކަށް ނުވާނެއެވެ! 

ވީމާ ފަހު ވަގުތު ސްޓަންޓް ޖަހަން ބޭނުންނަމަ މިހާރުންސުރެ އެކަމަށް ފަރިތަކުރަމުން ގެންދާށެވެ! ވީހައި ގިނައިން ހެޔޮ އަމަލުކުރަމުން ގެންދާށެވެ! ނޫންނަމަ އެންމެ ކުޑަމިނުން ޝަހާދަތުގެ ދެކަލިމަވެސް އޮންނާނީ ނުކީފައެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން