ޙަޔާތުގެ ދަތުރުގަ މަގުބަންދުވެ ކުރިއަށް ނުދެވޭނަމަ ވިސްނައި ޢަމަލުކުރަންޖެހޭނެ މަގު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 32ސ
ޙަޔާތުގެ ދަތުރުގަ މަގުބަންދުވެ ކުރިއަށް ނުދެވޭނަމަ ވިސްނައި ޢަމަލުކުރަންޖެހޭނެ މަގު-

ފުރަތަމަވެސް މިސާލެއް ދައްކާނަމެވެ. ތިބާ އުލަނދެއްގައި މަގުމަތީގައި ދަތުރުކުރަނީއެވެ. ނުވަތަ ދުއްވަނީއެވެ. ހުރިހާ ވަގުތަކު އެންމެ ބާރަކަށް ނުދުއްވޭނެއެވެ. މަޑުން ދުއްވަންޖެހޭ ވަޤުތުވެސް އަންނާނެއެވެ. އަދި ޓްރެފިކް ގިނަވެ ކުރިއަށް ނުދުއްވިގެން މަޑުކޮށްލައިގެން އޮންނަން ޖެހޭ ވަޤުތުތައްވެސް އަންނާނެއެވެ. 

މިމިސާލު ދައްކާފައި އަހުރެން އަބަދުވެސް ކުރާ ސުވާލަކީ މިފަދަ ޙާލަތެއް ކުރިމަތިވެއްޖެނަމަ އުޅަނދު ދޫކޮށްލާފައި ފައިބައިގެންދަނީ ހެއްޔެވެ؟ ނޫނީ ޖާގަލިބި ކުރިއަށް ދުއްވޭވަރުވަންދެން މަޑުކޮށްލަނީހެއްޔެވެ؟ ޖަވާބަކީ އެކަކުވެސް ވެހިކަލް ދޫކޮށްލާފައި ފައިބައިގެނެއް ނުދާނެއެވެ. ޖާގަލިބެންދެން ކެތްތެރިވެލާނީއެވެ. ކެތްތެރިވެލައި ޖާގަލިބުމުން ކުރިއަށް ދުއްވަން ފަށާނީއެވެ.   

ދިރިއުޅުމުގެ ކަންކަމުގައިވެސް ބަލަންވީ ހަމަ މިގޮތަށެވެ. މަޑުމަޑުން ކުރިއަށް ދާންޖެހޭ ވަޤުތުތައްވެސް އަންނާނެއެވެ. ކުރިއަށް ނުދެވިގެން މަޑުކޮށްލަންޖެހޭ ވަޤުތުތައްވެސް އަންނާނެއެވެ. އޮތީ ކެތްތެރިވެލުމެވެ. ކުރިމަތިވެފައިވާ ހުރަސްތައް ނެއްޓި އަލުން ހަމަ ބާރު ސްޕީޑްގައި ކުރިއަށް ދެވޭނެ ކަމުގެ ޔަޤީންކަމާއިއެކުގައެވެ.

މައްސަލައަކަށްވަނީ މީހާގެ ވިސްނުމެވެ. ކުރަން ބޭނުންވާ ކަންކަން ނުކުރެވޭނެނަމަ ތިމާއަށް މަގުބަންދުވީކަމަށް ޤަބޫލުކުރެވޭކަމެވެ. އެއީ ހަމައެކަކުވެސް ޤަބޫލުކޮށްގެންވާނެ ގޮތެއް ނޫނެވެ. މަގުބަންދުވީފަދައިން މަގުހުޅުވޭނެކަންވެސް ޤަބޫލުކުރަންވާނެއެވެ. މަގުމަތީގެ ޓްރެފިކާއި ގުޅުވައިގެން މިކިޔައިދިން މިސާލުފަދައިން ވިސްނާނަމަ ހާސްވެ ކަންބޮޑުވެގެން އުޅޭކަށް ނުޖެހޭނެއެވެ.

އަދިވެސް ވަރަށް މުހިންމު ކަމެއް ފާހަގަކޮށްލާނަމެވެ. މަގު ބަންދުވެ ކުރިއަށް ނުދެވި މަޑުކޮށްގެން ހުންނަން ޖެހުނުނަމަވެސް ދެން ތިމާއަށް ކުރިއަށް ނުދެވޭނެ ކަމަށް ބުނުން ފަދަ ކަންކަން ނުކުރާށެވެ! އެއިރުން ހާމަވެގެން އެދަނީ ﷲ ތަޢާލާގެ ރަހްމަތުން އުންމީދު ކަނޑައިލެވޭކަމެވެ. އެއީ މީހަކަށް ކުރެވޭނެ އެންމެ ނިބައިކަން ބޮޑު އެއް ކަންތަކެވެ. އެފަދަ ކަންކަން ކުރަން ހެޔޮނުވާނެއެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން