ބައްދަލުވާ ބައެއް މީހުން ބުނާނެއެވެ. "އަހުރެން ތިބާއަށް އުފާވެރިކަން ހޯދައިދޭނަމެވެ." ކިތަންމެ ބޮޑު ޔަޤީންކަމެއް ދިނަސް އެފަދަ ބަހެއް ޤަބޫލުނުކުރާށެވެ. ގިނަ މީހުން، ގިނަ ފަހަރު އެހެން ބުނާނީ ތިބާގެ ކިބައިން ކޮންމެވެސް ޙާޞިލްކުރަން ބޭނުންވުމުންނެވެ.
ބައެއް ފަހަރު މީހަކު ތިބާއަށް ކޮންމެވެސް ވަރެއްގެ އުފާވެރިކަމެއް ހޯދައިވެސް ދީފާނެއެވެ. އެކަމަކު އެކަމުގެ ފަހަތުގައި ކޮންމެވެސް ސިއްރެއް ފޮރުވާފައި އޮންނާނެއެވެ. އެމީހަކު ބޭނުންވެގެން އުޅުނު ކަންތައް ތިބާގެ ކިބައިން ޙާޞިލުވުމާއިއެކު ދެންކުރާ ކަންތަކުން ތިބާއަށް ލިބޭ ހިތާމަ މާބޮޑުވުމަކީ ވަރަށް ގާތުގައި އޮންނަ ކަމެކެވެ.
ޙަޤީޤީ އުފާވެރިކަން ލިބޭނީ ނުވަތަ ހޯދޭނީ އެމީހެއްގެ އަމިއްލަ މަސައްކަތުންނެވެ. އެކަމަށް އަހުރެމެން ކުރަން އޮތް ކަމަކީ ދުނިޔޭގައި އުޅެން މިލިބޭ މަދު ދުވަސްކޮޅުގެ ބޭނުން ހެޔޮ ގޮތުގައި ހިފަން މަސައްކަތްކުރުމެވެ.
އެކަމަށް ކުރަން އޮތް މަސައްކަތަކީ ﷲ ތަޢާލާ އާއި ކުއްތަންވުމަށް ވީހައި ބޮޑަށް މަސައްކަތްކުރުމެވެ. އެކަމަށް ކުރަން އޮތް ކަމަކީ ވީހައި ގިނައިން އަޅުކަންކުރުމެވެ. އިންސާނެއްގެ ހިތަށް ހިތްހަމަޖެހުން ލިބި އުފާވެރިކަން ލިބޭނީ އެހިތުގެ މިލްކުވެރިފަރާތުން އެކަން މިންވަރު ކުރެއްވެވުމުންނެވެ.
މިބަސްކޮޅު މިހެން ބުނެލަން މިޖެހުނީ ވަރަށް މުހިންމު ސަބަބެއް އޮތުމުންނެވެ. އެއީ މިހާރަކަށް އައިސް މީހަކު، ޚާއްޞަކޮށް އަންހެނަކު ހިތްދަތިކަމުގައި އުޅޭކަން އެނގިއްޖެނަމަ އުފާވެރިކަން ހޯދައިދޭނެކަމަށް ބުނެ އެކަނބަލުން ނިކަމެތިކުރުން މިދަނީ ގިނަވަމުންނެވެ. އެކަނބަލުންގެ ހިތްތަކާއި ކުޅެލުމަށްފަހު އަނިޔާވެރިވުން މިދަނީ ގިނަވަމުންނެވެ. އެހެންކަމުން ތިއަ ލޮބުވެތި ކަނބަލުންނަށް ބުނެލަން އޮތީ ކިތަންމެ ދަތިޙާލުގައި އުޅެންޖެހުނު ނަމަވެސް އެހީތެރިވެދީ، އުފާވެރިކަން ހޯދައިދިނުމުގެ ނަމުގައި ދިއްކުރާ އަތްތަކަށް ނުވެސް ބަލާށެވެ. ދިމާއަށް ބުނާށެވެ. "އަހުރެން ދަތިޙާލުގައި މިހުރީވެސް އުފަލުންނެވެ. އަހުރެންނަށް އުފާވެރިކަން ހޯދައިދޭން ބޭނުންނަމަ އަހުރެންނާއި ކައިވެނިކުރާށެވެ. ކައިވެނިކޮށް އަހުރެންގެ ކިބައިން ތިބާވެސް އުފާވެރިކަން ހޯދާށެވެ. އެކަމުގެ ބަދަލަކަށް ނޫނީ އަހުރެން ތިބާގެ ކިބައިން އެއްވެސް އުފާވެރިކަމެއް ބޭނުމެއް ނޫނެވެ."
ދަތިޙާލުގައި އަދި ހިތްދަތިޙާލުގައި ދިރިއުޅޭ މީހުންނަށް ﷲ ތަޢާލާ ޥަކިން ބޮޑަށް ބައްލަވައި ވޮޑިގެންވެއެވެ. އެކަލާނގެ ރަޙްމަތް އިތުރުކުރައްވަވަތެވެ. މިބުނި މަގުން ނޫން ގޮތަކަށް އުފާވެރިކަން ހޯދަން އުޅޭ މީހުންނަށް ﷲ ތަޢާލާގެ ރަޙްމަތް ގެއްލިގެން ދިއުން އޮންނާނީ ޑާދިގަތުގައެވެ. އެއިރުންކުރަންޖެހޭ ހިތާމަ މާބޮޑުވާނެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން