އަންހެނެއް ފިރިހެނެއް ކިޔާނެ ކަމެއް ނެތެވެ! ކަޅިއަޅާވަރުން ސަލާމަތެއް ނުވެއެވެ. އަޅުގަނޑުގެ ސުވާލަކީ ފެންނަހައި މީހަކަށް އެވަރަށް ކަޅި ނޭޅިއްޔާ ބައިވެރިއަކު ނުލިބޭނީތޯ؟
ކިޔުންތެރިވާ ގާތުގައި ބުނެލަން އޮތީ ތިއަކަން އޮތީ ތިއަހެން ނޫންކަން ތިރީގައިވާ ލިޔުމުން އެނގިގެންދާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.
މޫސާގެފާނު މިދިއަނަށް ވަޑައިގެންނެވީ އެރަށުގައި އެއްވެސް ގާތް މީހެއް އަދި ދެނެވަޑައިގަންނަވާ މީހަކުވެސް ނެތިއެވެ. ފުރަތަމަވެސް ކުރެއްވެވިކަމަކީ އެހީތެރިވާނެ ފިރިހެނަކު ނެތުމުން ބަކަރިތަކަށް ފެން ނުދެވިފައިތިބި އަންހެންކުދިންތަކަކަށް އެހީތެރިވެވަޑައިގެން ދެއްވެވުމެވެ. އެމީހުންގެ ބަކަރިތަކަށް ބޭނުންވާނެ ފެން ނަންގަވައިދެއްވެވުމެވެ.
ޝުޢައިބުގެފާނު ވިދާޅުވެގެން ދަރިކަނބަލުން ވަޑައިގެން ބައްޕާފުޅާއި ބައްދަލުކުރައްވަވަން މޫސާގެފާނަށް ދަޢުވަތު ދެއްވެވުމުން، އެރަށުގެ މަގުތައް އެނގިވަޑައިނުގަންނަވާ ޙާލުކޮޅުގައިވެސް އެ އަނހެން ކުއްޖާގެ ފަތުގައި ހުންނަވައިގެން ހިންގަވާ ވަޑައިގަންނަވަން ބޭނުންފުޅެއް ނުވިއެވެ. ބޭނުންފުޅުވެަޑައިގަތީގައި ކުރީގައި ހުންނަވައިގެން ހިނަގަވާވަޑައިގަތުމަށެވެ. ވަޑައިގަންނަވާވީ މަގު ދެންނެވުމަށެވެ.
އެއީ ކީއްވެގެން ހެއްޔެވެ؟ އެއީ ފަހަތުގައި ހުންނަވައިފިނަމަ ބެއްލެވިދާނެކަމަށްޓަކައި އެފާފައިން ސަލާމަތްވެވަޑައިގަތުމަށެވެ.
އެކަމުގެ ނަތީޖާއަކަށްވެގެން ދިއައީ އެކުދިންގެ ބައްޕަ (ބައެއް ރިވާޔަތްތަކުގައިވާގޮތުން ޝުޢައިބުގެފާނު) އެތަނުން ދަރިނކަނބަލަކާއި މޫސާގެފާނާއި ކައިވެނިފުޅުކޮށްދެއްވެވުމެވެ. އެއީ މޫސާގެފާނުގެ ކިބައިން ފެނިވަދައިގެންނެވި ރިވެތި އަޚްލާޤްގެ ސަބަބުންނެވެ. އޯގާތެރިކަމުގެ ސަބަބުންނެވެ.
މޫސާގެފާނަކީ ކޮންބޭކަލެއްކަން އެނގިވަޑައިވެސް ނުގަންނަވާ ޙާލުކޮޅުގައެވެ. ތަފާތު ނަސްލެއްގެެ މީހަކަމާއި އަތުގައި އެއްވެސް އެއްޗެއް، ވަންނާނެ ގެއެއް ވެސް ނެތް މީހެއްކަން އެނގިވަޑައިގަންނަވާއިރުގައެވެ.
ކައިވެނީގެ ވާހަކަތަކުގެ ތެރެއިން މޫސާގެފާނުގެ މިވާހަކަ ކީރިތި ޤުރްއާނުގައި ﷲ ތަޢާލާ ވަޙީކުރައްވަވާފައި އެވަނީ ސަބަބެއް ނެތިއެއް ނޫނެވެ. އަހަރެމެންނަށް އޮތީ ސަބަބު ދެނެގަތުމާއި ޢަމަލުކުރުމެވެ. އެއީ އަހަރެމެންގެ ދަރިން އޯގާތެރި، އަޚްލާޤް ރަނގަޅު މީހުންނާއި ކައިވެނިކޮށްދިނުމެވެ. އަދި ފިރިއަކު އިޚްތިޔާރުކުރާއިރުވެސް އެކަންކަމަށް ބެލުމެވެ.
ދެން ނިކަން ބުނެބަލާށެވެ! އަހަރެމެންގެ މިއަދުގެ ޙާލަކީ ކޮބައިހެއްޔެވެ؟ މިތިބެނީ އަރިމަތިން ނަމަވެސް ބަލައިލެވޭނެ ފުރުޞަތެއް ނުލިބިފައެވެ. އަހަރެމެންނަށް ރަނގަޅު ބައިވެރިއަކު ލިބި އުފާވެރި ޒަވާޖީ ޙަޔާތެއް ލިބޭނީވެސް ކިހިނަކުން ހެއްޔެވެ؟
- މުފްތީ މެންކުގެ ދަރުސަކުން