އިންސާނާ މަރުވެ ވަޅުލެވުމުން ހަށިގަނޑު ކައި ހުސްކޮށްލަނީ ހަމަ އެހަށިގަނޑުން އުފެދި ނުކުންނަ ފުޅަތަކެވެ. އެކަމުން އަންގައިދެނީ އެހަށިގަނޑަކީ އެއިގެ ޒާތުގައި އެއްވެސް އަގެއް ހުރި އެއްޗެއް ނޫންކަމެވެ.
އެހެނަސް އޭނާގެ ފުރާނަ ވާނީ ﷲ ތަޢާލާގެ ޙަޟްރަތުގައެވެ. ސަލާމަތާއި ރައްކައުތެރިކަމުގައެވެ. އެކަލާނގެ ރަޙްމަތުގައެވެ. ވީމާ ސަމާލުކަން ދޭންވީ ހަށިގަނޑަކަށް ނޫނެވެ. އެހަށިގަނޑުގައިވާ ފުރާނައަށެވެ.
މިކަންކަން ޤަބޫލުކުރުމާއިއެކު ވިސްނައިލަންޖެހޭ ކަމެއްވެސް އެބައޮތެވެ! ތިމާގެ ހަށިގަނޑުގެ އަގު ތިބާއަށް މަތިވެރިކުރުވިދާނެއެވެ. އެފުރުޞަތުވެސް ﷲ ތަޢާލާ ވަނީ ދެއްވަވައިފައެވެ. ނަމަވެސް އަގުމަތިވެރިކުރަން ކުރަން އޮތް ކަމަކީ ހަށިގަނޑުގެ ބޭރުފުށުގެ ރީތިކަން އިތުރުކުރަން މަސައްކަތްކުރުމެއް ނޫނެވެ. އެހަށިގަނޑުގައިވާ ފުރާނަ މަތިވެރިކުރަން މަސައްކަތްކުރުމެވެ.
ހަށިގަނޑުގައިވާ ފުރާނައިގެ އަގު މަތިވެރި ކުރެވިއްޖެނަމަ އެއްވެސް ފަނިފަކުސައަކަށް އެހަށިގަނޑަކާއި ގާތްވެސް ނުވެވޭނެއެވެ. އެހަށިގަނޑު ޤިޔާމަތަށް ދާންދެން ދެމިއޮންނާނީ ބަދަލުވުމެއް ފަނާވުމެއް ނެތި ހަމަ ވަޅުލެވުނު އިރު އޮތް ގޮތަށެވެ.
މީސްތަކުން ވިސްނައި ފިކުރުކުރުމަށްޓަކައި ﷲ ތަޢާލާ އެކަން ﷲ ތަޢާލާ ގެންދަވަނީ މީސްތަކުންގެ ލޯތަކަށް ދައްކަވަމުންނެވެ. ދާދި ފަހުންވެސް ސަޢުދި ޢަރަބިޔާއިން ވަނީ ވަޅުލިތާ 30 އަހަރުވެފައިވާ ޒުވާނެއްގެ ހަށިގަނޑަށް އެއްވެސް ބަދަލެއް ނައިސް އޮއްވައި ފެނިފައެވެ.
އެއީ ނަމާދުތަކަށް ވަރަށް ބޮޑަށް ރައްކުތެރިވި، އަދި ނަމާދު ވަޤުތު ޖެހުމުގެ ކުރިން މިސްކިތަށް އަރައި ކުރީ ސަފުގައި ހުރެ ނަމާދުކުރަމުން ދިއަ ޒުވާނެއްކަން އޭނާގެ ބައްޕަ ވަނީ ހާމަކޮށްފައެވެ. (އޭނާގެ ވާހަކަ ވާނީ މިއަދުނޫހުގައި ގެނެސްދީފައެވެ.)
https://miadhu.mv/article/read/4268690
ﷲ ތަޢާލާ ދެއްވަވާ ކޮންމެ ނިޢްމަތަކީވެސް ކޮންމެ މީހަކަށްވެސް ލިބިގަނެވިދާނެ ނިޢުމަތެކެވެ. އޮތީ އެކަމަށް އެދިގެން މަސައްކަތްކުރުމެވެ. ﷲ ތަޢާލާއީ އެންމެ އިންޞާފުން ކަންކަން ނިންމަވާ ރަސްކަލާނގެއެވެ. ވީމާ އެއްވެސް އިންސާނަކަށް ބޭއިންޞާފުން އެއްވެސް ކަމެއް ނުކުރައްވަވާނެތެވެ. އަހުރެމެންނަށް އޮތީ އެނިޢުމަތް ޙައްޤުވާނެ މިންވަރަށް މަސައްކަތްކުރުމެވެ.
ބުނެލަން ބޭނުންވަނީ ހަށިގަނޑުގެ ރީތިކަމަށްވުރެ ހަށިގަނޑުގައިވާ ފުރާނައަށް ސަމާލުކަންދޭށެވެ. ހަށިގަނޑުގައިވާ ފުރާނަ ރީތިކުރަން ގަދައަލައި މަސައްކަތްކުރާށެވެ! ޙަޤީޤީ ފައިދާއެއް ކުރާނީ އެއިރުންނެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން