ބައްޕައިންގެ ސަމާލުކަމަށް! ހަމައެކަނި ހުކުރަށް ދަރިން ގެންދިއުމަކުން ކުރާނެ ފައިދާއެއް ނެތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
ބައްޕައިންގެ ސަމާލުކަމަށް! ހަމައެކަނި ހުކުރަށް ދަރިން ގެންދިއުމަކުން ކުރާނެ ފައިދާއެއް ނެތް!

ދަރިން ލައްވައި ފަރުޟު ނަމާދުތައް ކުރުވުމަކީ ބައްޕައިންގެ ވާޖިބެއް ނަމަވެސް ބައެއް ބައްޕައިންނަށް ޤަބޫލުކުރެވިފައި އޮންނަނީ ކޮންމެ ހުކުރު ދުވަހަކު ދަރިން ނަލަހައްދައިގެން ހުކުރަށް ގެންދިއުމުން އެއޮތީ ޒިންމާ އަދާކުރެވި ނިމިފައި ކަމަށެވެ. ނަމާދަށް އަހުލުވެރިކުރުވިފައި ކަމަށެވެ. ނަމަވެސް ޙަޤީޤަތް މުޅިން ތަފާތެވެ! 

އެވަރަކުން ނުފުދޭނެއެވެ. އެންމެ ބޮޑަށް ސަމާލުކަން ދޭންޖެހޭނީ ފަރުޟް 5 ނަމާދަށެވެ. ފަރުޟު 5 ނަމާދު ނުކުރުވައި ހަމައެކަނި ހުކުރަށް ގެންދިއުމުން ކުދިންނަށް ޤަބޫލުކުރެވޭނީ ހަމައެކަނި ކުރަންޖެހޭ ނަމާދަކީ ހުކުރުނަމާދުކަމަށެވެ. ހަމައެކަނި ހުކުރުކުރުމަކީ މުސްލިމުންގެ ސިފައެއް ނޫނެވެ. 

ހުކުރުން ހުކުރަށް ބަލައިފިނަމަ ހުކުރު ނަމާދަކީ ހަފްތާގައި ކުރަންޖެހޭ 35 ވަނަ ފަރުޟު ނަމާދެވެ. ވީމާ 34 ނަމާދު ދޫކޮށްލާފައި ހަމައެކަނި ހުކުރު ނަމާދުކުރުމުން އެކަންވާނީ ޢީދެއް ފާހަގަކުރުމަށެވެ. މުސްލިމުންނަށް އޮތީ ހަމައެކަނި ޢީދު ފާހަގަކުރުމެއް ނޫނެވެ. 

ކޮންމެ ޢީދެއްވެސް އަންނަނީ ބުރައަޅުކަމަކަށް ފަހުގައެވެ. ފިޠުރު ޢީދު އަންނަނީ ރަމަމާން މަހުގެ ރޯދައަށްފަހުގައެވެ. އަޟްޙާ ޢީދު އަންނަނީ ޙައްޖުގެ މަތިވެރި އަޅުކަމަށްފަހުގައެވެ. ހުކުރުނަމާދު އަންނަނީ ހަފްތާގެ 35 ނަމާދަށްފަހުގައެވެ. 

ވީމާ ހަމައެކަނި ހުކުރު ނަމާދަށް ދަރިން ގެންދިއުމަކުން ހަމައެއްގޮތަކަށްވެސް ނުފުދޭނެއެވެ. ހަފްތާގެ 35 ނަމާދުވެސް ދަރިން ލައްވައި ކުރުވާށެވެ! ވަގުތުވީވަރަކުން ދަރިން ގޮވައިގެން ގޮސް މިސްކިތުގެ ޖަމާޢަތުގައި ކުރުވާށެވެ! ހަމައެކަނި ހުކުރުނަމާދުކުރުމަކީ ނަމާދުކުރުން ކަމަކަށް ނުބެލެވޭނެއެވެ!  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން