ފާފަކުރަން ދެވި ހިފާފައި ތިބޭ މީހުންނަށް ސަލާމަތްވުމަށް ކުރެވޭނެ 2 ކަމެއް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 48ސ
ފާފަކުރަން ދެވި ހިފާފައި ތިބޭ މީހުންނަށް ސަލާމަތްވުމަށް ކުރެވޭނެ 2 ކަމެއް-

އަޅުގަނޑަކީ ބައެއް ފާފަކުރެވުނު މީހެކެވެ. ވަރަށް މަސައްކަތުން ވަރަށް ގިނަ ކަންކަން ރަނގަޅުކުރެވިއްޖެއެވެ. އަދިވެސް މިއުޅެނީ 2 ކަމަކުން ސަލާމަތްނުވެވިގެންނެވެ. ނުވަތަ 2 ފާފައެއް ކުރުން ހުއްތާނުލެވިގެންނެވެ.

އަޅުގަނޑު ފަދައިން ކަންކަން ކުރިމަތިވާ މީހުން ޢަމަލުކުރަން އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯއެވެ؟ އަޅުގަނޑު ބޭނުންވަނީ އެންމެ ފާފައެއްވެސް ނުކޮށް ހުންނަ މީހަކަށް ވުމަށެވެ.

ފުރަތަމަ ކަމަކަށް ކިޔުންތެރިޔާ ހޯދި ކާމިޔާބީއަށް މަރުޙަބާ ކިޔަމެވެ. އަދި މިހާރު ތިއަކުރާ މަސައްކަތަށް ހިތްވަރުދެމެވެ. ކާމިވާބުކުރެވޭނެ! އިން ޝާ ﷲ

ތިރިގައިވާ ލިޔުމުން ފައިދާކުރާނެ ކަމަށް އުންމީދުކުރަމެވެ.

ފާފަކުރަން ދެވިހިފާފައި ތިބޭ މީހުން ތިބުމަކީ މިއަދު އެކަނި ކުރިމަތިވާކަމެއް ނޫނެވެ. އެއީ ހުރިހާ ޒަމާނެއްގައިވެސް ކުރިމަތިވާ ކަމެކެވެ. އެގޮތުން ބަލައިފިނަމަ މަސްތުވުމާއި ފާހިޝް ޢަމަލުކުރުމާއި ޖުވާކުޅުން ފަދަ ކަންކަމަށް ދެހިފާމީހުން ގިނަކަން ފާހަގަކުރެވެއެވެ.

އަދި އެންމެ ގިނަބައަކު ދެވިހިފާފައިވާ ފާފައަކީ ދޮގުހެދުން ކަމަށްބުނެފިނަމަ "ދޮގުހެދުމަކީ ފާފައެއްތޯ؟" ސުވާލުކުރާވަރަށް މިއަދު މިވަނީ ދޮގުހެދުން ޢާންމުވެފައެވެ. ގިނަބައަކަށް އެއީ ބޮޑު ފާފައެއްކަން ޤަބޫލުވެސް ނުކުރެވެއެވެ.

މާޔޫސް ނުވާށެވެ! ފާފަކުރަން ދެވި ހިފާފައި ތިބޭ މީހުންނަށްވެސް އެކަމުން ސަލާމަތްވެވޭނެއެވެ. އެފަދަ މީހުން ދެކަމެއް ކުރަން ޖެހޭނެއެވެ.

ފުރަތަމަ ކަމެއްގެ ގޮތުން ކުރަން އޮތް ކަމަކީ ފާފަކުރެވޭ ހާލަތާއި ފާފަކުރަން ޝައުޤްވެރިވާ ސަބަބު ހޯދުމެވެ.

މިސާލަކަށް އެއީ ވަކި މަންޒަރެއް ފެނުމުން ކަމަށްވާނަމަ އެފަދަ މަންޒަރުތައް ނުބަލާށެވެ. ވަކި ބައަކާއި އުޅެވުމުން ކަމަށްވާނަމަ އެބައަކާއިއެކު ނުއުޅޭށެވެ. އަތުގައި ފޯނުގެ ސަބަބުން ކަމަށްވާނަމަ އެކަނި ހުރެ ފޯނު ބޭނުން ކުރުމުގައި ސަމާލުވާށެވެ! މިފަދަ ކަންކަމުންވެސް ސަލާމަތް ނުވެވޭ ނަމަ އިތުބާރު ކުރެވޭ މުސްލިމް، ޢިލްމުވެރިންނާއި އިމާމުންގެ ލަފާ ހޯދާށެވެ!

ހަމަ އެއާއިއެކު ގިނަގިނައިން ތައުބާވާ މީހަކަށްވާށެވެ! ކިތަންމެ ގިނައިން ނުވަތަ ގިނަ ފަހަރު ތައުބާވާން ޖެހުނު ނަމަވެސް ޖެހިލުންވުމެއް ނެތެވެ. ލަދުގަތުމެއްވެސް ނެތެވެ. ޖެހިލުންވާންވީވެސް ލަދުގަންނަންވީވެސް ތައުބާ ނުވެ ހުރުމަށެވެ. އެހެނީ ފާފައެއް ކުރެވުމުން ތައުބާވުމަށް އަވަސްވެ ނުގަންނަ ނަމަ އެމީހަކީ ކުށްވެރިއެކެވެ.

ޔަޤީންކުރާށެވެ! ގިނަގިނައިން ތައުބާވާނަމަ ފާފަ ކުރެވުމުން އެމީހަކަށް ސަލާމަތްވެވޭނެއެވެ. ﷲ ތަޢާލާ މަގު ދައްކވާނެތެވެ! ވީމާ އޮތީ އިޚްލާޞްތެރިކަމާއިއެކު ތައުބާވުން ގިނަ ކުރުމެވެ. ރޮއި ﷲ ތަޢާލާއަށް އާދޭސްކުރުން ގިނަކުރުމެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން