އެއްވެސް މީހަކާއިމެދު ހިތްހަމަނުޖެހޭނަމަ އެކަން ފޮރުވައިގެންހުރެ ހިނިތުންވާން މަސައްކަތްކުރުމަކީ މުނާފިޤުންގެ ސިފައެކެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 12ސ
އެއްވެސް މީހަކާއިމެދު ހިތްހަމަނުޖެހޭނަމަ އެކަން ފޮރުވައިގެންހުރެ ހިނިތުންވާން މަސައްކަތްކުރުމަކީ މުނާފިޤުންގެ ސިފައެކެވެ!: މުފްތީ މެންކް

މީހަކާއިމެދު ހިތްހަމަނުޖެހިހުރެ އެމީހާގެ ކުރިމަތީގައި ހިނިތުންވާން ގިނަ ބައަކު މަސައްކަތް ކުރެއެވެ. އެގޮތަށް އެކަން ކުރަން މަސައްކަތް ނުކުރާށެވެ! އެއީ މުނާފިޤުންގެ ސިފައެކެވެ. ވީމާ ހިތްހަމަ ނުޖެހޭ ކަމެއް އޮތް ނަމަ އެކަމެއްގެ ވާހަކަ ބަޔާންކުރާށެވެ. ބަޔާންކުރުމަށްފަހު ހިނިތުންވާށެވެ! އެއިރުން އަނެކާއަށް އޮންނާނީ ޙަޤީޤަތް އެނގިފައެވެ. 

އެއްވެސް މީހަކަށް އަނެކާގެ ހިތުގައިވާ އެއްޗެއް ނުއެނގޭނެއެވެ. އެނގޭނީ ބުނުމުންނެވެ. އިސްލާމް ދީނުގައި އޮތީ ހާމަ ކުރުމެވެ. ހިތްހަމަނުޖެހޭ ކަމެއް މެދުވެރިވެއްޖެ ނަމަ އެކަމެއްގެ ވާހަކަ ދައްކައި ޙައްލު ހޯދަން މަސައްކަތްކުރުމެވެ. ފޮރުވައި ސިއްރުކޮށްގެން ހިތުގައި ޙަސަދަލައިގެން ހުރުމެއް ނޫނެވެ. 

ކަންކަން މެދުވެރިވުމުން ހާމަ ނުކޮށް، ސިއްރުކޮށްގެން ހުންނަ ނަމަ ޝައިޠާނާ އެކަމުގެ ނާޖާއިޒު ފައިދާ ނަގާނެއެވެ. ކުދިކުދި ކަންކަން ބޮޑެތި ކަންކަމުގެ ގޮތުގައި ދައްކާނެއެވެ. އަނެކާ ހިނިތުންވެލި ނަމަވެސް އެއީވެސް ޙީލަތްތެރި އަމަލެއް ކަމަށް ސިފަކުރާނެއެވެ. 

ކަންބޮޑުވުމާއި ހިތްދަތިކަމާއި ވޭން އިޙްޞާޞް ކުރުމަކީ އެއްވެސް މީހަކަށް ކުރަން ފަސޭހަ ކަމެއް ނޫނެވެ. އަދި އެކަންކަމަށް ކެތް ކުރުމަކީވެސް އިތުރު މައްސަލަތައް އުފެދޭ ކަމެކެވެ. އެއީ ހަމަ ބަލިވުމުން ކުރީކޮޅުގައި ފަރުވާ ނުކުރުން ފަދަ ކަމެކެވެ. ފަރުވާ ކުރުން ލަސްކުރުމަކީ ކުދިކުދި ކަންކަން އުމަގުވެ ކެންސަރަށްވެސް ބަދަލުވާ ކަމެއް ނޫން ހެއްޔެވެ؟ ދިރިއުޅުމުގެ ކަންކަމަކީވެސް ހަމަ އެފަދަ ކަމެކެވެ. 

ކޮންމެ ކަމެއްގައިވެސް މަޝްވަރާކޮށް ހައްލުކުރަން މަސައްކަތް ކުރުމުގެ އުޞޫލަށް އިސްލާމް ދީން ބާރު އަޅައެވެ. މަޝަވަރާ ކުރުމަކީ އެންމެ ރަނގަޅު ގޮތެވެ. އެއްވެސް ކަމެއް ހައްލުކުރަން ބޭނުން ނަމަ މަޝްވަރާ ކުރުމަށްވުރެ ރަނގަޅު ފައިދާހުރި އެއްވެސް ގޮތެއް ނުއޮންނާނެއެވެ. މިއީ މުޅި ދުނިޔެވެސް ޤަބޫލުކުރާ ކަންކަމެވެ. މަޝްވަރާކުރަން ފަސްޖެހުމަކީ ޖާހިލު ކަމުގެ ސިފައެކެވެ. 

އެއީ ކޮންމެ ކަމެއް ނަމަވެސް މަޝްވަރާ ކުރާށެވެ! މަޑުމައިތިރިކަމާއި ޙިކުމަތްތެރިކަމާއިއެކުގައެވެ. ޢާއިލީ ކަމެއް ނަމަ މަޝްވަރާކުރުން އަވަސް ކުރަންވެސް ވާނެއެވެ. އެއިރުން ހަމަ ވަރަށް ގިނަ މައްސަލަތައް ނުހަނު ފަސޭހަކަމާއިއެކު ދާނީ ޙައްލުކުރެވެމުންނެވެ. 

ހިތްހަމަނުޖެހޭ ކަމެއް މެދުވެރިވުމަކީ ޙަސަދަވެރިވާންޖެހެންވީ ސަބަބެއް ނޫނެވެ. ދުނިޔޭގައި އުޅޭއިއރު ހިތްހަމަ ނުޖެހޭ އެތައް ކަންތައްތަކެއް ކުރިމަތިވާނެއެވެ. އެފަދަ ކަމެއް ކުރިމަތިވާ ކޮންމެ ފަހަރަކު އެމީހަކާއި ހަސަދަވެރިވާންވެއްޖެނަމަ ހަސަދަވެރިކަމުން ސަލާމަތްވެ ހުރެވޭނެ ދުވަހެއް މަދުވާނެއެވެ. ހަސަދަވެރިވާން ނުޖެހޭ މީހަކުވެސް މަދުވާނެއެވެ. އެފަދަ މީހަކަށް ކުރެވޭ އަޅުކަންވެސް ދާނީ ބޭކާރުވަމުންނެވެ. އެހެނީ ޙަދީޘްފުޅުގައި އޮތީ ހަސަދަވެރިކަމަކީ އަލިފާން، ދަރު އަންދާފަދައިން ކުރާ އަޅުކަން އަންދާނެ ކަމެއް ކަމަށެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން