ބައިވެރިޔާ ހިތުގަޖައްސުވައި ރޮއްވުމުން އޭނާގެ ލޮލުން ވެއްޓޭ ކޮންމެ ކަރުނަ ތިއްކަކީ ތިބާއަށްޓަކައި އަލިފާނުގެ ބޮޑު ހުޅުގަނޑަކަށްވުން އޮންނާނީ ދާދިގާތުގަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 39ސ
ބައިވެރިޔާ ހިތުގަޖައްސުވައި ރޮއްވުމުން އޭނާގެ ލޮލުން ވެއްޓޭ ކޮންމެ ކަރުނަ ތިއްކަކީ ތިބާއަށްޓަކައި އަލިފާނުގެ ބޮޑު ހުޅުގަނޑަކަށްވުން އޮންނާނީ ދާދިގާތުގަ!

މިހާރަކަށް އައިސް ކޮންމެ އަންހެނަކުވެސް އަދި ފިރިހެނަކުވެސް އެމީހާގެ ޙަޔާތުގެ ބައިވެރިއަކަށް އިޚްތިޔާރުކުރަން ބޭނުންވަނީ ވީހާފެންވަރުމަތި އަދި އެންމެ ތަނަވަސްކަން ބޮޑު މީހުންނެވެ. ވަރަށް މަދު މީހަކު ފިޔަވައެވެ. އެހެންކަމުން މިކަމުގައި އަހުރެންގެ ވިސްނުން ބަޔާންކޮށްލާނަމެވެ. 

ޙަޔާތަށް ރަނގަޅު ބައިވެރިއަކު ހޯދަން ބޭނުންވާނަމަ ތިމާއަށްވުރެ ފެންވަރު މާމަތި، މާތަނަވަސް މީހުން އިޚްތިޔާރުކުރުމަކީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ. ސަބަބަކީ ތަނަވަސް މީހުންގެ ފަހަތުން ގިނަ ބއަކު އަބަދުވެސް އެނބުރޭނެއެވެ. އޭނާ ބޭނުން ކޮންމެ މީހަކާއި ކޮންމެ ވަޤުތަކުވެސް ކައިވެނިކުރެވިދާނެއެވެ. 

އެހެންކަމުން ތިމާގެ އަނބިމީހާއަކީ ނުވަތަ ފިރިމީހާއަކީ އޭނާއަށް މުހިންމު މީހަކަށްނުވާނެއެވެ. އެފަދަ މީހުން ތިބޭނީ ޣާފިލުކަމެއްގައެވެ. ތިމާއަށް އެއްވެސް ކުށެއް ކުރެވޭކަން އިޙްޞާޞްވެސް ނުކުރެވޭނެއެވެ. ޤަބޫލުކުރެވޭނީ މިއެންމެން ތިމާގެ ވަށައިގެން މިއެނބުރެނީ ތިމާ ދެކެ ލޯބިން ކަމަށެވެ. ލިބިފައިވާ މަތީ މަޤާމުގެ ސަބަބުން ނުވަތަ އަތުގައި ހުރި ފައިސާ ގިނަކަމުންކަން ނުވެސް ވިސްނޭނެއެވެ. 

ތިމާ އާއި އެއްފެންވަރުން ކައިވެނިކުރުމުން މިފަދަ މައްސަލަތައް މަދުވާނެއެވެ. ތިމާއަށްވުރެ ދަށް ފެންވަރުން ކައިވެނިކުރުމުން މައްސަލަތައް ވަކިން މަދުވާނެއެވެ. ދަށްފެންވަރުން ކައިވެނިކުރުމުން އެކުގައި ދިރިއުޅެން ކުރާ މަސައްކަތްބޮޑުވާނެއެވެ. އެއީ ވަކިވާން ބޭނުން ނުވާނެތީއެވެ. ވީމާ ލޯތްބާއި އަޅައިލުން ލިބުންވެސް އިތުރުވާނެއެވެ. 

ފަހަރެއްގައި މިނޫން ގޮތަކަށްވެސް ކަންކަން މެދުވެރިވެދާނެއެވެ. ދުނިޔޭގެ އާދަތައް ބަދަލުނުވާތީ ނިޢުމަތެއް ލިބުމުން މަގުއޮޅިގެންދާ ބައަކުވެސް ތިބޭނެކަން ޤަބޫލުކުރަންވާނެއެވެ. ނަމަވެސް ޢާންމު ގޮތެއްގައި ކަންކަން މެދުވެރިވަނީ މިބުނި އުޞޫލުންނެވެ. 

ހަމައެއާއިއެކު ނަޞޭޙަތުގެ ބަހެއްވެސް ބުނެލާނަމެވެ. އެއީ ތިމާއަށްވުރެ ދެރަ ނިކަމެތި މީހަކާއި ކައިވެނިކުރުމަށްފަހު އޭނާ އަޅުވެތިކޮށް ނިކަމެތިނުކުރާށެވެ! ހިތުގަޖައްސުވައި ނުރޮއްވާށެވެ! އޭނާގެ ލޮލުން ވެއްޓޭ ކޮންމެ ކަރުނަ ތިއްކަކީ ތިބާއަށްޓަކައި އަލިފާނުގެ ހުޅުގަނޑަކަށްވުން އޮންނާނީ ދާދިގާތުގައިކަން އަބަދުވެސް ހަނދާންކުރަންވާނެއެވެ. 

މިކަންކަމަށް ވިސްނާނަމަ ޒަވާޖީ ޙަޔާތް އުފަލުގައި ހޭދަކުރެވޭނެއެވެ. އިން ޝާ ﷲ 

- އަލަފް

މިއަދު އޮންލައިން