އެއްވެސް ކަމަކަށް ބޭނުންވެގެން ﷲ ތަޢާލާގެ ޙަޟްރަތުން ވާގިއެދުމުގެ ކުރިން ތިމާއަށް ހުރެވޭ ޙާލަތު އަމިއްލައަށް ވިސްނަންޖެހޭނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ
އެއްވެސް ކަމަކަށް ބޭނުންވެގެން ﷲ ތަޢާލާގެ ޙަޟްރަތުން ވާގިއެދުމުގެ ކުރިން ތިމާއަށް ހުރެވޭ ޙާލަތު އަމިއްލައަށް ވިސްނަންޖެހޭނެ!: މުފްތީ މެންކް

ހާލަތު ބަދަލުކުރެއްވެވުމުގެ ހުރިހާ ބާރުތަކެއް ލިބިވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއަށެވެ. ކިތަންމެ ބާރުގަދަ މީހަކު ނަމަވެސް އަދި ތަނަވަސްކަން ހުރި މީހަކަށް ނަމަވެސް ﷲ ތަޢާލާގެ މިންވަރުފުޅު ބަދަލެއް ނުކުރެވޭނެއެވެ. އެއީ ހަމަ އެކަކަށްވެސް ކުރެވޭނެ ކަމެއް ނޫނެވެ. 

މީސްތަކުންނޭވެ! ކިތަންމެ އުފަލުގައި ކިތަންމެ ބޮޑު ތަނަވަސްކަމެއްގައި ހުރި މީހަކަށް ލިބޭ އެންމެ ފޯނުކޯލަކުން ހުރިހާ އުފާވެރިކަމެއް ގެއްލި ނިކަމެތިވެގެންހިނގައިދާނެއެވެ. އަދި ކިތަންމެ ބޮޑު ނިކަމެތިކަމެއްގައި، ކުރެވޭނެ އެއްވެސްކަމެއް ނެތި ގޮތް ހުސްވެފައި ހުއްޓައި ލިބޭ އެންމެ ފޯނުކޯލަކުން ކިތަންމެ ބޮޑު އުފާވެރިކަމެއްވެސް ލިބިގެން ހިނގައިދާނެއެވެ. 

ދުނިޔޭގެ އެންމެންނަށް ބެލިކަމުގައިވީނަމަވެސް އެމީހާ ބޭނުންވިގޮތަށް ހުރިހާ ކަމެއް ފުރިހަމައަށް ޙާޞިލުކުރެވުނު އެކަކުވެސް ނުހުންނާނެއެވެ. ހާޞިލުކުރެވިފައި ހުންނާނީ ﷲ ތަޢާލާ ދެއްވެވި އެއްޗެއް ދެއްވެވި މިންވަރަކަށެވެ. މިކަމުން އެނގިގެންދަނީ އަހަރެމެން އިންސާނުންގެ އެއްވެސް ބާރެއް ނެތްކަމެވެ. ހުރިހާ ބާރުތަކެއް ލިބިވޮޑިގެންވަނީ ﷲ ތަޢާލާއަށް ކަމެވެ.

ދުނިޔޭގައި ހޭދަކުރާ ދުވަސްތަކަކީ އުފަލާއި ހިތްހަމަޖެހުމާއި ހިތްދަތިކަމުގެ ދުވަސްތަކެކެވެ. އެއީ އެކަން ﷲ ތަޢާލާ މިންވަރުކުރައްވަވާފައިވާ ގޮތެވެ. އުފަލެއް ލިބިއްޖެނަމަ ފުރަތަމަވެސް ވިސްނައިލަންވީ އުފާވެރިކަން ލިބުނު ގޮތަކާއިމެދުގައެވެ. އުފާވެރިކަން ލިބުނީ ތިމާ އާއި ﷲ ތަޢާލާ އާއި އޮތް ގުޅުމުގެތެރެއިން ކަމަސްވާނަމަ އެނިޢްމަތް ދެމިއޮންނާނެއެވެ. ނޫންނަމަ ދުވަސްކޮޅަކަށްފަހު ގެއްލިގެންދާނެއެވެ!

ހަމަ އެއާއިއެކު ޔަޤީންކުރަންޖެހޭ ކަމަކީ ކޮންމެ ނިޢްމަތަކީވެސް ތިމާ ކިތަންމެ ތަޤްވާވެރި ނަމަވެސް ތިމާ އާއިއެކު ދާއިމަށް ދެމިއޮންނާނެ ނިޢްމަތެއް ނޫންކަމެވެ. ކޮންމެވެސް ހިސާބަކުން އެ ނިޢްމަތް އުނިކުރައްވަވައިފާނެކަމެވެ. އެކަން މިންވަރުކުރައްވަވަނީ އިމްތިޙާނުކުރެއްވެވުމަށް ކަމަށް ﷲ ތަޢާލާ ވަނީ ވަޙީކުރައްވަވައިފައެވެ.

މިއަދު ބޮޑަށް ފާހަގަކޮށްލަން ބޭނުންވަނީ ހިތްދަތިކަން ކުރިމަތިވުމުގެ މައްސަލައަށެވެ. މުޞީބާތެއް ނުވަތަ ހިތްދަތިކަމެއް ކުރިމަތިވެއްޖެނަމަ ފުރަތަމަވެސް ތިމާ އާއި ﷲ ތަޢާލާ އާއި ދެމެދުގައި އޮންނަންޖެހޭ ގުޅުން އޮތް މިންވަރަށް ބަލައިލާށެވެ! ނަމާދުކުރެވޭވަރަށާއި ކީރިތި ޤުރްއާން ކިޔެވުމަށާއި އަދި ކީރިތި ޤުރްއާނަށް ޢަމަލުކުރެވޭ މިންވަރަށް ވިސްނައިލާށެވެ!

އެކަންކަން ތިމާގެކިބައިގައި ނެތި ﷲ ތަޢާލާގެ ޙަޟްރަތުން ކަމަކަށް އެދި ދަންނަވާނީވެސް ކިހިނަކުން ހެއްޔެވެ؟ ތިމާއަށް ހެޔޮ ގޮތެއް މިންވަރުކުރައްވަވައި ދެއްވެވުމަށް އެދި ދަންނަވާނީވެސް ކިހިނަކުން ހެއްޔެވެ؟

- މުފްތީ މެންކުގެ ދަރުސަކުން

 

 

މިއަދު އޮންލައިން