ސުވަރުގެއިން ލިބޭނެ ފުރަތަމަ ކާނާއަކީ ކޮބާ؟ ދަރިން ބަފައިންނާ ވައްތަރުވަނީ ކިހިނެއް؟- ޙަދީޘުން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 34ސ
ސުވަރުގެއިން ލިބޭނެ ފުރަތަމަ ކާނާއަކީ ކޮބާ؟ ދަރިން ބަފައިންނާ ވައްތަރުވަނީ ކިހިނެއް؟- ޙަދީޘުން

މާތް ﷲ ރަޙްމަތްލެއްވި އަބޫ އަސްމާ އައްރަޙަބީ ޙަދީޘް ކުރައްވާފައި ވެއެވެ. އެކަލޭގެފާނުންގެ ގާތު رَسُوْلُ الله صلى الله عليه وسلم ގެ އަޅު، ޘައުބާން މިފަދައިން ޙަދީޘް ރިވާކުރެއްވި އެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. 

رَسُوْلُ الله رَسُوْلُ الله صلى الله عليه وسلم އަރިހު ތިމަން ކޮއްޅަށް ހުރީމެވެ. އެވަގުތު އެކަލޭގެފާނުންގެ އަރިހަށް ޔަހޫދީ ޢިލްމުވެރިއަކު އައެވެ. އަދި އޭނާ، އޭ މުޙައްމަދުގެފާނޭ ބުނެ، އެކަލޭގެފާނަށް ސަލާމް ދެންނެވިއެވެ. ތިމަން އޭނާވަރަށް ބާރަށް ކޮއްޕާލީ މެވެ. އެކަމާހުރެ އޭނާ ނުވެއްޓުނީ ވެސް ކިރިޔާއެވެ. 

ދެން އޭނާ ބުންޏެވެ. ތިމަން ކޮށްޕާލީ ކޮން ސަބަބަކާ ހުރެ ހެއްޔެވެ؟ އަހުރެން ބުނީމެވެ. އެކަލޭގެފާނާ މުޚާޠަބް ކުރާއިރު، ﷲ ގެ ރަސޫލާއޭ ބުނަން ކަލެއަށް ނޭގެނީހެއްޔެވެ؟ ޖަވާބުގައި ޔަހޫދީ ކަލޭގެ ބުންޏެވެ. އަރެމެން އެކަލޭގެފާނަށް ގޮވަނީ އެކަލޭގެފާނުގެމައިން ބަފައިން އެކަލޭގެފާނަށް ކިޔާފައި އޮތް ނަންފުޅުންނެވެ. 

މިއަޑު އައްސަވާފައި رَسُوْلُ الله صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. ތިމަންކަލޭގެފާނުގެ މައިންބަފައިން ތިމަންކަލޭގެފާނަށް ދެއްވި ނަންފުޅަކީ މުޙައްމަދެވެ. 

އެހިނދު ޔަހޫދީ ކަލޭގެ ދެންނެވިއެވެ. ތިމަން މިއައީ ކަލޭގަފާނުންގެ އަރިހު ސުވާލެއް ދަންނަވަންވެގެންނެވެ. 

رَسُوْلُ الله صلى الله عليه وسلم އެއްސެވިއެވެ. ތިމަން ކަލޭގެފާނު ޖަވާބު ދެއްވައިފުމުން އެއިން ކަލޭއަށް ފައިދާއެއް ކޮށްފާނެހެއްޔެވެ؟ އޭނާ ދެންނެވިއެވެ.  އެނގޭނީ އަޅުގަނޑުގެ ދެކަންފަތަށް އަޑުއިވުނީމަތާއެވެ! އެހިނދު އިތުރު އެކަލޭގެފާނުގެ އަތްޕުޅުގައި އޮތް ދަނޑިކޮޅަކުން ބިމުގައި ކާއްތާލެއްވިއެވެ. ދެން ޙަދީޘްފުޚު ކުރެއްވެވިއެވެ. ނިކަން ސުވާލުކޮށްބަލާށެވެ! އެހިނދު އޭނާ ދެންނެވިއެވެ. 

އުޑާއި ބިން މިދުނިޔެއިން އެހެން ދުނިޔެއަކަށް ބަދަލުވާހިނދު މީސްތަކުން އުޅޭނީ ކޮންތާކުތޯ އެވެ؟

އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. މީސްތަކުން ޞިރާޠު މަގުގެ ކާރީ އަނދިރީގައި ކޮށްޅަށް ތިބޭނެއެވެ. 

އޭނާ ދެންނެވިއެވެ. އެހެން ވެއްޖެނަމަ އެމަގު ހުރަސްކޮށްފައި، އެންމެ ފުރަތަމަ ދެވޭނީ ކޮންބައަކަށް ތޯއެވެ؟ 

އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ފަޤީރު މުހާޖިރިއްޔަ ބޭކަލުންނަށެވެ.   

ޔަހޫދީ ކަލޭގެ ދެންނެވިއެވެ. އެބައިމީހުން ސުވަރުގެ ދިއުމުން އެމީހުންނަށް ދެވޭނެ ފުރަތަމަ ނާސްތާ އަކީ ކޮބައިތޯއެވެ؟ 

އިތުރު އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. އިންތިހާއަށް މީރުކޮށް، ފިހެފައި އޮތް، މަހު މެއިކޮޅެކެވެ. 

އޭނާ ދެންނެވިއެވެ. ހެނދުނުގެ ނާސްތާއަކީ ކޮބައިތޯއެވެ؟ 

އިތުރު އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. ސުވަރުގޭގެ ބަގީޗާތަކުން ހުއިހައްޕާފައިވާ ގެރިތައް އެމީހުންނަށްޓަކައި ކަތިލެވޭނެއެވެ. ދެން އެއިން އެމީހުން ބޭނުންވަރަކަށް ކައިހަދާނެއެވެ. 

އޭނާ ދެންނެވިއެވެ. އެހެންވެއްޖެނަމަ ކައިގެން ދެން ބޯން ލިބޭނީ ކޮން އެއްޗެއްތޯއެވެ؟ 

އިތުރު އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. އެމީހުން ބޯނީ ސުވަރުގޭގައި އޮންނަ ޚާއްސަ އާރެއް ކަމުގައިވާ ސަލްސަބީލު ކީ އާރުގެ ފެނެވެ. 

އޭނާ ދެންނެވިއެވެ. ތިޔަވިދާޅުވީހަމަ ތެދުފުޅެކެވެ. 

ދެން ޔަހޫދީ ކަލޭގެ ދެންނެވިއެވެ. އަޅުގަނޑު ކަލޭގެފާނާ ކޮށްލަން މިއައީ، ނަބީބޭކަލަކަށް ނޫނީ، ބިންމަތީގައި އުޅޭ އެއްވެސް މީހަކަށް ނޭނގޭނެ ސުވާލެކެވެ. ފަހަރެއްގައި އެކަކު ދެމީހަކަށް އެނގިދާނެއެވެ. 

އިތުރު އެކަލޭގެފާނު އެއްސެވިއެވެ. ތިމަން ކަލޭގެފާނު ޖަވާބު ދެއްވައިފުމުން އެއިން ކަލެއަށް ފައިދާއެއް ކޮށްފާނެހެއްޔެވެ؟

އޭނާ ދެންނެވިއެވެ. އެނގޭނީ އަޅުގަނޑުގެ ދެކަންފަތަށް އަޑު އިވުނީމަތާއެވެ!

ދެން ބުންޏެވެ. އަޅުގަނޑު ކަލޭގެފާނުންގެ އަރިހަށް މިއައީ ދަރިއާ ބެހޭގޮތުން ސުވާލު ކޮށްލުމަށެވެ. 

އިތުރު އެކަލޭގެފާނު ޙަދީޘް ކުރެއްވި އެވެ. ފިރިހެނާގެ ފެން ހުދުވާނެއެވެ. އަންހެނާގެ ފެން ރީނދޫ ވާނެއެވެ. ދެން އެދެފެން އެއްވެ، އަންހެނާގެ މަނީގެ މައްޗަށް ފިރިހެނާގެ މަނި ގަދަވެގެންފިނަމަ، ﷲގެ އިޛްނަފުޅާއެކު ލިބޭނީ ފިރިހެން ކުއްޖެކެވެ. އަދި ފިރިހެނާގެ މަނީގެ މައްޗަށް އަންހެނާގެ މަނި ގަދަވެގެންފިނަމަ،ﷲގެ އިޛްނަފުޅާއެކު ލިބޭނީ އަންހެން ކުއްޖެކެވެ.

މި އަޑުފުޅު އަހާފައި ޔަހޫދީ ކަލޭގެ ދެންނެވިއެވެ. ތިއަވިދާޅުވީ ހަމަ ތެދުފުޅެކެވެ. ޝައްކެއްނެތި ކަލޭގެފާނަކީ ނަބީބޭކަލެކެވެ. މިހެން ބުނެފައިމިމީހާ އެނބުރިހިނގައްޖެ އެވެ. ދެން رَسُوْلُ الله صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. އޭނާ ތިމަން ކަލޭގެފާނުގެ އަރިހުން އެއެހި ވާހަކަތަކަކީ ތިމަން ކަލޭގެފާނަށް އެނގިވަޑައިގެންފައި ނެތް ވާހަކަ ތަކެކެވެ. އޭނާ ސުވާލު ކުރިހިނދު، މާތް ﷲ ތިމަންކަލޭގެފާނަށް އެކަމާމެދު އަންގަވާ ދެއްވީއެވެ.  

_________

(މިޙަދީޘް ރިވާކުރެއްވީ އިމާމު މުސްލިމު ގިނިކަންޏާ އެވެ. އަދި އެކަލޭގެފާނުންގެ އިތުރުން އިމާމު އިބްނު ޚުޒައިމާ އާއި އަލްޙާކިމާއި އިބްނު މަންދާ އާއި ޠަޙާވީ އާއި އަލްބައްޒާރު މިޙަދީޘް ރިވާ ކުރައްވާފައި ވެއެވެ. އަދި މިރިވާޔަތް އެހެން މަގަކުންވެސް އިމާމު މުސްލިމް ވަނީ ގެންނަވާފައެވެ. 

ތަރުޖަމާ: އަލްއުސްތާޛް ޙުސައިން ރަޝީދު އަޙްމަދު (ޞަޙީޙް މުސްލިމް (473) 

މިއަދު އޮންލައިން