އަނބިދަރިންނަށް ޚަރަދުނުކޮށް މުށްބާރު ކުރާނަމަ އިނގިލިތައް ބިންދަވާލައްވާފައިވެސް މުށުތެރެއިން ނެރުއްވެވުމަށް ﷲ ތަޢާލާ ކުޅަދުންވަންތަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 36ސ
އަނބިދަރިންނަށް ޚަރަދުނުކޮށް މުށްބާރު ކުރާނަމަ އިނގިލިތައް ބިންދަވާލައްވާފައިވެސް މުށުތެރެއިން ނެރުއްވެވުމަށް ﷲ ތަޢާލާ ކުޅަދުންވަންތަ!

ބައެއް މީހުންނަށް ﷲ ތަޢާލާ ދެއްވަވާ ފައިސާއަށް ހަދާނެ ގޮތް ނުއެނގިގެން އެބަ އުޅެއެވެ. އެއްބައަކު އިމެއްނެތި އިސްރާފްކުރަނީއެވެ. އަނެއް ބައަކު ދަހިވެތިވެ ވީހާ ގިނަ ފައިސާ ރައްކާކުރަންވެގެން އަނބިދަރިންނަށާއި ޢާއިލާގެ މީހުންނަށް ޚަރަދުވެސް ނުކުރަނީއެވެ. 

މީސްތަކުންނޭވެ! މި ދެގޮތަކީވެސް ހުއްދަ ގޮތެއް ނޫނެވެ. އިސްރާފްކުރުމެއްވެސް ނެތެވެ. އަދި ތިމާ ކުރަންޖެހޭ ޚަރަދުތައް ނުކުރުމެއްވެސް ނެތެވެ. އަނބިދަރިންނަށާއި މައިންބަފައިންނަށާއި ޢާއިލާގެ މީހުންނަށް ޚަރަދުނުކޮށް ހުރުމަކީ އެންމެ ބޮޑެތި ފާފަތަކުގެ ތެރެއިން ހިމެނޭ ފާފައެކެވެ. 

ހަނދާންކުރާށެވެ! ކޮންމެ ގޮތަކުން ތިބާގެ ޖީބަށް ނުވަތަ އެކައުންޓަށް ޖަމާވި ނަމަވެސް އެފައިސާއަކީ ﷲ ތަޢާލާ ތިބާއާއި ޙަވާލުކުރެއްވެވި އަމާނާތެކެވެ. ވަޙީކުރައްވަވާފައިވަނީ އެއިގެ ޙައްޤުވެރިންނަށް އަދާކުރުމަށެވެ. ﷲ ތަޢާލާގެ މަގުގައި ހޭދަކުރުމަށެވެ. ހެޔޮނިޔަތުގައި ހޭދަކުރުމުން އަނބިދަރިންނަށާއި ޢާއިލާއަށް ހޭދަކުރެވޭ ފައިސާއަކީވެސް ހަމަ ﷲ ތަޢާލާގެ މަގުގައި ހޭދަކުރެވޭ އެއްޗެކެވެ. 

އެންމެ ރަނގަޅެވެ! ނިކަން ބުނެބަލާށެވެ! ﷲ ތަޢާލާ ތިބާ އަށް ދެއްވެވި ފައިސާ ﷲ ތަޢާލާ އިރާދަކުރައްވަވައިފިނަމަ ކޮންމެ ވަޤުތަކުވެސް ތިބާގެ އަތުން ގެއްލިގެން ނުދާނީހެއްޔެވެ؟ އެއިރުން ތިބާއަށް އެފައިސާ ހިފެހެއްޓޭނެ ހެއްޔެވެ؟ ޔަޤީނަށް އެނގޭކަމަކީ އިރާދަކުރައްވަވައިފިނަމަ ތިބާ ކިތަންމެ ވަރަކަށް ހިފަހައްޓަން މަސައްކަތްކުރިނަމަވެސް ބިލިއަނުން ހުރިނަމަވެސް ހުސްވެގެންދާނެކަމެވެ. 

މިކަންކަމަށް ވިސްނަންވީ ހަމައެކަނި ތަނަވަސްކަން ލިބިގެންވާ މީހުންނެއް ނޫނެވެ. ކިތަންމެ މަދުން ލިބޭމީހުން ވެސް ވިސްނަންވާނެއެވެ. ލިބޭ މިންވަރު މަދުވެ، ހުސްވެދާނެތީ ބިރުން ތިމާކުރަންޖެހޭ ޚަރަދުތައް ނުކޮށް މުށްބާރު ނުކުރާށެވެ! އިނގިލިތައް ބިންދަވާލައްވާފައިވެސް މުށުތެރެއިން ނެރުއްވެވުމަށް ﷲ ތަޢާލާ ކުޅަދުންވަންތައެވެ. 

ދެއްވަވާ މިންވަރުން އިޤްޠިޞޯދުކުރުމަކީ ކުރުން އެންމެ ރަނގަޅު ކަމެކެވެ. ނަމަވެސް އިޤްޔިޞޯދުކުރުމުގެ ބޭނުމުގައި ދަހިވެތިވެގެންނުވާނެއެވެ. އިޤްޠިޞޯދުކުރުމާއި ދަހިވެތިވުމާއި އެއީ މުޅިން ތަފާތު ދެކަމެކެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން