މީހަކު ތިބާއަށް ނުބައިބަސްތައް ބުނެ ރުޅިއަރުވަން މަސައްކަތްކުރާނަމަ ޢަމަލުކުރަން އެންމެ ފައިދާހުރި ގޮތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ
މީހަކު ތިބާއަށް ނުބައިބަސްތައް ބުނެ ރުޅިއަރުވަން މަސައްކަތްކުރާނަމަ ޢަމަލުކުރަން އެންމެ ފައިދާހުރި ގޮތް-

އިންސާނުންގެ ތެރޭގައި ވަރަށް ތަފާތު މިޒާޖުގެ މީހުން އުޅޭނެއެވެ. ތިބާ ރުޅިއަރުވަން ބޭނުންވާ މީހުންނާއި ދެރަކޮށްލަން ބޭނުންވާ މީހުންވެސް އުޅޭނެއެވެ. އެކުވެރިންކަމުގައި އުޅެމުންވެސް އެފަދަ މީހަކަށް ބަދަލުވެދާނެއެވެ. އަދި ދެމަފިރިންކަމުގައި ތިބެގެންވެސް އެފަދަ މީހަކަށް ބަދަލުވެދާނެއެވެ. 

އެކަން ތިބާއަށް އެނގޭ ހިސާބުން އެމީހުންނާއި ނުވަތަ އެމީހަކާއި ބައްދަލުކުރަންޖެހޭނީ ހިނިތުންވެގެން ހުރެއެވެ. ދެރަވެ، ނުވަތަ ރުޅިއައިސްގެން ހުރެ އެފަދަ މީހަކާ ބައްދަލުނުކުރާށެވެ! ސަބަބަކީ އެމީހުން އެންމެ ބޮޑަށް އުފާވާނީ ތިބާ ދެރަކޮށްލެވުމުންނެވެ. އަދި ރުޅިއަރުވައިލެވުމުންނެވެ. 

މައްކާގެ މުޝްރިކުންނަކީ މިބުނި ކަންކަމުގައި އަރައިތިބި ބައެކެވެ. އެމީހުން އެކަމަށް ކުރި އެއްވެސް މަސައްކަތެއް ކާމިޔާބު ނުކުރެވުނީ ކީއްވެގެންކަން އެނގޭހެއްޔެވެ؟ އެއީ އެމީހުން ކޮންމެ ކަމެއް ކުރިނަމަވެސް، ކޮންމެ އެއްޗެއްކީނަމަވެސް އެމީހުންނަށް ކޯފާވެވަޑައިނުގެން ހިނިތުންވެވަޑައިގަންނަވަމުން ބައްދަލުކުރެއްވެވީތީއެވެ. އެކަން ވެގެން ދިއައީ އެމީހުން ބަލިކަށިވެ ދެރަވެ ނިކަމެތިވާންޖެހުނު އެންމެ ބޮޑު އެއް ސަބަބަށެވެ. 

އެއްދުވަހަކު އެކުވެރިޔަކާއި ވާހަކަދައްކަން އިންދައި ދުރުން އައި މީހަކު އެކުވެރިޔާއަށް ވަރަށް ނުބައި ބަސްތައް ބުނެ ކިޔާނެހައި އެއްޗެއް ކިޔާނެ ވަރަކަށް ކިޔުމުންވެސް އެކިވެރިޔާ ޖަވާބުވެސް ނުދެއެވެ. ހިނިތުންވެގެން އިނދެ އަޑުއެހީއެވެ. 

ވަރުބަލިވެގެން އޭނާ ދިއުމުން އެކުވެރިޔާ ގާތުގައި އެއްވެސް ޖަވާބެއް ނުދިނީ ކީއްވެގެންތޯ ސުވާލުކުރުމުން ޖަވާބުގައި ބުނި ބަހަކުން އަހުރެންވެސް ދިއައީ ސިއްސައިގެންނެވެ. "އޭނާ ކޮންމެ އެއްޗެއް ކިއްޔާ އަހުރެންނަށް ވާނީ ކޮންކަމެއް ހެއްޔެވެ؟ އަހުރެންގެ އަތުން މަދުވާނީ ކޮން އެއްޗެއް ހެއްޔެވެ؟ މަދުވާނީ އޭނާއަށް ނޫންހެއްޔެވެ؟ އޭނާކީ ހުރިހާ އެއްޗެއް އޭނާގެ ފަތުގައި ލިޔުއްވަވާނެ ނޫންހެއްޔެވެ؟ އަހުރެން އަނގައިން ނުބުނީމާ އަހުރެންގެ ފަތަކު އެއްވެސް އެއްޗެއް ނުލިޔުއްވަވާނެ ނޫންހެއްޔެވެ؟ ލިޔުވަވާނީ ﷲ ގެ އަމުރުފުޅަށް ކިޔަމަންވެ އަނގައިން ނުބުނެ ކެތްތެރިވެގެން އިންކަމަށް ނޫންހެއްޔެވެ؟" އަހުރެންނަށް ބުނާނެ އެއްޗެއްވެސް ނުއެނގި އިރުކޮޅަކު މަޑުން އިނދެވުނެވެ. 

އެކުވެރިންނޭވެ! އަހުރެންގެ އެކުވެރިޔާގެ ކިބައިން ފިލާވަޅު ލިބިގަންނާށެވެ! އެއިރުން ތިބާ ވެގެންދާނީ ދުނިޔޭގައިވެސް އެންމެ ކާމިޔާބު އަދި އާޚިރަތް ދުވަހު އެންމެ އުފާކުރާނެ މީހުންގެ ތެރެއިންނެވެ. އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން