ދަމުނަމާދާ ގުޅިފައިވާ ގިނަ ބައަކު ނުވެސް ވިސްނާ ބައެއް ޙަޤީޤަތްތައް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 5ސ
ދަމުނަމާދާ ގުޅިފައިވާ ގިނަ ބައަކު ނުވެސް ވިސްނާ ބައެއް ޙަޤީޤަތްތައް-

ﷲ ތަޢާލާ ދެކެ ލޯބިވުމުގެ ވާހަކަ ދައްކައިފިނަމަ ކޮންމެ މުސްލިމަކުވެސް ބުނާނީ ތިމާ އެންމެ ބޮޑަށް ލޯބިވަނީ ﷲ ތަޢާލާ ދެކެ ކަމުގައެވެ. އެއީ އޮޓޯއިން ނުކުންނަ ޖަވާބަކަށް އޮންނަނީ ވެފައެވެ. ޙަޤީޤަތުގައި ﷲ ތަޢާލާ ދެކެ ލޯބިވާންޖެހޭ މިންވަރަށް ލޯބިވެވެނީ ހާދަމަދު މީހަކަށެވެ. 

ތިމާގެ ހިތުގައި ﷲ ތަޢާލާއަށް ލޯބި އޮތް މިންވަރު ބަލަން އިމްތިޙާނު ކަރުދާހެއް ތައްޔާރުކުރާނަމަ އަހުރެން 70 މާކްސް ލާނީ ދަމުނަމާދުކުރުމުގެ ގޮޅިއަށެވެ. އެއީ ސަބަބެއް ނެތިއެއް ނޫނެވެ. 

ރަނގަޅަށް ވިސްނާށެވެ! ދަމުނަމާދު ނުކުރެވޭ މީހަކީ ފުރިހަމަ ގޮތުގައި ﷲ ތަޢާލާ ދެކެ ލޯބިވާ މީހެއް ނޫނެވެ! މިހެން ބުނަން މިޖެހެނީ އެންމެ ފުރިހަމަ ގޮތުގައި ﷲ ތަޢާލާ ދެކެ ލޯބިވާ މީހަކަށް ނޫނީ ދަމުނަމާދު ނުކުރެވޭނެތީއެވެ. 

ދުނިޔަވީ ކުޑަކުކުޑަ ކަމެއްގެ ވާހަކަ ބުނެލާނަމެވެ. މީހަކު ދެކެ ލޯބިވެގެންއުޅޭއިރު ދެމީހުން އެކަނިވެލަން ދަހިވެތިވެވޭނެއެވެ! ދީން ހުއްދަނުކުރާއިރުވެސް ގިނަ ބައަކު އެކަނިވެއެވެ. ﷲ ތަޢާލާއަށް ބިރުވެތިވެ ދެމީހުން އެކަނި ނުވިނަމަވެސް އެމީހުންވެސް އެކަމަށް ބޭނުންވާނެއެވެ. އެއީ އިންސާނީ ޠަބީޢަތެވެ.

ދެން ވިސްނައިލާށެވެ! ﷲ ތަޢާލާ އާއި ފުރިހަމަ ގޮތުގައި އެކަނިވެލެވޭނެ ނަމާދަކީ ދަމުނަމާދެވެ! ދަމުނަމާދުކުރެވޭނީ ދުނިޔޭގެ އަރާމާ އުފަލުގެ ކުރިއަށް ﷲ ތަޢާލާ ދެކެ ލޯބިވުން ނެރެވޭ މީހަކަށެވެ! އެހެނީ ފުރަތަމަ ކަމަކަށް އަރާމު ތަންމައްޗާއި ނިދި ޤުރްބާންކުރަންޖެހެއެވެ. އެއީ މީހަކަށް ކުރަން އެންމެ އުނދަގޫވާނެ ކަންތަކެވެ. 

ދަމުނަމާދުކުރުމުގެ ދަރަޖަ އެހައި މަތިވެރިކުރައްވަވައި ދަމުނަމާދުކުރާ މީހުންނާއިމެދު ﷲ ތަޢާލާ ފަޚުރުވެރިވެވޮޑިގަންނަވަނީ އެހެންވެގެންނެވެ. 

ހަމައެކަނި މި 2 އާޔަތަށް ނިކަން ވިސްނައިލަބަލާށެވެ! 

"އެއުރެންގެ ވެރިރަސްކަލާނގެ ޙަޟްރަތަށް ބިރުވެތިކަމާއި އުންމީދާއެކު ދުޢާ ކުރާ ޙާލު، އެއުރެންގެ އަރިކަށިތައް (ރޭއަޅުކަންކުރުމަށްޓަކައި) ތަންމަތިތަކާ ފޭވެއެވެ. އަދި ތިމަންރަސްކަލާނގެ، އެއުރެންނަށް ދެއްވި ތަކެތީން، އެއުރެން ހޭދަކުރެތެވެ." 

"ފަހެ، އެއުރެންނަށްޓަކައި ފޮރުއްވާފައިވާ ލޮލުގެ ފިނިކަން (އެބަހީ: ލޮލަށް ފިނިކަންދެނިވި، ސުވަރުގޭގެ ނިޢުމަތްތައް) އެއްވެސް ނަފްސަކަށް ނޭނގޭނެތެވެ. (އެއީ) އެއުރެން ކޮށްއުޅުނު ޢަމަލުތަކުގެ ޖަޒާއެއް ކަމުގައެވެ."

(އައްސަޖްދަ: 16،17) 

ދަމުނަމާދުކުރާ އަޅުންނަށް ފަޚޚުރުވެރިވެވޮޑިގެން ވަޙީޚުރައްވަވާފައި އެވަނީ ސުވަރުގޭގެ އެންމެ މަތިވެރި ނިޢުމަތްތައް ދެއްވަވާނެ ކަމަށެވެ. އަހުރެމެން މިބުނަނީ ސުވަރުގެ ވަންނަން ބޭނުންވާ ކަމަށެވެ. ނަމަވެސް އެންމެ ކުޑަމިނުން ދަމުނަމާދުވެސް ކޮށްލެވެނީ ހާދަ މަދު މީހަކަށެވެ.

ދަމުނަމާދާއި ގުޅިފައިވާ މިޙަޤީޤަތްތަކަށް ވިސްނަނީވެސް ދާދިމަދު މީހެކެވެ. ދުޢާއަކީ ސުންނަތް ނަމާދުތަކުގެ ތެރެއިން ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު ނަމާދުކަމުގައިވާ ދަމުނަމާދުކުރާ ބައަކު ކަމުގައި ލެއްވެވުމެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން