މިއަދު ކުރިމަތިވާ އެންމެ ބޮޑު އެއް މައްސަލައަކީ ނުބައި ޢަމަލުތައް ކުރުމުގެ ތެރެއިން ބައްދަލުވާ މީހުންނާއި ގުޅުން ބަދަހިކޮށް ލޯބިވެވޭކަމެވެ. އެލޯބީގައި އެތައް ހިސާބަކަށް ކުރިއާދަތަނުން ގުޅުން ކެނޑުމުން ދެރަވެ ހިތާމަކުރާކަމެވެ.
ދުނިޔަވީ ގޮތުން ބެލިނަމަވެސް ނުބައި ޢަމަލުތައް ކުރަމުން އަންނަ މީހަކަށް އެކަންކަން ކުރުން ހުއްޓައިލުން ފަސޭހައެއް ނުވާނެއެވެ. އުފާ ހޯދުމުގެ ބޭނުމުގައި ދޮގުތަކެއް ހަދައިފާނެއެވެ. ނަމަވެސް އެފަދަ މީހުންނަށް އެއްވެސް މީހަކު ދެކެ ޙަޤީޤީ ލޯތްބެއް ނުވެވޭނެއެވެ. ނުބައި ޢަމަލުތައް ނުކުރަންވީވެސް ނުބައި ޢަމަލުކުރާ މީހުންނާ ގުޅުން އުފައްދައިގެން ނުވާނީވެސް މިބުނި ސަބަބުތަކަށްޓަކައެވެ.
މިޘާލަކަށް ކޮންމެ ރެއަކު ކޮފީތަކުން ބައްދަލުވާ ދެމީހުން ލޯބިވެދާނެއެވެ. ކައިވެނިވެސް ކޮށްފާނެއެވެ. ކައިވެނީގެ ފަހުން އެކަކު އަނެކަކަށް ކޮފީއަށް ދިއުން މަނާކުރިއްޔާ އެކަން ހުއްޓުވޭނެ ހެއްޔެވެ؟ ދެން ނިކަން ބުނެބަލާށެވެ! ބޮޑެތި ފާފަތައް ކުރުމުން ބައްދަލުވާ މީހުންގެ ކަންކަން ހުންނާނީ ކިހިނަކުން ހެއްޔެވެ؟
މިއީ ދައްކަން ލަދުވެތި ވާހަކަތަކެވެ. ނަމަވެސް ނުދައްކައި ތިބެވެން ނެތީއެވެ. މަގުފުރެދިގެންދާ މީހުންވެސް ބާކީކޮށްނުލައި އެމީހުންނަށްވެސް ވިސްނައިދޭން މަސައްކަތްކުރަން އެބަޖެހެއެވެ. ވިސްނިގެން އިޞްލާޙްވެސް ވެއެވެ.
ނަމަވެސް އިޞްލާޙް ވެވެނީ މިބުނި ކަންކަމަށް ވިސްނައި ނުބައި ޢަމަލުތައް ކުރުން ހުއްޓާލަން މަސައްކަތްކޮށް ކާމިޔާބުކުރާ މީހުންނަށެވެ. ނުބައި ޢަމަލުތައްކުރާ މީހުންނާއި ގުޅުން ނުބާއްވައި ރަނގަޅު ގޮތުގައި އުޅޭ މީހުންނާއި ގުޅުން އުފައްދާ މީހުންނަށެވެ.
ވީމާ ނަޞޭޙަތަކީ ﷲ ތަޢާލާއަށް ބިރުވެތިވެ އަވަހަށް ތައުބާވުމެވެ. މުޅިން އައު ޙަޔާތެއް ފަށަން މަސައްކަތްކުރުމެވެ. ނުބައިކަންކަން ކުރާ މީހުންނާއި ގުޅުން ނުބޭއްވުމުގެ އިތުރުން ނުބައި ކަންކަން ކުރާ މާޙައުލުތަކަށްވެސް ރައްކައުތެރިވުމެވެ. ނުފިހޭނެ ކަމަށް ބަލައިގެން ގައަށް ހޫނުފެން އަޅާނަމަ ނުފިހި ނުހުންނާނެކަން ޤަބޫލުކުރުމެވެ.
- އަލަފް