މިހެން ބުނުމުން ބައަކު ރުޅިވެސް އަތުވެދާނެއެވެ. އެކަމަކުވެސް ބުނެލާނަމެވެ.
އަންހެނުންނަކީ ވަރަށް ގިނަ ކަންކަން ކުރުމުގެ ޤާބިލުކަން ލިބިފައިވާ ބައެކެވެ. ފިރިހެނުން ކުރާ ކޮންމެ މަސައްކަތެއް ކުރެވޭނެ އަންހެނުންވެސް ތިބޭނެއެވެ. އަދި ފިރިހެނުން ކުރާ ގިނަ މަސައްކަތް ކުރެވޭނެ ވަރަށް ގިނަ އަންހެނުންވެސް ތިބޭނެއެވެ.
އެކަމަކު ބުނަން ހެއްޔެވެ؟ އަންހެނުންނަށް ކުރެވޭނެ އެންމެ ޚާއްޞަ އަދި އެންމެ ފައިދާހުރި ކަމަކީ ވިހެއުމެވެ. ކުދިން ވިހެއުމަކީ ހަމައެކަނި އަންހެނުންނަށް ކުރެވޭނެ ކަމެކެވެ.
އެކަމަކު ދައްކަން ބޭނުންވެގެން މިއުޅެނީ ހަމައެކަނި ވިހެއުމުގެ ވާހަކައެއް ނޫނެވެ. ދަރިން ބަލައި ތަރުބިއްޔަތުކުރުމުގެ ވާހަކައެވެ. ދަރިން ބަލައި ތަރުބިއްޔަތުކުރުމުގައިވެސް އެންމެ ރަނގަޅަށް އެކަން ކުރެވޭނީ އަންހެނުންނަށެވެ.
9 މަސް ފުރައި ދަރިންވިހައި އެދަރިފުޅަށް ގާތުންދީ އެދަރިފުޅު އެންމެ ތުއްތުއިރު ގެންގުޅެ ބަލަހައްޓާ މީހަކަށްވުރެ ރަނގަޅަށް އެކަން ކުރެވޭނީ ކާކަށް ހެއްޔެވެ؟ އަދި ބުނަންހެއްޔެވެ؟ ކޮންމެ އަންހެނަކަށް ކޮންމެމެ ކުއްޖަކު އެންމެ ރަނގަޅަކަށް ނުބެލެހެއްޓޭނެއެވެ. ދަރިން އެންމެ ރަނގަޅަށް ބެލެހެއްޓޭނީ ހަމަ މައިމީހާޢަށެވެ.
ދަރިފުޅަށްޓަކައި މައިމީހާގެ ހިތުގައި އުފެދޭ ލޯތްބާއި ހަމްދަރުދީ އާއި އޯގާތެރިކަން އެހެން މީހެއްގެ ހިތުގައި އުފެދުމަކީ ނުވާނެ ކަމެކެވެ.
ދެމަފިރިން ވަކިވި ނަމަވެސް ދަރިން މައިންނާއި ވަކިނުކުރަންވީ އެސަބަބަށްޓަކައެވެ. ދަރިން ަމއިންނާއި ވަކިނުކުރަން ދީނުގައި އަންގަވާފައިވަނީވެސް އެސަބަބަށްޓަކައެވެ. ވަކިކޮށްފިނަމަ ދުނިޔޭގައިވެސް އަދި އާޚިރަތް ދުވަހުވެސް އެމީހަކަށް ހިތްދަތިކަން ކުރިމަތިކުރައްވަވާނެކަމަށް އޮތް ބަސްފުޅުން މިކަންކަމަށް ދަލީލް ލިބިގެންދެއެވެ.
މިބުނި ފަދަ ސިފަތައް ލިބިގެންނުވާ މައަކު ހުރެދާނެއެވެ. ނަމަވެސް އެއީ ވަރަށް މަދު ބައެކެވެ. ނިޞްބަތުން އެހައި މަދު ބައަކު ތިބުމަކީ މިދެއްކި ވާހަކައަކީ ޙަޤީޤަތެއް ނޫންކަމަށް ހެދޭނެ ސަބަބެއް ނޫނެވެ.
ދަރިން ރަނގަޅު ގޮތުގައި ތަރުބިއްޔަތުކުރަން މިއަދުކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީވެސް މިކަންކަމަށް ސަމާލުކަން ނުދެވޭކަމެވެ. މައިން މަސައްކަތަށް ނުކުމެފައި ދަރިން ބަލަހައްޓަން އެހެން ބައަކާއި ޙަވާލުކުރެވޭ ކަމެވެ.
- އަލަފް