ތިބާ ކުރާ ރަނގަޅުކަންކަން އެއްވެސް މީހަކު ބަލައިނުގަތަސް ކަންބޮޑުނުވާށެވެ! އެއީވެސް ތިބާއަށް އޮތް ރަނގަޅެކެވެ. ދެރަނުވެ އުފާކުރާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 39ސ
ތިބާ ކުރާ ރަނގަޅުކަންކަން އެއްވެސް މީހަކު ބަލައިނުގަތަސް ކަންބޮޑުނުވާށެވެ! އެއީވެސް ތިބާއަށް އޮތް ރަނގަޅެކެވެ. ދެރަނުވެ އުފާކުރާށެވެ!

ގިނަ ބައަކަށް ދުނިޔެ ދޫކުރަންޖެހެނީ އެމީހުން ކޮށްދިން ހެޔޮ ކަންކަމަށް ޝުކުރުގެ ބަހެއްވެސް ނުލިބިއެވެ. ވީމާ އެއީ އެއްވެސް މައްސަލައެއް ކަމަށް ނުދެކޭށެވެ! މީސްތަކުން ދުނިޔޭގައި ކުރާ ތަޢްރީފުން ކުރާނެ ޙަޤީޤީ ފައިދާއެއް ވެސް ނެތެވެ. ޙަޤީޤީ ފައިދާއެއް ކުރާނީ ﷲ ތަޢާލާ ރުހިވޮޑިގަންނަވާ އަޅެއްގެ ގޮތުގައި ދުނިޔެއިން ނުކުމެވިއްޖެނަމައެވެ. ﷲ ތަޢާލާގެ ތަޢްރީފް އެމީހަކަށް ލިބިއްޖެ ނަމައެވެ. 

ޔަޤީންކުރަންވީ ކަމަކީ ޛައްރެއްގެ މިންވަރުގެވެސް ހެޔޮ ޢަމަލެއް ކުރެވިފައިވާނަމަ އެކަމަކަށް ޙައްޤު ޖަޒާ ﷲ ތަޢާލާ ދެއްވަވާނެކަމެވެ. އެކަން ﷲ ތަޢާލާ ވަނީ ކީރިތި ޤުރްއާނުގައި ބަޔާންކުރައްވަވައިފައެވެ. ވީމާ އެއީ އެއްވެސް ޝައްކެއް ކުރަން އޮތް ކަމެއް ނޫނެވެ. 

ހަމައެއާއިއެކު ތިބާގެ ރަނގަޅުކަން އެހެން މީހުން ބަލައިނުގަތުމަކީވެސް ތިބާއަށް އޮތް ރަނގަޅެކެވެ. އެކަމަށްވެސް ތިބާއަށް ޙައްޤު ޖަޒާ ދެއްވަވާނެތީއެވެ. ވީމާ ހެޔޮ ކަންތައްތަކެއް ކޮށްދިނުމުން ވެސް ޝުކުރުވެރިނުވާތީ ކަންބޮޑުވާންވީ ކީއްވެގެން ހެއްޔެވެ؟ 

މީހަކަށް ހެޔޮކަމެއް ކޮށްދިނުމުންވެސް އަދި ކޮށްނުދިން ނަމަވެސް އެއީ އެމީހަކަށް ނުބައި ބަސް ބުނެގެންވާނެ ސަބަބެއް ނޫނެވެ. ނުބައިކަމެއްކޮށް ގެއްލުމެއް ނުދޭހައި ހިނދަކު އެއްވެސް މީހަކަށް ނުބައި ބަހެއް ބުނުމެއް ނެތެވެ. އަދި ނުބައިކަމެއް ކުރިނަމަވެސް އެމީހަކަށް ނުބައި ބަސް ނުބުނެ ހެޔޮ ދުޢާކުރުމަކީ އެމީހަކަށް ޘަވާބު ދެއްވަވާނެ ކަމެކެވެ. ރަޙްމަތް ލައްވަވާނެ ކަމެކެވެ! އިން ޝާ ﷲ 

އިންސާނުންނަކީ އެހެން މީހުން ކޮށްދޭ ރަނގަޅު ކަންކަން ވަރަށް އަވަހަށް ހަނދާންނެތޭ ބައެކެވެ. ކިތަންމެ ބައިވަރު ރަނގަޅު ކަންކަން ކޮށްދީފައި އެންމެ ކަމެއް ކޮށްނުދެވުނު ނަމަވެސް ގިނަމީހުން ހަނދާންކުރާނީ ކޮށްނުދެވި އޮތް ކަންތަކެވެ. އެއީ ގިނަ ބައެއްގެ ޠަބީޢަތެވެ! ތިމާ ކުރާ ކޮންމެ ކަމެއްވެސް މިކުރަނީ ﷲ ތަޢާލާއަށްޓަކައިކަން ޤަބޫލުކޮށްގެން ކުރާށެވެ. ﷲ ތަޢާލާގެ ޙަޟްރަތުން ޘަވާބަށް އެދިގެން ކުރާ ކަމެއްކަމަށް ނިންމައިގެން ކުރާށެވެ. ފައިދާކުރާނީ އެއިރުންނެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން