ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ﷲ ތަޢާލާ އާއި އެކަލާނގެ ރަސޫލާ މުޙައްމަދު ﷺ ކުރައްވަވާފައިވާ އެންމެ އަމުރުފުޅަކާއިވެސް ޚިލާފްނުވާށެވެ! ފުރިހަމައަށް ކިޔަމަންތެރިވާށެވެ! ނަހީކުރައްވަވާފައިވާ ކަންކަމާއި ދުރުހެލިވެ ހުރުމާއިއެކު ކުރުމަށް އަމުރުކުރައްވަވާފައިވާ ހުރިހާ ކަންކަން ކުރަމުން ގެންދާށެވެ!
އީމާންވާންވީ ހަމައެކަނި ﷲ ތަޢާލާއަށެވެ! އަޅުކަންކުރަންވާނީ ރަސޫލް ﷺ އެކަމެއް ކުރަން ދަސްފުޅުކޮށް ދެއްވެވި ގޮތަށެވެ. ހެދުންލައި ނިވާވާން އޮތީވެސް ﷲ ތަޢާލާ ކަނޑައަޅުއްވަވާފައިވާ އިމުގައެވެ. އެކަންކަމަށް ކިތަންމެ ކުޑަނަމަވެސް ބަދަލެއް ނުގެންނާށެވެ!
ކިތަންމެ ކުޑަކުޑަ ޚިލާފްވުމަކުންވެސް، ހަމަ އެންމެ ކަމަކަށް ނުކިޔަމަންތެރިވުމުން ވެސް ކިތަންމެ ބޮޑު ދެރައެއްވެސް ލިބިދާނެއެވެ.
އަހަރެމްނެގެ ތެރެއިން ބައެއް މީހުންނަށް މިއަދު ޤަބޫލުކުރެވިފައި އޮންނަނީ އެމީހުން ރާވާ މޮޅު ރޭވުންތަކުން އެމީހުންގެ ހުރިހާ ކަންކަން ކާމިޔާބުކަމާއިއެކު ކުރިއަރާނެކަމަށެވެ. ހަތިޔާރުދީފައި ސެކިޔުރިޓީން ބެއިތިއްބުމުން ކުރިމަތިވާ ހުރިހާ ކަމަކުން ސަލާމަތްވެވުނީ ކަމަށެވެ.
މިފަދަ ވިސްނުމުގައި ތިބޭ މީހުން ﷲ ތަޢާލާ ނަހީ ކުރައްވަވާފައިވާ ކަންކަން ކުރަން ވެސް ޖެހިލުމެއް ނުވެއެވެ. އެމީހުންނަށް ޤަބޫލުކުރެވިފައި އޮންނަނީ އެމީހުންގެ މޮޅު ވިސްނުމުން އެމީހުންނަށް އަބަދުވެސް ދާނީ ކާމިޔާބީ ލިބެމުންކަމަށެވެ.
އެއްގޮތަކަށްވެސް އެހެން ހީނުކުރާށެވެ! އުހުދު ހަނގުރާމައިން މިސާލުނަގާށެވެ! މުޝްރިކުންގެ އެ ބޮޑު ލަޝްކަރު ބަލިކުރެވުނެވެ. ފިލަންވެސް ދިއައެވެ. ނަމަވެސް ތިމާމެންނަށް ކާމިޔާބީ ލިބިއްޖެ ކަމަށް ބަލައި އެންމެ އަމުރުފުޅަކާއި ޚިލާފްވީއެވެ. އެއީ ފަރުބަދަމަތީގައި ބެއިތިއްބެވި ޞަޙާބީން އެތަނުން ނުފައިބަން އަންގަވާފައި ވަނިކޮށް ފެއިބުމެވެ. އެކަމުގެ ނަތީޖާއަކަށްވީ ހީވެސް ނުކުރެވޭފަދަ ބޮޑު ބައްޔަކުން މުސްލިމުން ބަލިވުމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން