އެހެން މަޛްހަބެއްގެ މީހަކަށްވީތީ އެހީތެރިނުވާން ނިންމުމަކީ މުސްލިމުންނަށް ޢަމަލުކުރަން އޮތް ގޮތެއް ނޫން! އެއީ ނުބައި، ނުރައްކާތެރި ނިންމުމެއް!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 23ސ
އެހެން މަޛްހަބެއްގެ މީހަކަށްވީތީ އެހީތެރިނުވާން ނިންމުމަކީ މުސްލިމުންނަށް ޢަމަލުކުރަން އޮތް ގޮތެއް ނޫން! އެއީ ނުބައި، ނުރައްކާތެރި ނިންމުމެއް!: މުފްތީ މެންކް

އިސްލާމް ދީން ބައިބައިކޮށް ފޮތިފޮތި ކުރެވެނީއެވެ. މުސްލިމުން ބައިބައަށް އަޅަނީއެވެ. މިގޮތަށް މިކަންކަން ކުރަމުން ގޮސް ތިމާ އާއި ތަފާތު މަޛަހަބެއްގެ މީހަކަށް ދަތިޙާލެއް ކުރިމަތިވިނަމަވެސް އެހީތެރިކަން ފޯރުކޮށްދޭން ނުޖެހޭނެކަމަށް ޤަބޫލުކުރެވޭ ހިސާބަށް ކަންކަން އެބަދެއެވެ. 

މިއީ ކިހިނަކުން ޤަބޫލުކުރެވޭނެ ކަމެއް ހެއްޔެވެ؟ އިސްލާމް ދީނުގައި އެހީތެރިވާން އޮތީ ހަމައެކަނި މުސްލިމުންނަކަށްވެސް ނޫނެވެ. އޮތީ ކާފިރުންނަށް ވެސް އެހީތެރިވުމެވެ. އަދި ކުއްތާއާއި ބުޅަލަށްވެސް އެހީތެރިވެދޭންޖެހޭނެކަން ﷲ ތަޢާލާ ވަނީ މީސްތަކުންނަށް އުނގަންނަވައި ދެއްވަވައިފައެވެ. އެހެންކަމަށްވާއިރު މަޛްހަބް ތަފާތުވުން ފަދަ ކަމަކާއި ގުޅުވައިގެން މުސްލިމް އަޚާއަށް އެހީތެރިނުވާން ނިންމޭނީ ކިހިނަކުންހެއްޔެވެ؟ 

އެހެނެއް ނޫނެވެ. އެމީހަކު ބޭނުންނަމަ އެހީތެރިވާނެ މީހުން ތަރުތީބުކުރެވިދާނެއެވެ. އަމިއްލަ ޢާއިލާގެ މީހުންނަށް އެހީތެރިވާން އިސްކަން ދެވިދާނެއެވެ. އެއީ މައްސަލައެއް ނޫނެވެ. ނަމަވެސް ދަތިޙާލުގައި ހުންނަ މުސްލިމް އަޚަކަށް އެހީތެރިނުވާކަށް ނުނިންމޭނެއެވެ. އެއީ ހުއްދަ ނިންމުމަކަށް ނުވާނެއެވެ. 

އިސްލާމް ދީން ބައިބައި ނުކުރާށެވެ! މުސްލިމުންވެސް ބައިބައިނުކުރާށެވެ! އަދި ދަރަޖަވެސް ނުކުރާށެވެ! ތިމާއާއި އެއް މަޛްހަބުގެ މީހަކަށް ނުވީތީ، ތަފާތު ގޮތަކަށް ހެދުންލާތީ އެހީތެރިނުވާން ނިންމި މީހާއަކީ ﷲ ތަޢާލާގެ ޙަޟްރަތުގައި ތިމާއަށްވުރެ ދަރަޖަ މާމަތިވެރި މީހަކަށްވެސް ވެދާނެއެވެ. އެފަދަ މީހަކަށް އެހީތެރި ނުވެއްޖެނަމަ ދެންވާނީ ކިހިނަކުންހެއްޔެވެ؟ 

ވިސްނާށެވެ! ދަތިޙާލުގައި ހުންނަ މީހަކަށް ނުވަތަ ދަތިޙާލުގައި ތިބޭ މީހުންނަށް އެހީތެރި ނުވެއްޖެނަމަ ތިމާއަށް ދަތިޙާލެއް ޖެހޭ ދުވަހު އެހީތެރިވެދޭނެ މީހަކު މިންވަރު ނުކުރެއްވެވުމަށްވެސް ﷲ ތަޢާލާ ކުޅަދުންވަންތައެވެ. 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން