ސުންނަތް ނަމާދުކުރުން ގިނަކުރަންޖެހޭ އެންމެ ބޮޑު ސަބަބަކީ ތިބާ ނަރަކައިން ސަލާމަތްކޮށްދޭނީ ތިބާއަށް ކުރެވޭ ސުންނަތް ނަމާދުތައްކަމުގައިވުން ގާތްކަމެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 54ސ
ސުންނަތް ނަމާދުކުރުން ގިނަކުރަންޖެހޭ އެންމެ ބޮޑު ސަބަބަކީ ތިބާ ނަރަކައިން ސަލާމަތްކޮށްދޭނީ ތިބާއަށް ކުރެވޭ ސުންނަތް ނަމާދުތައްކަމުގައިވުން ގާތްކަމެވެ!

އެއީ ސުންނަތް އަޅުކަމެއް ކަމުގައި ބުނެވިއްޖެނަމަ ގިނަ ބައަކަށް ޤަބޫލުކުރެވެނީ އެއީ ކޮންމެހެން ކުރަންޖެހޭ ކަމެއް ނޫންކަމަށެވެ. އަދާކުރަން މަޖުބޫރުވަނީ ހަމައެކަނި ފަރުޟު ކަމަށެވެ. މިފަދަ ގޮތްގޮތަށް ވިސްނާ މީހުން އިތުރަށް ވިސްނައިލާށެވެ! 

ގިނަ ބައަކު އެމީހުން ކުރާ މަސައްކަތްތައް ގިނަވުމުން ސުންނަތް ނަމާދުތަކަށް ގެންދަނީ ފަރުވާކުޑަކުރަމުންނެވެ! ރަވާތިބު ސުންނަތްތަކުގެ ތެރެއިން އިހު ސުންނަތް ކުރެވޭހައި ވަގުތު އޮއްވައި މިސްކިތަށް އެރޭކަމަށްވަނީ ވަރަށް މަދު މީހަކަށެވެ. މިސްކިތުގައި ތިބެވެސް ބައެއް މީހުން ސުންނަތް ނަމާދުކުރުމުން އެބަ ދުރުހެލިވެއެވެ. 

މިވާހަކަ ވަރަށް ގިނަ ދަރުސްތަކުގައި ވާނީ ފާހަގަކޮށްފައެވެ. އެއީ މިކަމުގެ މުހިންމުކަން ބޮޑުކަމުންނެވެ. މިރޭވެސް ހަމަ އެއިގެ ތެރެއިން ބައެއް ކަންކަން ފާހަގަކޮށްލާނަމެވެ. 

ސުންނަތް ނަމާދުކުރުމަކީ މިހާރަކަށް އައިސް ވަރަށް ގިނަ ބައަކު ވަރަށް ބޮޑަށް އިހްމާލްވަމުން އަންނަކަމެކެވެ. ޞުޙާ ނަމާދާއި ވިތުރި އާއި ދަމުނަމާދު ނުކުރެވޭއިރު އެންމެ ކުޑަމިނުން ކޮންމެ ދުވަހަކު ކުރަން އޮތް ރަވާތިބް ސުންނަތުގެ 12 ރަކްޢަތް ކުރަނީ ވެސް މަދު މީހެކެވެ. މިއީ ވަރަށް ހިތާމަހުރި ކަމެކެވެ. އެހެނީ ސުންނަތް ނަމާދުކުރުމަކީ އެކަމުގެ ސަބަބުން ސުވަރުގެ ވަދެވުމުގެ ފުރުޞަތު ވަރަށް ބޮޑުވެގެންދާ ކަމެކެވެ. އަދި ތިބާއަށް ނަރަކައިން ސަލާމަތްވެވެން އޮތް މަގުކަމުގައިވެސް ބުނެވިދާނެއެވެ. 

ޤިޔާމަތް ދުވަހު އެންމެ ފުރަތަމަވެސް ހިސާބު ބައްލަވާނީ ނަމާދުގެކަން އެންމެންނަށްވެސް އެނގޭނެއެވެ. އެހެން އެކަން އޮތްއިރު ގިނަ މީހުންނަކީ ގިނަ އަދަދެއްގެ ފަރުޟް ނަމާދުތަކެއް އެޅިފައިވާ ބައެކެވެ. އަދި އެޅެމުންދާ ވެސް ބައެކެވެ. އަދި ކުރާ ނަމާދުތަކުގެ ތެރެއިން އެތައް ބައިވަރު ނަމާދުތަކެއް ކުރެވެމުން މިދަނީ ޚުޝޫޢަތްތެރިކަމެއް ނެތިއެވެ. ވީމާ އެނަމާދުތައް ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވާނެކަން އެނގެނީވެސް ކިހިނަކުން ހެއްޔެވެ؟ 

ކޮންމެއަކަސް ކުރަންޖެހޭ ނަމާދުގެ އަދަދު ފުރިހަމަ ނުކުރެވިއްޖެނަމަ ދެން ހުރި ހުރިހައި ކަމެއް ގެއްލިގެން ދިއައީއެވެ. ދެން ކުރެވިފައިވާ ހުރިހާ ހެޔޮ އަމަލުތަކެއް ގެއްލިގެންދިއައީއެވެ. ސުވަރުގެ ވަނުމުގެ ފުރުޞަތު ބަނދުވެގެންދިއައީއެވެ. 

ﷲ ތަޢާލާގެ ދީލަތިވަންތަކަން ބޮޑުކަމުން އެހާލަތުގައި އެމީހަކަށް ކުރެވިފައިވާ ސުންނަތް ނަމާދުތަކުގެ އެހީތެރިކަން ލިބިގެންދެއެވެ. ފަރުޟް ނަމާދުތަކުން މަދުވާބައި ސުންނަތް ނަމާދުން ކުރެވިފައިވާނަމަ ﷲ ތަޢާލާ އިރާދަ ކުރައްވަވައިފި އަޅަކަށް ހިސާބު ބެއްލެވުމުގައި ސުންނަތް ނަމާދުތަކުން އެކަން ފޫ ބައްދަވައި ދެއްވަވަތެވެ. 

އެހެންކަމަށްވާއިރު އެއީ ސުންނަތް ނަމާދަކަށް ވެގެން ދޫކޮށްލައިގެންވާނެ އެއްވެސް ގޮތެއް އެބަ އޮތް ހެއްޔެވެ؟ ސުންނަތް ނަމާދު ކުރުން ގިނަ ނުކޮށް ސަލާމަތް ވެވޭނީ ކިހިނަކުން ހެއްޔެވެ؟ މިފަހަކަށް އައިސް ޢަޞްރް ނަމާދު، މަޣްރިބް ނަމާދު އަދި ޢިޝާ ނަމާދުގައިވެސް އިހު ސުންނަތް ނުކޮށް މިސްކިތުގައި މީހުން އެބަ ތިބެއެވެ. އެމީހާ އެ ނަމާދުތަކުގެ އިހު ސުންނަތް ކުރަން ބޭނުން ނުވާނަމަ ސުންނަތުގެ އެހެން ނަމާދެއްވެސް ކުރެވިދާނެ ނޫން ހެއްޔެވެ؟ ބަންގި އާއި ޤަމާތާއި ދެމެދުގައި އެމީހަކު ބޭނުން އަދަދަކަށް ސުންނަތް ނަމާދުތައް ކުރުން މަނާކުރަނީ ކާކު ހެއްޔެވެ؟  

މީސްތަކުންނޭވެ! ސުންނަތް ނަމާދަކީ ނުހަނުކުރުކޮށް ވެސް ކުރެވޭނެ ނަމާދެކެވެ. އެމީހަކު ބޭނުން ވަރަކަށް ދިގުވެސް އަދި ކުރުވެސް ކުރެވެން އޮތް ނަމާދެކެވެ. ވީމާ ފަށަމުން ބުނި ސަބަބު ހިތަށް ގެނެސް ސުންނަތް ނަމާދުކުރުން ގިނަކުރާށެވެ! އެއީ ހަމަ ތިބާއަށް ސުވަރުގެ ވަދެވޭނެ ސަބަބަކަށްވުމުގެ ފުރުޞަތު ވަރަށް ބޮޑެވެ. 

ހަމައެއާއިއެކު ސުންނަތް ނަމާދުކުރުމުގައިވެސް ފަރުވާތެރިވާށެވެ! ޚުޝޫޢަތްތެރިވާށެވެ! ވީހައި ފުރިހަމައަށް ކުރާށެވެ! ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވާނެ ފެންވަުގައި ކުރަން ގަދައަޅައި މަސައްކަތްކުރާށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން