ގެންގުޅޭ ފޯނަށް ބިރުވެތިވާށެވެ! އެކަނިވުމުން ފާފަކުރާ އެއްޗަކަށް ހަދައިފިނަމަ އެމީހަކު ކުރި އެއްވެސް ހެޔޮ ޢަމަލެއް ﷲ ޤަބޫލުފުޅު ނުކުރައްވަވާނެތެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 48ސ
ގެންގުޅޭ ފޯނަށް ބިރުވެތިވާށެވެ! އެކަނިވުމުން ފާފަކުރާ އެއްޗަކަށް ހަދައިފިނަމަ އެމީހަކު ކުރި އެއްވެސް ހެޔޮ ޢަމަލެއް ﷲ ޤަބޫލުފުޅު ނުކުރައްވަވާނެތެވެ!

މިރޭވެސް ފުރަތަމަ ކަމަކަށް އަހުރެން ހަނދާންކޮށްލައިދޭން ބޭނުންވަނީ ﷲ ތަޢާލާ ދެއްވަވާފައިވާ އެންމެ ބޮޑު އެއް ނިޢަމްތާއިބެހޭގޮތުންނެވެ. އެނިޢްމަތުގެ ބޭނުންހިފުމާއި ބެހޭ ގޮތުންނެވެ. އެ ނިޢުމަތަކީ ތިބާގެ އަތުގައި އޮތް މޯބައިލް ފޯނެވެ. 

ބުނަންހެއްޔެވެ! ފޯނަކީ އެއިގެ ބޭނުން ރަނގަޅު ގޮތުގައި ހިފައިފިނަމަ ތިމާއަށް ދެއްވަވާ ޘަވާބު އިތުރުކޮށްގެން ސުވަރުގެ ވަދެވެން އޮތް އެއްޗެކެވެ. އެއިގެ ބޭނުން ނުރަނގަޅު ގޮތުގައި ހިފައިފިނަމަ ޢަޛާބު އިތުރުވެ ނަރަކައަށް ވައްދަވައިފާނެ ކަމުގެ ބިރުބޮޑު އެއްޗެކެވެ. 

ފުރަތަމަ ކަމަކީ ބަލަން ނުޖެހޭ، ހުއްދަނޫން މަންޒަރުތައް ބެލުމެވެ. ތިމާގެ އިސް ތިރިކުރަން އޮތް ވަޙީބަސްފުޅުގެ މާނައަކީ ހަމައެކަނި މަގުމަތިން ނުވަތަ އެނޫންވެސް ތަނަކުން އެފަދަ މަންޒަރުތައް ނުބެލުމެއް ނޫނެވެ. އަތުގައި ފޯނުން ނުވަތަ ޓީވީއަކުން ނުވަތަ އެނޫން ވަސީލަތަކުން ނަމަވެސް ބެލުން ހުއްދަ ނޫން މަންޒަރުތައް ބަލާނަމަ އިސް ތިރިކުރެވެނީއެއް ނޫނެވެ. އެދަނީ ފާފަ ކުރެވެމުންނެވެ. ޢަޛާބު އިތުރުވަމުންނެވެ. 

ވިސްނައިލާށެވެ! ގޭގައި އެންމެންގެ ތެރޭގައި އިނދެ ޓީވީއަކުން ބަލަން ނުކުރޭ މަންޒަރުތައް ފޯނުން އެކަނި ހުރެ ބަލާނަމަ އެކަމުން އަންގައިދެނީ އެމީހަކު އެކަނިވުމުން ފާފަކުރަން ޖެހިލުންނުވާކަމެވެ. އެމީހާގެ ހިތުގައި ﷲ ތަޢާލާއަށް ބިރުވެތިކަމެއް ނެތް ކަމެވެ. އެކަނިވުމުން ފާފަކުރަން ބިރުނުގަންނަ މީހާގެ ޢަމަލުތައް ޤިޔާމަތް ދުވަހު ﷲ ތަޢާލާ ޤަބޫލުފުޅު ނުކުރައްވަވާނެތެވެ. 

ދެން އޮތީ ފޯނުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމެވެ. އެއީ އެމީހަކަށް ދީނީ ގޮތުން ފައިދާހުރިކަންކަން ފޯނުން ކުރުމެވެ. ދީން އުނގެނި މީސްތަކުންނަށް ދީން ފޯރުކޮށްދިނުމެވެ. ރަނގަޅު މެދެޖުތައް ފޯރުކޮށްދިނުމެވެ. ވީމާ ފޯނަކީ އެންމެ ގިނައިން ހެޔޮ ޢަމަލުކުރަން ބޭނުންކުރާ ވަސީލަތަށް ހެދުމުގެ ފުރުޞަތުވެސް މިވަނީ ދެއްވަވައިފައެވެ. 

ފުންކޮށް ވިސްނައިފިނަމަ އަދި ބުއްދީގެ ބޭނުން ރަނގަޅު ގޮތުގައި ކުރާ މީހަކަށް އޭނާގެ ފޯނަކީ އެންމެ ރަނގަޅު ވަސީލަތެވެ. ޤުރްއާން އަޑުއަހައި އުނގެނެވިދާނެއެވެ. ދީނުގެ އަނކަން އުނގެނެވިދާނެއެވެ. ޛިކުރުތައް ކިޔަން ބޭނުންކުރެވިދާނެއެވެ. 

ވީމާ އަތުގައި އޮންނަ ފޯނަކީ އެކަނިވުމުން ބިރެއްނެތި ފާފަކުރަން ބޭނުންކުރާ އެއްޗަކަށް ހަދައި އެއިގެ ސަބަބުން ނަރަކައަށް ވަންނަ އެއްޗެއް ކަމުގައި ނުހަދާށެވެ! ޘަވާބު ހޯދައިގެން ސުވަރުގެ ވަންނަ އެއްޗަކަށްހަދާށެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

މިއަދު އޮންލައިން