ހިތްދަތިކަމެއް ލިބުމުން މޫނުވަތަށް އޮށޯންނަން ޖެހޭ ސަބަބާ އެކަމަށް އޮތް ޙައްލު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
ހިތްދަތިކަމެއް ލިބުމުން މޫނުވަތަށް އޮށޯންނަން ޖެހޭ ސަބަބާ އެކަމަށް އޮތް ޙައްލު-

ދިރިއުޅުމުގެ ކަންކަން ދިމާވާ ގޮތަކުން ދެން އިތުރަށް ކުރިއަށް ނުދެވޭނެކަމަށް ނިންމައި މޫނުވަތަށް އޮށޯންނަ ބައަކު އުޅެއެވެ. އަނެއްބައަކު އިތުރަށް ހިތްވަރުގަދަކޮށް ތިމާއަށް ކުރިމަތިވެފައިވާ ކަންކަމުން އަރައިގަތުމަށް ކުރާ މަސައްކަތް އިތުރުކުރަނީއެވެ. 

ދުވަސްކޮޅެއްފަހުން ފެނިގެންދަނީ މާއުފާވެރި ޙަޔާތެއްގައި ދިރިއުޅެމުން އަންނަތަނެވެ. ކުރިން ކުރިމަތިވި ޙާލަތުގެ މަތިން އޭނާ ހަނދާނެއްވެސް ނުހުރެއެވެ. އެހެނީ އެވެސް ދަތި ޙާލަތެއްވެސް އަދި އުފާވެރި ޙާލަތެއްވެސް ކުރިމަތިކުރައްވަވަނީ ދާއިމަކަށް ނޫނެވެ. އެއް ޙާލަތުން އަނެއް ޙާލަތަށް ޙާލަތު ބަދަލުކުރައްވަވާ ގޮތަށެވެ. 

މޫނުވަތަށް ލައިގެން އެނދުގައި އޮށޯތް މީހާއަށްވާގޮތަކީ އެހެން އޮންނަނަ ހަދައިގެން އިތުރު ބަލިތައް ޖެހި އިތުރު މުޞީބާތްތަކުގެ ތެރެއަށް ވެއްޓެނީއެވެ. ހިތްވަރު އެލި ކުރިއަށް ހިނގައިގަތުމުގެ ބާރުވެސް ކެނޑިގެންދަނީއެވެ. 

މިކަންކަމުގެ ވާހަކަތަކަކީ ހަމައެކަނި ޢިލްމުވެރިން ދައްކަވާ ވާހަކަތަކެއް ނޫނެވެ. އެންމެންގެ ލޯތަކަށް ކޮންމެ ދުވަހަކުހެން ފެންނަމުން އަންނަ ކަންކަމެވެ. ނަމަވެސް ވިސްނައިނުލެވެނީއެވެ. 

ދެން ބަލައިލަންވީ ވިސްނައި ނުލެވޭ ސަބަބަށެވެ. އެސަބަބަކީ އެމީހާގެ ހިތުގައި ﷲ ތަޢާލާގެ ރަޙްމަތަށް އޮންނަ އިތުބާރުކުޑަކަމެވެ. އުޅެވެނީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތާއި މާދުރުން ކަމަށްވުމުން ﷲ ތަޢާލާގެ ރަހްމަތަށް އޮންނަންޖެހޭ ޔަޤީންކަން ނުލިބެނީއެވެ. 

އެއްވެސް މީހަކީ ކޮންމެ ވަޤުތެއްގައިވެސް ޙާލަތު ބަދަލުވެގެންނުދާނެ މީހެއް ކަމަށް ނުދެކޭށެވެ! އެންމެންގެ ޙާލަތުވެސް ﷲ ތަޢާލާ ބަދަލުކުރައްވަވާނެތެވެ. ހިތާމަތަކުގައި ތިބޭ މީހުން އެކަމުން ސަލާމަތް ކުރައްވަވާނެތެވެ. އަދި އުފާވެރިކަމުގައި ތިބޭ މީހުންނަށް ހިތާމަތައްވެސް ކުރިމަތިކުރައްވަވާނެތެވެ. ވީމާ އަހުރެމެން ކޮންމެ މީހަކަށްވެސް އޮތީ އެފަދަ ވަޤުތުތައް ކުރިމަތިވާނެ ކަމަށް ބަލައި ﷲ ތަޢާލާ އާއި ބާއްވަންޖެހޭ ގުޅުން ބަދަހިކުރަމުން ގެންދިއުމެވެ. ކިޔަމަންތެރި އަޅެއްގެ ގޮތުގައި ދުނިޔޭގައި އުޅުމެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން