ލޮބުވެތި ކަނބަލުންނޭވެ! ﷲ ގެ ޙަޟްރަތުގަ ހުއްޓިހުންނަން ޖެހޭނެއިރު މުޅި ގައިގަ ނަރަކައިގެ ހުޅުހިފާފައިވާ މީހަކަށް ވެދާނެކަމަށް ބިރުނުގަންނަނީ ކީއްވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 16ސ
ލޮބުވެތި ކަނބަލުންނޭވެ! ﷲ ގެ ޙަޟްރަތުގަ ހުއްޓިހުންނަން ޖެހޭނެއިރު މުޅި ގައިގަ ނަރަކައިގެ ހުޅުހިފާފައިވާ މީހަކަށް ވެދާނެކަމަށް ބިރުނުގަންނަނީ ކީއްވެ؟

މިއީ ވެސް ދައްކަން ލަދުވެތި ވާހަކައަކަށްވެދާނެއެވެ. ނަމަވެސް ނުދައްކައި ފުއްދައިލެވެން ނެތް ވާހަކައެކެވެ. ސަބަބަކީ ރިވެތި އަޚްލާޤީ ސިފަތައް ނެތްބައެއްގެ ގާތުގައި އެންމެ ފުރަތަމަ ދައްކަންޖެހޭނީ އެކަމުގެ ވާހަކަތަކެވެ. ފާފަތަކަށް އަރައިގަންނަމުންދާ ބައެއްގެ ގާތުގައި ދައްކަންޖެހޭނީ ފާފަކުރުން ހުއްޓާލުމުގެ ވާހަކައެވެ. ދެވޭ ދީނީ ނަޞޭޙަތަކުން އެއްވެސް ފައިދާއެއް ކުރާނީ އެއިރުންކަމަށްވާތީއެވެ. 

އަޅުގަނޑުމެންގެ ލޮބުވެތި އުޚުތުންގެ ތެރެއިން "ސޯޝަލް" ވުމުގެ ނަމުގައި ފިޔަޖަހަމުން އުދުހޭ ކަނބަލުން އުދުހޭ ސަބަބު ހޯދަން އެކި ފެންވަރުގައި ތަފާތު ދިރާސާތައް ކުރެވިއްޖެއެވެ. ވަރަށް ގިނަ ފަޜާތްތަކުން އެކަމުގައި ދިރާސާތައްކޮށްފިއެވެ. 

ކުރެވުނު ދިރާސާތަކުގެ ތެރެއިން އެއްކުރެވިފައިވާ މަޢުލޫމާތަށްބަލާއިރު ގިނަ އަންހެނުން "އުދުހެން" ފަށަނީ ދިރިއުޅުމުގެ އަސާސީ ބޭނުންތައް ނުފުއްދިގެނެއް ނޫނެވެ. ކުރަންބޭނުންވާ ޚަރަދުތައް ބޮޑެތިވެ އިތުރު ފައިސާ ހޯދާށެވެ! އަދި ކީއްހެއްޔެވެ؟ ކުރެވިފައިވާ ބައެއް ދިރާސާތަކުން އެނގޭ ގޮތުގައި "އުދުހެން" ފަށާ އެއްސަބަބަކީ އެކުވެރިންނާއި އެއްފެންވަރަކަށް ނަލަހެދި ރީތިވެ މޭކަޕްކޮށް ސެންޓުޖެހުމެވެ. 

މިހުރީ ވަރަށް ހިތާމަހުރި ކަންކަމެވެ. ދިރިއުޅުމުގެ އަސާސީ ބޭނުންތައް ނުފުއްދިގެންވެސް ﷲ ތަޢާލާ ޙަޜާމްކުރައްވަވާފައިވާ މަގަކުން ފައިސާހޯދުން ހުއްދަވެގެންނުވާއިރު މިބަޔާންކުރި ފަދަ ކަންކަމަށް ބޭނުންވާ ފައިށާ ހޯދަން ޙަރާމްކަންކަން ކުރަން ހެޔޮވާނީ ކިހިނަކުންހެއްޔެވެ؟ 

ލޮބުވެތިކަނބަލުންނޭވެ! ލާންގެންގުޅޭ ހެދުން ނުވީދޭނަމަ ކިތަންމެ ގިނަ އަހަރެއްވަންދެން ލާންޖެހުނަސް ކަންބޮޑުނުވާށެވެ! އެއީ ﷲ ތަޢާލާ ތިބާއަށް ލައްވަވާ ވަރަށް ބޮޑު ރަހްމަތެކެވެ. ދެއްވަވާ މިންވަރަށް ޝުކުރުވެރިވުންމަތީގައި ހުރިވަރަކަށް ތިބާގެ ދަރަޖަ ﷲ ތަޢާލާގެ ޙަޟްރަތުގައި ދާނީ އުފުލެމުންނެވެ. މޭކަޕްކުރުމާއި ސެންޓްޖެހުމާއި ޒީނަތްތެރިވުމުގައިވެސް އޮތީ ހަމަ މިގޮތެވެ! 

ވިސްނައިލާށެވެ! ތިބާއަށްވެސް ޤިޔާމަތް ދުވަހު ﷲ ތަޢާލާގެ ޙަޟްރަތުގައި ހުއްޓިހުންނަން ޖެހޭނެއެވެ. ގައިގައިވާ ފޭރާމާއި ގަހަނާތަކާއި މޭކަޕްތަކާއި ސެންޓަކީ ދުނިޔޭގައި ޙަރާމް ގޮތުގައި ހޯދީތީ އަލިފާނުންވާ ތަކެތިކަމުގައިވެއްޖެނަމަ ތިބާގެ ޙާލަކީ ކޮބައިހެއްޔެވެ؟ އެއިގެ އިތުރުން އެތަކެތިހޯދަން ތިބާކުރި ޙަރާމްކަންކަމުގެ ސަބަބުން ނަރަކައަށް ވަންނަންޖެހިއްޖެނަމަ ޙާލަކީ ކޮބައިހެއްޔެވެ؟ އެޙާލަތުގައި "ކޫލް" ވެވޭނެ ހެއްޔެވެ؟ 

ލޮބުވެތި ކަނބަލުންނޭވެ! އާދޭސްކޮށްފައި ބުނަމެވެ. އެންމެ ފުރިހަމަ ގޮތުގައި ﷲ ތަޢާލާއަށް ބިރުވެތިވާށެވެ! ތިއަ ކަނބަލުންނަށް ޝައިޠޯނާގެ ވަސްވާސްތައް ދީގެން ތިއަކަނބަލުން ނަރަކައަށް ވައްދުވަން މަސައްކަތްކުރާ ޝައިޠޯނުންގެ އަޑުނުއަހާށެވެ! އެމީހުންގެ ބަސް ޤަބޫލުނުކުރާށެވެ! ހަމައެއްވެސް ބޭނުމެއް ނުފުދި ކިތަންމެ ދަތިޙާލުގައި ދިރިއުޅެންޖެހުނަސް ޙަރާމް ގޮތުގައި އެންމެ ފައިސާ ފޮތްޗެއްވެސް ނުހޯދާށެވެ! ނަރަކައަށް ބިރުވެތިވުމަކީ އެއީއެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން