ދުނިޔަވީ މަސައްކަތްތައް ނިންމާފައި އަޅުކަންކުރަން ވިސްނާ މީހާއަށް އޮންނާނީ އަޅުކަންކުރުމުގެ ފުރުޞަތު ނުލިބިފައެވެ. ﷲ ތަޢާލާއަށް އަދާކުރަންޖެހޭ ޙައްޤުތައް އަދާ ނުކުރެވިފައެވެ. ވީމާ ކޮންމެ ދުވަހެއްގެވެސް ތާވަލު ރާވައިލާއިރު ފުރަތަމަ ކަމެއްގެ ގޮތުން ﷲ ތަޢާލާއަށް އަދާކުރަންޖެހޭ ޙައްޤުތައް އަދާކުރުން ލިސްޓްކުރާށެވެ! ނޫންނަމަ އާޚިރަތް ދުވަހު އެންމެ ބޮޑަށް ހިތާމަކުރަންޖެހޭ އަޅުންގެތެރޭގައި ހިމެނިދާނެ ކަމަށް ބިރުވެތިވާށެވެ!
ﷲ ތައާލާ އިބިލީހަށް ލަޢްނަތް ލެއްވެވީ ހުރިހައި ނިޢްމަތްތަކެއް ދެއްވެވުމުން ވެސް ޝުކުރުވެރި ނުވެ ބޮޑާވެ ކިބުރުވެރިވެ ﷲ ތައާލާގެ އަމުރުފުޅަށް ނުކިޔަމަންތެރިވުމުންނެވެ. އަހަރެމެންނަކަށް ނިޢްމަތްތަކެއް ނުދެއްވަވާ ހެއްޔެވެ؟ އުފާވެރިކަމާއި ރަނގަޅު ޞިއްޙަތާއި ތަނަވަސް ކަމާއި މިހެންގޮސް ނުދެއްވަވަނީ ކޮން ނިޢްމަތެއް ހެއްޔެވެ؟
މިހުރިހައި ނިޢްމަތްތަކެއްގައި އުޅުމުގެ ފުރުޞަތު 24 ގަޑިއިރު ދެއްވެވުމަށްފަހު މިއަންގަވަނީ އެއިގެ ތެރެއިން ދާދި ކުޑަ ވަގުތުކޮޅެއް ﷲ ތަޢާލާގެ މަގުގައި ހޭދަކުރުމަށެވެ. ފަރުޟު 5 ނަމާދު އެންމެ 24 މިނީޓު ތެރޭ ކޮށްލެވިދާނެއެވެ. ދެން މިއަންގަވަނީ ސުންނަތް ނަމާދުތައް ކުރުމަށާއި ކީރިތި ޤްރްއާން ކިޔަވައިލުމަށާއި ޛިކްރް ކުރުމަށް ކުޑަ ވަގުތުކޮޅެއް އިތުރަށް ހޭދަކޮށްލުމަށެވެ. އެވަރު ނުކުރެވޭނަމަ އަހަރެމެންގެ ކިބައިގައި ހުރީ ކޮން އިޚްލާޞްތެރިކަމެއް ހެއްޔެވެ؟
ކޮންމެ ދުވަހަކުވެސް ﷲ ތަޢާލާއަށް ދޭންޖެހޭ ވަގުތުކޮޅު ނުދެވޭނަމަ ކުރަންޖެހޭ ހިތާމަ ވަރަށް ބޮޑުވާނެ ކަމަށް މިބުނަނީ ކޮންމެ ދުިވަހަކުވެސް ކޮންމެހެން ކުރަންޖެހޭ ކަންތައްތަކެއް ﷲ ތަޢާލާ ވަނީ ކަނޑއަޅުއްވަވައިފައެވެ. އެކަންކަން ކުރުމުފައި ފޭލްވެއްޖެނަމަ ނަރަކައަށް ވަންޖެހޭނެކަންވެސް ﷲ ތަޢާލާގެ ވަހީ ބަސްފުޅުން އެނގެން އޮތުމުންނެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން