ދަރިންތަކަކާއިއެކު އެކަނިވެރިވެ ޙާލުގަޖެހޭ މައިންނަށް އެކަން އުފާވެރިކަމަކަށް ބަދަލުވާނެ މަގު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 36ސ
ދަރިންތަކަކާއިއެކު އެކަނިވެރިވެ ޙާލުގަޖެހޭ މައިންނަށް އެކަން އުފާވެރިކަމަކަށް ބަދަލުވާނެ މަގު-

އިންސާނުންގެ ޙަޔާތުގައި ކުރިމަތިވާ ކޮންމެ ކަމަކީވެސް ﷲ ތަޢާލާގެ ޙަޟްރަތުން ކުރިމަތިކުރައްވަވާ ކަންކަމެވެ. އެއީ އިއްތިފާޤަކުންވެސް ނޫނެވެ. އަދި އޮޅުމެއްވެސް ނޫނެވެ. ހަމަ އެމީހަކަށް ކުރިމަތިކުރައްވަވާ ކަންކަމެވެ. 

ކޮންމެ މީހެއްގެ ކިބައިގައިވާ ޤާބިލްކަމާއި އެހެންވެސް ކަންކަން އެންމެ މޮޅަށް ދެނެވޮޑިގެންވަނީ އެނިޢްމަތް ދެއްވެވި ﷲ ތަޢާލާއެވެ. "އެއްވެސް ނަފްސަކަށް ނުއުފުއްލޭނެ ވަރުގެ ތަކްލީފެއް އެއްވެސް މީހަކަށް ނުޖައްސަވާކަމަށް" ވަޙީކުރައްވަވާފައި އެވަނީ އެހެންވެގެންނެވެ. 

ވަރަށް ޢާންމުކަމެއްގެ ވާހަކަ ބުނެލާނަމެވެ. އިންސާނުންގެ ތެރޭގައި ނުބައި މީހުން ގިނަވެ ކައިވެނި ރޫޅައިލުމަށްފަހު ދަރިންނަށް އަޅައިވެސް ނުލާ ބައްޕައިން މިދަނީ ގިނަވަމުންނެވެ. ދަރިންކޮޅު މަގުމައްޗަށް ނެރެލަން ނުވަތަ އުކާލަން ކެރެނީ މައިންގެ ތެރެއިން ވަރަށް މަދު ބައަކަށެވެ.   

ލޮބުވެތި މައިންނޭވެ! އެއީވެސް ކުރިމަތިކުރައްވަވާ ވަރަށް ވަރުގަދަ އިމްތިޙާނެކެވެ. ތިބާގެ އަތުގައި އެއްވެސް ތަނަވަސްކަމެއް ނެތްކަން ނުވަތަ ތަނަވަސްކަން ހުރި މިންވަރު އެކަލާނގެ ދެނެވޮޑިގެންވެއެވެ. އެޙާލަތުގައި ކުދިންކޮޅު ގޮވައިގެން ދިރިއުޅެންޖެހޭނެ ޙާލަތުވެސް ދެނެވޮޑިގެންވެއެވެ. އެފަދަ ކަންކަން އެކުރިމަތިކުރައްވަވަނީ އަހުރެމެންނަށްވުރެ މާބޮޑަށް އަހުރެމެންގެ ޙާލަތު ދެނެވޮޑިގެންވާޙާލުގައެވެ.   

ވީމާ ކިތަންމެ ދަތިޙާލެއްގައި ދިރިއުޅެންޖެހުނަސް ﷲ ތަޢާލާގެ މަގާއި ދުރުނުވާށެވެ! ވީހާބޮޑަށް ކިޔަމަންތެރިކަން އަދާކުރަން މަސައްކަތްކުރާށެވެ! ދަތިޙާލުގައި ﷲ ތަޢާލާގެ މަގުގައި ޘާބިތުވެއްޖެނަމަ ދެއްވަވާނެ ނިޢްމަތްތައް މާބޮޑެތިވެފައި މާގިނަވާނެއެވެ. 

ޔަޤީންކުރާށެވެ! "އަތުގައި އެއްވެސް ތަނަވަސްކަމެއް ނެތި ސަލާންޖަހަން ޖެހޭ ޙާލުގައިވެސް މިވަރުގެ ކަމެއް ކުރިމަތިކުރެއްވެވީ ﷲ ތަޢާލާއެވެ! އަހުރެންގެ ކެތްތެރިކަން އިމްތިޙާނު ކުރެއްވެވުމަށެވެ. ފާސްވުމުން ލައްވަވާ ރަޙްމަތް ހާދަބޮޑުވާނެއެވެ!" އެކަންކަން ޔަޤީންކުރާ އަޅަކަށް ތައުފީޤް ދެއްވަވާނެތެވެ! އެޙާލަތުން އަރައިގަނެވޭނެ މަގު ދައްކަވާނެތެވެ! އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން