ޢިބްރަތްތެރި ވާހަކަ: ރަނގަޅު ފިރިއަކު ލިބުމުންވެސް އިޞްލާޙް ނުވެވުނު އަންހެނަކަށް ކުރިމަތިވި ހިތްދަތިޙާލަތު- ކޮންމެ ދުވަހަކު ކަރުނައަޅަންޖެހޭ ޙާލަތު އޭނާގެ ދުލުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 1ސ
ޢިބްރަތްތެރި ވާހަކަ: ރަނގަޅު ފިރިއަކު ލިބުމުންވެސް އިޞްލާޙް ނުވެވުނު އަންހެނަކަށް ކުރިމަތިވި ހިތްދަތިޙާލަތު- ކޮންމެ ދުވަހަކު ކަރުނައަޅަންޖެހޭ ޙާލަތު އޭނާގެ ދުލުން!

އަޅުގަނޑަކީ ރަނގަޅު ވަޒީފާއެއްގައި އުޅުނު އަންހެނަކީމެވެ. ލިބުނީވެސް ވަރަށް ހެޔޮލަފާ ފިރިއެކެވެ. ވަރަށް ހެޔޮ ނަޞޭޙަތްވެސް ދެއެވެ. އެކަމަކުވެސް އަޅުގަނޑަށް ބޮޑަށް އެނބުރެވުނީ ވަޒީފާގައި އެކުގައި އުޅޭ އެކުވެރިންގެ ބަހަށެވެ. 

އެހެންވެ ދިރިއުޅެވުނީ ވަރަށް ގޯސްކޮށެވެ. ފިރިމީހާއަށް ވަފާތެރިއެއް ނުވެވުނެވެ. ދޭތެރެއަކުން ނުބައި ކަމެއް ކުރެވެއެވެ. 2 ދަރިން ލިބުނު ފަހުންވެސް އުޅުން އިޞްލާޙެއް ނުކުރެވުނެވެ. ދުވަހަކުވެސް އަޅުގަނޑަށް ކުރެވޭ ކުށެއް ފަޅާ ނުއަރާތީ ހިތާމައެއް ކުރިމަތިވެދާނެކަމާއިމެދު ވިސްނައިވެސް ނުލެވެއެވެ. 

އެހެން ހުއްޓައި ޖެހުނު ބައްޔެއްގައި ބޮޑު އޮޕަރޭޝަނެއް ކުރަން ޖެހުނެވެ. އޮޕަރޭޝަނަށްފަހު އަޅުގަނޑަށް ފިރިއަކު ބޭނުމެއް ނުވެއެވެ. މިބުނީ އެއްދާންކުރަން ބޭނުން ނުވާ ވާހަކައެވެ. އެކަންކުރަން އުލެފިނަމަ އަނިޔާލިބޭ ވާހަކައެވެ. އެކަމަކު އެއްދާންކުރާހިތް ވަރަށް ވެއެވެ. ކުރާހިތްވީނަމަވެސް ކުރެވޭނެ ގޮތެއް ނުވެއެވެ. 

ފިރިމީހާއަކީ ވެސް އަޅުގަނޑު ފަދައިން ޒުވާނެކެވެ. އަމިއްލަ މަސައްކަތުން ދިރިއުޅޭ މީހެކެވެ. ލިބުނު ފުރުޞަތުގައި އޭނާ އިތުރު 2 އަނބިންނާއި ކައިވެނިކުރިއެވެ. 3 އަނބިންވެސް އުޅެނީ އެއް ގެއެއްގައެވެ. އިތުރު 2 އަނބިން ހޯދިނަމަވެސް އޭނާ އަޅުގަނޑަށް އަޅައިލައެވެ. އެހެންވީމާ ބުނެވޭނެ އެއްޗެއް ނެތެވެ.

މިއަދު އަޅުގަނޑު ހިތަށް އަރައެވެ. ހެޔޮލަފާ ފިރިއަކު ލިބުމުން އެކަން ބަލައި ނުގަނެ އެކުވެރިންގެ ބަހަށް ހެއްލެވުނުކަމުގެ ހިތާމަ ކުރަން މިއަދު މިވަނީ ޖެހިފައެވެ. މުޅި ޢުމުރަށެވެ. ފިރިމީހާ އެރެއަކު ރޭކުރާ އަނބިމީހާ އާއިއެކު ނިދަން ކޮޓަރިއަށް ވަންނަ މަންޒަރު ފެނުމުން ކޮންމެ ރެއަކު ރޮވެއެވެ. އެކަމަކު ކަރުނައަޅަން އިންނަން ޖެހުން ނޫން ގޮތެއް ނެތެވެ. ފިރިމީހާ އަޅުގަނޑަށްވެސް ރެއެއް ދެއެވެ. ނަމަވެސް އެކަމުގެ ޙަޤީޤީ އުފަލުން އަޅުގަނޑު މިވަނީ މަޙްރޫމްވެފައެވެ. ޝަކުވާ ކުރެވޭކަށް ނެތެވެ. ކުށްވެރިއަކީ އަހުރެންނެވެ. 

މިއީ މިއަދުނޫހުގެ ކިޔުންތެރިންނަށް ކުޑަކޮށް ތަފާތު ވާހަކައަކަށްވެދާނެއެވެ. އެއީ އަންހެނަކު އަމިއްލައަށް އޭނާއަށް ކުރެވުނު ކުށް ކިޔައިދޭތީއެވެ. އަޅުގަނޑުގެ ބޭނުމަކީ އަޅުގަނޑު ފަދައިން އާވާރާވެވިގެން އުޅޭ އަންހެނުންނަށް ފިލާވަޅަކަށްޓަކައި އަޅުގަނޑުގެ އަމިއްލަ ތަޖުރިބާ ހާމަކުރުމެވެ. 

އަޅުގަނޑު ތައުބާވެއްޖައީމެވެ. ވަޤުތު ފާއިތުވީއެވެ. ތައުބާ ނުވެވި މާލަސްވީއެވެ. މިއަދުނޫހުގެ ކިޔުންތެރިންނަށް އަޅުގަނޑުގެ ޙަޔާތުގެ މިވާހަކަ މިކިޔައިދިނީ ޢިބްރަތަކަށެވެ. އެކުވެރިންގެ އަވާގައި ޖެހިގެން ނަމަވެސް އެހެން ގޮތަކުން ނަމަވެސް ފާފަނުކުރަން ބުނުމަށެވެ. ފިރިންނަށް ބޭވަފާތެރި ނުވަން ބުނުމަށެވެ. އެކަން އެމީހަކާއި އަރާ ހަމަކުރާނީ ކޮން ވަޤުތަކު ކޮން ސިފައެއްގައިކަން ނުއެނގޭނެ ވާހަކަ ބުނުމަށެވެ. 

ދުޢާއަކީ އަޅުގަނޑުގެ ފާފަތައް ފުއްސަވައި ދެއްވެވުމެވެ. އަދި އަޅުގަނޑުފަދައިން މަގުގެއްލިފައިވާ ހުރިހާ އަންހެނުންނަށްވެސް ތެދުމަގު ދެއްކެވުމެވެ. ޢާމީން 

- ސަކީނާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން