ގެއްލުންދޭން މަސައްކަތްކުރާ މީހުންގެ ކިބައިން ސަލާމަތްކޮށްދެއްވެވުން އެދި ކޮންމެ ދުވަހެއް ފަށަންވެސް މިފަދަ ދުޢާއެއް ކުރަން މަސައްކަތްކުރާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 6ސ
ގެއްލުންދޭން މަސައްކަތްކުރާ މީހުންގެ ކިބައިން ސަލާމަތްކޮށްދެއްވެވުން އެދި ކޮންމެ ދުވަހެއް ފަށަންވެސް މިފަދަ ދުޢާއެއް ކުރަން މަސައްކަތްކުރާށެވެ!

މުސްލިމުންނަށް ކޮންމެ ދުވަހެއްވެސް ފަށަން އޮތީ ފަތިސްނަމާދުންނެވެ. ފަތިސްނަމާދުކޮށް ޛިކުރުތައް ކިޔައި ނިންމައިލާއިރު މިފަދަ ދުޢާއެއްވެސް ކުރަން މަސައްކަތްކުރާށެވެ!

ވަކިކަމަކުން ނޫނެވެ. ކޮންމެ ކަމަކުންވެސް އަހުރެމެންނަށް ގެއްލުންދޭން މަސައްކަތްކުރާ އެތައް ބައަކު އެބައުޅެއެވެ. ޢާންމު ދިރިއުޅުމުގެ ކަންކަމުގައިވެސް އަދި ދީނާއި ގުޅުންހުރި ކަންކަމުގައިވެސްމެއެވެ. އެކަން އެނގޭއިރު އެންމެ މުހިންމު ކަމަކީ ރައްކައުތެރިކަމަށް އެދިގެން ދުޢާކުރުމެވެ.  

ޔާ ﷲ! ޢަދާވާތްތެރިންގެ އަނިޔާތަކުން އަޅަމެންނަށް ސަލާމަތްކަމާއި ރައްކައުތެރިކަން މިންވަރުކުރައްވަވާނދޭވެ. އަދި އަޅަމެންނާއިމެދު ކުށް ހީތައްކޮށް އަޅަމެންނަށް ގެއްލުންދޭން މަސައްކަތްކުރާ އެންމެންގެ ކިބައިންވެސްމެއެވެ.  

ޔާ ﷲ! އަޅަމެންގެ ހިތްތައް ޠޯހިރުކޮށްދެއްވަވައި އެންމެހައި ރަނގަޅު ކަންތައްތަކުން އެހިތް ފުރާލައިދެއްވަވާނދޭވެ! އަދި އަޅަމެންގެ ވަށައިގެންވާ މީހުންނަކީ ހެޔޮ ޢަމަލުތައްކުރުމަށާއި ސާފުސީދާ މަގުގައި ޘާބިތުވެ ތިބުމަށް ހިތްވަރުދޭ ބައަކު ކަމުގައި ލައްވަވާނދޭވެ!  

ޔާ ﷲ! އަޅަމެންނަށް ހެޔޮމަގަށް ތައުފީޤް ދެއްވަވާނދޭވެ! އަދި އަޅަމެންނަށް ނުބައި ޢަމަލެއް ކުރެވެން އުޅޭނަމަ އެކަމެއް ނުކުރުމުގެ ވިސްނުން އަޅަމެންނަށް ދެއްވަވާނދޭވެ! އާމީން   

- މުފްތީ މެންކްގެ ދަރުސަކުން

މިއަދު އޮންލައިން